ޚަބަރު

ކުރިއަށް އޮތް ތިން ގަޑިއިރުވެސް އުތުރުގެ 6 އަތޮޅަށް މޫސުން ވަރަށް ގޯސް


ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި ކުރިއަށްއޮތް 3 ގަޑިއިރުވެސް އުތުރުގެ އަތޮޅުތަކަށް ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް މެޓު އޮފީހުން ލަފާކޮށްފިއެވެ.

މި މިވަގުތުތަކުގައި ހއ.އަތޮޅުން ފެށިގެން ބ.އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވަނީ މިސަރަޙައްދުގެ ރަށްތަކަށް ޔެލޯ އެލަރޓް ނެރެފައެވެ. މެޓު އޮފީހުން މިއެލަރޓް ނެރެފައިވަނީ 1830ގެ ނިޔަލަށެވެ. މިވަގުތުގައި ބޯކޮށްވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށްވެސްވަނީ ލަފާކޮށްފައެވެ.

މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ބަޔަކަށް އަންނަނީ ވިއްސާކުރަމުންނެވެ. ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މެޓު އޮފީހުން ވިދާޅުވީ ކުރިއަށްއޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު ބޮޑަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވެނީ އުތުރުގެ އަތޮޅުތަކަށްކަމަށެވެ. އަދި މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް މިހާރުކުރަމުންދާ ވިއްސާރަ އަލިކުރާނެކަމަށް ލަފާކުރެވެނީ ބުދަދުވަހުން ފެށިގެންކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރަމުންދާއިރު ވިއްސާރައިގެ ސަބަބުން ވެދާނެ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ. އެގޮތުން ވައިގަދަވުމުގެ ސަބަބުން ފުރާޅު އެއްލާލުން ފަދަ ކަންކަމުން ރައްކާތެރިވުމަށް ފިޔަވަޅުތައް ވަރުގަދަކުރުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އުދައިގެ އަސަރު ކުރާނެކަމަށް ލަފާކުރެވޭ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް ޔެލޯ އެލަރޓް ޢާއްމުކޮށްފައިވާ ގަޑިތަކުގައި ކަނޑުދަތުރު ނުކުރުމަށްވަނީ އިރުޝާދުދެއްވާފައެވެ.