ޚަބަރު

ދަނޑުވެރިކަމަށް ޚާއްސަ އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފްކުރަނީ


ދަނޑުވެރިކަންކުރުމަށް ޚާއްސަ އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްޙޫރިއްޔާ މިހެން ވިދާޅުވީ ކާށިދޫގެ ދަނޑުވެރިންނާއި ކުރެއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްޙޫރިއްޔާ ކާށިދޫއަށް ކުރައްވާ މި ދަތުރުފުޅަކީ 2022 ވަނަ އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ކާށިދޫ ދަނޑުވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވީ ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުން މަސައްކަތްކޮށްދެއްވާނެކަމަށެވެ. އެގޮތުން ދަނޑުވެރިކަން ކުރުމަށް ޚާއްސަ އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފުކުރުމުގެ މަސައްކަތް މިހާރު ކުރައްވާކަމަށް ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކާށިދޫގައި ކުރިއަށްދާ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމާއިއެކު ކާށިދޫގެ މަގު ހެދުމުގެ މަސައްކަތް ފެށިގެންދާނެކަމަށްވެސް މި ބައްދަލުކުރެއްވުމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދަނޑުވެރިން ވަނީ ދިމާވާ ގޮންޖެހުންތަކާއި މަސައްކަތްކުރުމަށް ދިމާވާ ދަތިތައް ރައީސުލްޖުމްޙޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ދަނޑުވެރިކަން ކުރުމުގައި ބިން ލިބުމުގައި ދިމާވާ ދަތިތަކާއި ބިމެއް ނެތި ރަނގަޅު ދަނޑުވެރިކަމެއް ނުކުރެވޭނެކަން ވަނީ ފާހަގަކޮށްފައެވެ. އަދި ލޯނު ލިބުމުގައި ދިމާވާ ދަތިތަކަކާއި ދަނޑުތަކަށް ދިމާވާ ތަފާތު ބަލިތަކުގެ ވާހަކަތައްވަނީ ހިއްސާކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސެއިން ރަޝީދު ހަސަންއާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލްގެ އިތުރުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސްގެ ދަތުރުފުޅުގައި ވަނީ ދަނޑުވެރިންގެ ދުވަހާއި ގުޅުވައި ކ.ކާށިދޫގައި ބާއްވާފައިވާ ދަނޑުވެރިންގެ މައުރަޒަށްވެސް ޒިޔާރާތްކުރައްވާފައެވެ.

ދަނޑުވެރިންގެ މައުރަޒަށް ޒިޔާރާތްކުރައްވާ ރައީސުލްޖުމްޙޫރިއްޔާ ވަނީ މައުރަޒުގަ ހުރި ސްޓޯލްތައް ބައްލަވާލައްވާފައެވެ. އަދި ސްޓޯލްތަކުގައި ހުރި ދަނޑުވެރިކަމާއި ގުޅުން ހުރި ތަކެތި ބައްލަވާލައި ސްޓޯލްތަކުން މައުލޫމާތު ވަނީ އޮޅުންފިލުއްވާފައެވެ.

ދަނޑުވެރިންގެ މި މައުރަޒުގައި 19 ފަރާތަކުން ބައިވެރިވެފައިވާއިރު އޭގެތެރެއިން 8 ފަރާތަކީ ކާށިދޫގެ ދަނޑުވެރިންނެވެ.