ރާއްޖޭގެ މުޅި އިޤްތިޞާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށެވެ. ނަމަވެސް އިޤްތިޞާދު އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތުމަކީ އެންމެ އެކަށީގެންވާ ގޮތްނޫންކަމަށް އިޤްތިޞާދީ މާހިރުން ދެކެވަޑައިގަންނަވައެވެ. އެހެންކަމުން ޙާއްސަ އިސްކަމެއް ދެއްވައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ އިޤްތިޟާދު އެއް ސިނާއަތަކަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށްގެނެސް އިޤްތިޞާދުގައި އެހެން ސިނާއަތް ހިއްސާކުރާ މިންވަރު އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ.
އިޤްތިޞާދު ސިންދަފާތުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ސަރުކާރުން ކުރަމުންދާ އެންމެ މުހިއްމު މަސައްކަތަކީ އެކި ސިނާއަތްތައް ކުރިއެރުވުމެވެ. އެގޮތުން ދަނޑުވެރިކަމަކީ ސަރުކާރުން ކުރިއަރުވަން މަސައްކަތް ކުރާ އެއް ދާއިރާއެވެ. ދަނޑުވެރިންގެ ކުރިއެރުމަށް ކުރާ މަސައްކަތުގެ ދަށުން ދަނޑުވެރިކަމަށް ޙާއްސަ ކުންފުންޏެއް ވަނީ އުފައްދާފައެވެ.
އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ނަމުގައި އުފެއްދި މި ކުންފުނީގެ މަސައްކަތް ފަށައިގަނެފައިވަނީ ކޯވިޑް19ގެ އެންމެ އުނދަގޫ ދަނޑިވަޅުގައެވެ. މީގެސަބަބުން އެ ކުންފުންޏަށް ގޮންޖެހުންތަކަކާއިވެސް ކުރިމަތިލާން ޖެހުނެވެ. ނަމަވެސް މި ގޮންޖެހުންތަކާއިއެކުވެސް އެ ކުންފުނީގެ މަސައްކަތްތައް ދިޔައީ ކާމިޔާބު ކަމާއެކު ކުރިއަށެވެ.
ދަނޑުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަބަދުވެސް އެންމެ ބޮޑު ޝަކުވާއަކީ އެމީހުން އުފައްދާ އުފެއްދުންތައް މާކެޓް ނުކުރެވި އެ އުފެއްދުންތަކަށް ހަމަ އަގު ލިބިގެން ނުދިއުމެވެ. ނަމަވެސް އެގްރޯ ނެޓުން ވަނީ ދަނޑުވެރިންނަށް މިކަމުގެ ޔަޤީންކަންދީ ދަނޑުވެރިންގެ އަތުގައި ހިފައިގެން ކުރިއަށްގޮސްފައެވެ.
އެގޮތުން ދަނޑުވެރިންނާއެކު އެއްބަސްވުންތައް ހަދައި "ކޮންޓްރެކްޓް ފާމިންގ"ގެ މަސައްކަތް 2020 ވަނަ އަހަރުގެ އޮގަސްޓުމަހު އެގްރޯނެޓުން ފެށިއެވެ. މިމަޝްރޫއަކީ ދަނޑުވެރިންނާއެކު އެއްބަސްވުންތައް ޤާއިމްކޮށް ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީ އެފަރާތްތަކުން ހައްދާ ތަކެތި ދާއިމީކޮށް އެ ކުންފުނިން ގަތުމުގެ މަޝްރޫއެކެވެ. މީގެސަބަބުން ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ލިބި، ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހަމަ އަގު ލިބިގެންވެސް ދެއެވެ.
އެންމެ ފުރަތަމަ އެގްރޯނެޓުން ދަނޑުވެރިންނާއެކު ކޮންޓްރެކްޓް ހަދާފައި ވަނީ 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ލ. އަތޮޅުގެ ދަނޑުވެރިންނާ އެކުއެވެ. މިއާއިއެކު، ދަނޑުވެރިންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބި، ކޮންޓްރެކްޓް ފާމިންގެ މަޝްރޫއު ދުވަހެއް ދުވަހަކަށް ދިޔައީ ފުޅާވަމުންނެވެ.
އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއިން މަޢުލޫމާތުދޭ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ދަނޑުވެރިކަން ކުރުމަށް 1888 ދަނޑުވެރިންނަށް ހުށައެޅުނުއިރު އޭގެ ތެރެއިން ޝަރުޠު ހަމަވާ 715 ދަނޑުވެރިންނާ އެކު މިހާރު ވަނީ ކޮންޓްރެކްޓް ހަދާފައެވެ. އަދި މިހާރު 90 އަށްވުރެ ގިނަ ދަނޑުވެރިން މި މަސައްކަތް ކުރަމުންދާއިރު، އޭގެ 47 އިއްސައްތަ އަކީ އަންހެނުންކަމަށް އެގްރޯ ނޭޝަންސްއިން ބުނެއެވެ.
ކޮންޓްރެކްޓް ފާމިންގެ ސަބަބުން ދަނޑުވެރިންނަށް އެތައް ފައިދާތަކެއް ލިބި، އޭގެ ނަތީޖާ މިހާރު ފެންނަމުންދާއިރު، ކޮންޓްރެކްޓް ފާމިންގެ ދަށުން މަސައްކަތް ކުރާ ދަނޑުވެރިންގެ ފަރާތުން 142.3 ޓަނުގެ ތަރުކާރީއާއި މޭވާ މިހާތަނަށް ބާޒާރަށް ނެރެފައިވާކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ. އަދި ދަނޑުވެރިންނަށް މާލީ އެހީގެ ގޮތުގައި މިހާތަނަށް 4.4 މިލިއަން ރުފިޔާގެ ދަނޑުވެރިކަމުގެ ވަސީލަތްތައް، "ސްޓާޓަރ ޕެކް"ގެ ގޮތުގައި ފޯރުކޮށްދެވިފައިވާކަމަށްވެސް އެގްރޯނެޓުން މަޢުލޫމާތުދެއްވައެވެ.
ކޮންޓްރެކްޓް ފާމިންގގެ މަޝްރޫޢު ފުޅާވެ، ދަނޑުވެރިން އުފައްދާ މޭވާއާއި ތަރުކާރީގެ އަދަދު އިތުރުވެފައިވާއިރު، މިއުފެއްދުންތައް ރިސޯޓް މާކެޓާއި އެހެން ތަންތަނަށް ފޯރުކޮށްދިނުމުގެ ކުރިން ތާޒާކަން މަތީ ރައްކާކުރުމަކީ ވަރަށް މުހިންމުކަމެކެވެ. އެހެންކަމުން މިކަމަށް އެހީތެރިވުމުގެ ގޮތުން 6 ރަށެއްގައި ޑިސްޓްރިބިޔުޝަން ސެންޓަރެއް އެގްރޯނެޓުން ވަނީ ޤާއިމްކޮށްފައެވެ.
އަދި އިތުރު 3 ރަށެއްގައި ޑިސްޓްރިބިޔުޝަން ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާއިރު، މިއޮކްޓޫބަރުމަހުގެ ތެރޭގައި އެ މަސައްކަތްތައް ނިމި، އެ ތަންތަނުން ޚިދުމަތް ދޭން ފެށޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. ޑިސްޓްރިބިއުޝަން ސެންޓަރުތައް ޤާއިމްކުރުމުގެ އިތުރުން އަވިން ހަކަތަ އުފައްދައިގެން ހިންގާ ކޯލްޑް ސްޓޯރޭޖް ފެސިލިޓީތަކެއް ވަނީ އެކުންފުނިން ޤާއިމްކޮށްފައެވެ. އަދި މިސްޓޯރޭޖް ފެސިލިޓީތަކުން ދަނޑުވެރިންނަށް ޚިދުމަތް ދޭން ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުން ކަމަށް އެކުންފުނިން ވިދާޅުވެއެވެ.