ރާއްޖޭގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އދގެ އާއްމު މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން އދ.ގެ ޕްލެޓްފޯމަކީ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ މައްސަލަތަކުގެ ވާހަކަތައް ދައްކާ، ދުނިޔޭގެ ފެންވަރުގައި މަޝްވަރާ ކުރެވޭ ތަނަކަށް ހެއްދެވިކަމަށް އދ.ގެ ދާއިމީ މެމްބަރުން ވިދާޅުވެއްޖެއެވެ.
ފޮރިންގ މިނިސްޓަރ ޝާހިދުގެ ދައުރުހަމަވުމާއި ގުޅިގެން އެމަނިކުފާނުގެ ދައުރުގެ ތެރޭގައި ކުރެއްވި މަސައްކަތްޕުޅުތަކާއި ގުޅޭގޮތުން އދ.ގެ ދައީމީ މެމްބަރުން ވަނީ އެމަނިކުފާނު ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކަށް ތަޢުރީފުކުރައްވާފައެވެ.
އދ.ގެ ޢާއްމު މަޖިލީހުގެ ރައީސްގެ ގޮތުގައި ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ރިޔާސަތަކީ ފާހަގަކޮށްލެވޭ ރިޔާސަތެއްގެ ގޮތުގައި އދ.އަށް އެކި ޤައުމުތަކުން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބުން ވިދާޅުވެއެވެ. އެމަނިކުފާނުގެ އެއްއަހަރުގެ ދައުރު ނިމުމާއި ގުޅިގެން އދ.އަށް ޤައުމުތަކުން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުން ވަނީ މިނިސްޓަރ ޝާހިދުގެ މަސައްކަތްޕުޅު ފާހަގަކުރައްވާ، ތަޢުރީފުކުރައްވާފައެވެ.
އދ.ގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެއިން ކުރިމަތިލައި، އެމަޤާމަށް ޢަބްދުﷲ ޝާހިދު ފަދަ މުރާލި ޑިޕްލޮމެޓިކް ގުޅުންތައް ދަމަހައްޓަވަން އެނގިވަޑައިގަންނަވާ ބޭފުޅަކު ހަމަޖައްސަވާ ދެއްވީތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ދިވެހި ދައުލަތަށް އދ.ގެ މަންދޫބުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އދ.ގެ މަންދޫބުން ފާހަގަކުރެއްވި ގޮތުގައި މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ރިޔާސަތުގައި އަންހެނުންނައި ޒުވާނުން ބާރުވެރިކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އަދި ކުދި ދައުލަތްތަކާއި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ އެކި ގޮންޖެހުންތަކާއި ނުރައްކަލުގެ ވާހަކަތައް ދެކެވޭ، އަދި އެފަދަ ކަންކަމާއި މެދު މަޝްވަރާކުރެވޭ ފަދަ ތަނަކަށް އދ.ގެ ޕްލެޓްފޯމް ހައްދަވައިދެއްވާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.
އދ.ގެ ރިޔާސަތަށް ޢަބްދުﷲ ޝަހިދު ވަޑައިގަތީ އުނދަގޫކަންތައްތަކެއް ޙާސިލުކުރައްވަން ނަމަވެސް އެކި ޤައުމުތަކާއި ގުޅިގެން ކެތްތެރިކަމާއެކު ކުރެއްވި މަސައްކަތްޕުޅުތަކުގެ ސަބަބުން ގިނަ ކަންތައްތަކެއް ޙާސިލުވިކަން މަންދޫބުންވަނީ ފާހަގަކުރައްވާފައެވެ.
އެމަނިކުފާނުގެ ރިޔާސަތުގައި ގިނަ ޤަރާރުތަކެއް އެކުލަވާލައި ފާސްކުރައްވާ އދ.އަށް ކުރިއަށްވުރެ ބޮޑު ސަމާލުކަމެއް ހޯއްދަވައިދެއްވިކަން މަންދޫބުންވަނީ ފާހަގަކުރައްވާފައެވެ. އަދި ވަރުގަދަ ތަސައްވުރަކާއެކު ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ޙައްލު ހޯއްދެވުމަށް ޤައުމުތަކާއެކު ހަމަހަމަ އުސޫލެއްގެ މަތިން ފޮރިންގ މިނިސްޓަރ ޝާހިދު ކުރެއްވި މަސައްކަތްޕުޅު ފާހަގަކޮށް އދ.ގެ މަންދޫބުންވަނީ ޝުކުރުއަދާކުރައްވާފައެވެ.
އދ.ގެ ޢާއްމު މަޖިލީހުގައި ރާއްޖޭގެ ފޮރިންގ މިނިސްޓަރވަނީ އެއް އަހަރުގެ މުއްދަތުގައި ރާއްޖެ ތަމްސީލުކުރައްވާފައެވެ. މި އެއް އަހަރުގެ ތެރޭގައި ރާއްޖެއާއި ދުނިޔޭގެ ލާބައަށް އެމަނިކުފާނުވަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ. މީގެކުރިން ޚާރިޖީ ގޮތުން އެކަހެރިވެފައިވާ ރާއްޖެއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސިޔާސަތާއެއްގޮތަށް އަލުން ޤައުމުތަކާއި ގުޅުން ބަދަހިކުރެއްވުމަށް މިއެއްއަހަރުގެ ތެރޭގައިވެސް މުހިއްމު މަސައްކަތްތަކެއްވަނީ ކުރައްވާފައެވެ.
އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތު ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ފުރުއްވާފައިވާއިރު، މިއީ އދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ރާއްޖެ ހިމެނުނުފަހުން، އެޖަމިއްޔާގެ މިހާ މަތީ މަޤާމެއް ދިވެއްސަކު ފުރުއްވި ފުރަތަމަ ފަހަރެވެ.