ޚަބަރު

އީރާނުގެ އިވީން ޖަލުގައި ނުރައްކާތެރި ހަމަނުޖެހުންތަކަކާއި ބޮޑު ހުޅުގަނޑެއް


އީރާނުގެ އިވީން ޖަލުގައި ހަމަނުޖެހުންތަކެއް ހިންގައި، އެ ތަނުގައި ރޯކޮށްލައިފިއެވެ. ސޯޝަލް މީޑިޔާގައި ޢާންމު ކޮށްފައިވާ ވީޑިޔޯތަކުން ފެންނަނީ ޖަލުގައި ބޮޑު އަލިފާންގަނޑެއް ރޯވެ، އަނދަމުންދާ މަންޒަރެވެ. އަދި، އިވެނީ ބަޑި ޖަހާ އަޑުފައްގަނޑެވެ. އީރާނުގެ އަމަން ބަލަހައްޓާ އިދާރާތަކުން މިހާރު ވަނީ ޖަލު ހުންނަ ސަރަޙައްދު މުޅިން ބަންދު ކޮށްލާފައެވެ.

ޖަލުގެ މުވާސަލާތީ ޚިދުމަތްތައް ވެސް އީރާނުގެ ފުލުހުން ވަނީ ކަނޑައިލާފައެވެ. އަދި، ގިނަ އަދަދެއްގެ ބަޔަކު އެމްބިޔުލާންސްތަކުގައި ގެންދާ މަންޒަރު ފެނުނު ކަމުގައި އިރާނުގެ އެކްޓިވިސްޓުން ބުނެއެވެ. ނަމަވެސް، މި ހާދިސާތަކުގައި މަރުވި، އަދި ޒަޚަމުވި މީހުންގެ އަދަދު އީރާނުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އީރާނުން ބުނީ ޖަލުގައި ބަންދުކޮށްފައި ތިބި މީހުން ހަޅުތާލުކޮށް، އެ ތަނުގެ ތެރޭގައި ހުޅުޖަހާފައިވާ ކަމުގައެވެ. އަދި، މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކޮށް، ޢާންމު ހާލަތަކަށް ޖަލު ގެނެވިފައިވާ ކަމުގައި ވެސް އީރާނުން ބުނެއެވެ. ޖަލުގައި ހަޅުތާލު ފަށާފައި ވަނީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އުމުރުން 22 އަހަރުގެ އަންހެން ކުއްޖެއް ކަމުގައިވާ މަޙްސާ އަމީނީ މަރުވި ހާދިސާއާ ގުޅިގެން އީރާނުގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ މުޒާހަރާތަކާ ގުޅުވައި ކަމަށް ބެލެވެއެވެ.

އިވީން ޖަލަކީ ސިޔާސީ ކުށްވެރިން ބަންދު ކުރާ ޖަލެއް ކަމުގައި އިންސާނީ ހައްޤުތައް ހިމާޔަތް ކުރަން މަސައްކަތް ކުރާ ހުޅަނގުގެ ޖަމުޢިއްޔާތަކުން ބުނެއެވެ. މަހްސާގެ މަރާ ގުޅިގެން އީރާނުގެ ވެރިކަމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ބައިވެރިވި އެތަކެއް ހާސް ބަޔަކު ވެސް އެ ޖަލުގައި ތިބި ކަމަށް ހައްޤުތަކާ ބެހޭ ޖަމުޢިއްޔާތަކުން ތުހުމަތު ކުރެއެވެ.

ޖާސޫސް ކުރުމާއި އެ ފަދަ އެހެން ކުށްތަކުގެ ތުހުމަތުގައި އީރާނުން ހައްޔަރު ކޮށްފައިވާ ބޭރު ޤައުމުތަކުގެ ރައްޔިތުން ވެސް ބައިތިއްބާފައި ތިބެނީ އިވީން ޖަލުގައެވެ. އެ ތަނުގައި ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ފަރަންސޭސި ވިލާތުގެ ރައްޔިތެއް ކަމުގައިވާ ފަރީބާ އަދެލްޚާއާއި އެމެރިކާގެ ރައްޔިތެއް ކަމުގައިވާ ސިއަމަކް ނަމާޒީ ހިމެނޭ ކަމުގައި ހައްޤުތަކުގެ ދިފާޢުގައި ވަކާލާތު ކުރާ ޖަމުޢިއްޔާތަކުން ބުނެއެވެ.

މީގެ އިތުރުން، ފިލްމު އުފައްދާ މީހެއް ކަމުގައިވާ ޖައުފަރު ޕަނާހީއާއި އިސްލާޙަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމުގައިވާ މުޞްޠަފާ ތަޖްޒާދޭ ވެސް ހުރީ އިވީން ޖަލުގައި ބަންދުކޮށްފައި ކަމަށް ބެލެވެއެވެ. އޮސްޓްރޭލިޔާ ރައްޔިތުން ކަމުގައިވާ ކައިލީ މޯ-ގިލްބަރޓް ދޫކޮށްލާފައި ވަނީ 800 އަށްވުރެ ގިނަ ދުވަހު އިވީން ޖަލުގައި ބަންދުގައި ބެހެއްޓުމަށް ފަހުއެވެ.