ޚަބަރު

ރަޝިޔާގެ ތެޔޮ ވަޅަކަށް ވަރުގަދަ ހަމަލާތަކެއް ދީފި


ރަޝިޔާއާއި ޔޫކްރެއިނު ގުޅޭ ސަރަޙައްދީ ރިނގު ކައިރީގައި އޮންނަ ރަށެއް ކަމުގައިވާ ބެލްގޮރޮޑްގައި ހުންނަ ތެޔޮ ވަޅަކަށް ހަމަލާ ދީފިއެވެ. ރަޝިޔާގެ އޮފިޝަލުން ބުނީ، ތެޔޮ ވަޅަށް އަމާޒުކޮށް ބޮން އެޅުމުގެ ސަބަބުން ހަތަރު މީހުން ޒަޚަމުވި ކަމުގައެވެ. މި ހަމަލާތަކާ ގުޅިގެން ތެޔޮ ވަޅުގައި އަލިފާން ރޯވިއެވެ.

އަނިޔާވި ހަތަރު މީހުންގެ ތެރެއިން ތިން މީހަކީ އެއް ޢާއިލާއެއްގެ ތިން މީހުން ކަމަށާއި، މީގެ ތެރެއިން ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމުގައި ބެލްގޮރޮޑްގެ ގަވަރުނަރު ވިޔަޗެސްލާވް ގްލެޑްކޮފް ބުންޏެވެ. ތެޔޮ ވަޅުގެ އިތުރުން ބެލްގޮރޮޑްގައި ޢާންމުން ދިރިއުޅޭ ޢިމާރާތްތަކަށް ވެސް ބޮން އަޅާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

މި ހަމަލާތަކުގައި 20 ޢިމާރާތަކަށް ގެއްލުންވި ކަމަށާއި، މިއީ ސީރިޔަސް ކުށެއްގެ ގޮތުގައި ބަލައިގެން މި ހާދިސާ ތަހުޤީޤު ކުރަމުންދާ ކަމުގައި ރަޝިޔާއިން ބުނެއެވެ. 330,000 މީހުންގެ އާބާދީއެއް އޮންނަ ބެލްގޮރޮޑް އޮންނަނީ ޔޫކްރެއިނާ 40 ކިލޯމީޓަރު ދުރުގައެވެ. މިއީ ޔޫކްރެއިން ސިފައިން އާޓިލަރީ ބަޑި ބޭނުންކޮށްގެން ދީފައިވާ ހަމަލާތަކެއް ކަމުގައި ރަޝިޔާއިން ތުހުމަތު ކުރެއެވެ.

ބެލްގޮރޮޑްއަށް އަމާޒުކޮށް ދޭ ހަމަލާތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އޮކްޓޫބަރު 14ވަނަ ދުވަހު އެ ރަށުގެ ކަރަންޓު ސަބްސްޓޭޝަނަކަށް ވެސް ވަނީ ހަމަލާ ދީފައެވެ. މި ހަމަލާއާ ގުޅިގެން އެ ރަށުގެ ބައެއް ހިސާބުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނެވެ. އޮކްޓޫބަރު 13ވަނަ ދުވަހު ދިން ހަމަލާތަކެއްގައި ރަޝިޔާގެ ހަތިޔާރު ގުދަނެއް ވެސް ވަނީ ހަލާކު ކޮށްލާފައެވެ.

އޮކްޓޫބަރު 15ވަނަ ދުވަހު ހަތިޔާރު އެޅި ދެ މީހަކު ވަނީ ބެލްގޮރޮޑްގައި ހުންނަ އަސްކަރީ ތަމްރީނު ދޭ މަރުކަޒަކަށް ހަމަލާދީފައެވެ. މި ހަމަލާގައި 11 މީހުން މަރުވި ކަމަށާއި، މަރުވި މީހުންނަކީ ޔޫކްރެއިނު ހަނގުރާމައިގައި ބައިވެރިވުމަށް އަލަށް ރެކްރޫޓް ކުރި ސިފައިން ކަމުގައި ރަޝިޔާއިން ބުނެއެވެ. މިއީ، ޓެރެރިސްޓް ހަމަލާއެއްގެ ގޮތުގައި ވެސް ރަޝިޔާއިން ސިފަ ކުރެއެވެ.

ރަޝިޔާއާއި ޔޫކްރެއިނުގެ ދެކުނުގައި އޮންނަ ކްރައިމިޔާ ގުޅައިދޭ މައި ބުރިޖަށް ވެސް ދާދި ފަހުން ވަނީ ވަރުގަދަ ހަމަލާއެއް ދީފައެވެ. ޔޫކްރެއިނަށް އަރައި ހަނގުރާމަ ކުރަމުންދާ ރަޝިޔާ ސިފައިންނަށް ހަތިޔާރާއި އެހެނިގެން މުދާ ފޯރުކޮށްދިނުމަށް ބޭނުން ކުރާ މައި ބުރިޖަށް ހަމަލާ ދީފައި ވަނީ އުޅަނދެއްގައި ބޮމެއް ގޮއްވައިލައިގެންނެވެ.

ބުރިޖަށް ބޮޑެތި ގެއްލުންތަކެއް ލިބުނު މި ހަމަލާގެ ފަހަތުގައި ވަނީ ޔޫކްރެއިނުގެ ސްޕެޝަލް ފޯސް ސިފައިން ކަމުގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި، މި ހަމަލާގެ ރައްދުގައި ރަޝިޔާއިން ވަނީ ޔޫކްރެއިނުގެ ވެރިރަށް ކީވްއާއި މައި އެހެން ރަށްތަކަށް ބޮން އަޅައި ޢާންމުންގެ ގިނަ އަދަދެއްގެ ބަޔަކު މަރައިލާފައެވެ.