ޚަބަރު

ޝަހީދުކޮށްލާފައިވާ ފަލަސްޠީނު މީހެއްގެ ޖަނާޒާ ބާއްވައިފި


ޔަހޫދީންގެ އަތްގަދަ ކޮށްފައިވާ ފަލަސްޠީނުގެ ބިމެއް ކަމުގައިވާ ހުޅަނގު އައްސޭރިއަށް އިސްރާޢީލުގެ ސިފައިން އަރައި ހިންގި އުދުވާންތަކެއްގައި ޝަހީދު ކޮށްލާފައިވާ މީހެއްގެ ޖަނާޒާގައި އެތަކެއް ސަތޭކަ މީހުން ބައިވެރިވެއްޖެއެވެ. ޔަހޫދީ ސިފައިން ދިން ނުރައްކާތެރި ބަޑީގެ ހަމަލާތަކުގައި ޝަހީދުވެފައި ވަނީ އުމުރުން 30 އަހަރުގެ މުޖާހިދު ދާވޫދެވެ.

ދާވޫދު ޝަހީދު ކޮށްލާފައި ވަނީ ޔަހޫދީ ސިފައިން ހުޅަނގު އައްސޭރީގެ ނާބުލުސް ކައިރީގައި އޮންނަ ރަށެއް ކަމުގައިވާ ޤިރާވަތު ބަނީ ޙަސަނުގައެވެ. މި އުދުވާންތަކުގައި ފަލަސްޠީނުގެ އިތުރު ދެ މީހަކު ވަނީ ޒަޚަމު ކޮށްލާފައެވެ.

ޔަހޫދީ ސިފައިން ބުނީ ދާވޫދު ޝަހީދު ކޮށްލައި އިތުރު ދެ މީހަކު ޒަޚަމު ކޮށްލާފައި ވަނީ ސިފައިންނާ ދިމާލަށް ގައު އުކުމުގެ ކުށުގައި ކަމުގައެވެ. ޔަހޫދީންގެ މި ފަދަ ހަމަލާތަކުގައި މި އަހަރުގެ ތެރޭގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ އަދަދު މިހާރު ވަނީ 100އިން މައްޗަށް އަރާފައެވެ. މިއީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި އެންމެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދު ކޮށްލާފައިވާ އަހަރެވެ.

ހުސްވި ހަފުތާ ބަންދުގެ ތެރޭގައި ޔަހޫދީ ސިފައިން ވަނީ ފަލަސްޠީނުގެ އިތުރު ދެ މީހަކު ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ފަލަސްޠީނުގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ޑޮކްޓަރެއް ކަމުގައިވާ ޑރ ޢަބްދުالله އަލް-އަޙްމަދު ވެސް ހިމެނެއެވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ އޭނާގެ ބޮލަށް ބަޑި ޖަހައިގެންނެވެ.

ޔަހޫދީންގެ އިސްތިއުމާރީ ސިފައިން ދެވަނައަށް ޝަހީދު ކޮށްލާފައި ވަނީ މަޠީން ޑެބަޔާ ކިޔާ މީހެކެވެ. މި ދެ މީހުން ޝަހީދު ކޮށްލުމަށް ޖަނީންގެ ރެފިޔުޖީ ކޭމްޕެއްގައި ޔަހޫދީންގެ ސިފައިން ހިންގި އޮޕަރޭޝަންގައި ފަލަސްޠީނުގެ އިތުރު ފަސް މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ.

އޮކްޓޫބަރު 8ވަނަ ދުވަހު ހިންގި އުދުވާންތަކެއްގައި ވެސް ފަލަސްޠީނުގެ ދެ ޒުވާނަކު ވަނީ ޝަހީދު ކޮށްލާފައެވެ. އަދި، ދެ ދުވަސް ފަހުން ދިން ހަމަލާތަކެއްގައި ފަލަސްޠީނުގެ 12 އަހަރުގެ ކުއްޖަކު ވެސް ޝަހީދު ކޮށްލިއެވެ. ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށް އަރައި މުސްލިމުން އަޅުވެތި ކޮށްފައި ވަނީ 1978 ވަނަ އަހަރުގެ ހަ ދުވަހުގެ ހަނގުރާމައިގައެވެ.

ފަހަކަށް އައިސް ޔަހޫދީ ސިފައިން ކޮންމެ ދުވަހަކު ވެސް ހުޅަނގު އައްސޭރީގެ ބިންތަކުގައި އުދުވާންތައް ހިންގައެވެ. މި އުދުވާންތަކުގެ ބޭނުމަކީ މި އަހަރުގެ ކުރީކޮޅު އިސްރާޢީލުގައި ދިން ހަމަލާތަކެއްގައި ޒިންމާވާ މީހުން ހޯދުން ކަމުގައި އެ ޤައުމުން ބުނެއެވެ.

ފަލަސްޠީނުގެ ރެފިޔުޖީން ދިރިއުޅޭ ގިނަ އަދަދެއްގެ ކޭމްޕުތަކަކަށް ވަދެނިކުތުން ވެސް ޔަހޫދީންގެ ސިފައިން ވަނީ މަނާ ކޮށްފައެވެ. އަދި، އެ ކޭމްޕުތަކުގެ ތެރޭގައި އެތަކެއް ހާސް ރެފިޔުޖީންނެއް ބަންދު ކޮށްފައެވެ. މީގެ އިތުރުން، ފަލަސްޠީނުގެ 164 މީހަކަށް އިސްރާޢީލަށް އެތެރެވުމަށް އޮތް ހުއްދަ ވެސް އެ ޤައުމުން ވަނީ ބާޠިލު ކޮށްފައެވެ.