ޚަބަރު

އެންމެބޮޑު ހުރަހަކީ ދަނޑުވެރިން އުފައްދާ ތަކެއްޗަށް އެކަށީގެންވާ އަގު ނުލިބުން: މިނިސްޓަރ


ދަނޑުވެރިކަން ކުރިއެރުވުމުގައި ރާއްޖޭގައި ޒަމާނުއްސުރެ އޮތް އެންމެބޮޑު ހުރަހަކީ، ދަނޑުވެރިން އުފައްދާ ތަކެތި އެކަށީގެންވާ އަގެއްގައި ނުވިއްކުމުގެ މައްސަލަކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ 2022ވަނަ އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މާލެ އަތޮޅު ކާށިދޫގައި ކުރިއަށްދާ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހެވެ. މީގެއިތުރުން ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުއްﷲ ޖާބިރާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވީ ދަނޑުވެރިކަން ކުރިއެރުވުމަށް ރާއްޖޭގައި ޒަމާނުއްސުރެ އޮތް އެންމެބޮޑު ހުރަހަކީ، ދަނޑުވެރިން އުފައްދާ ތަކެތި އެކަށީގެންވާ އަގެއްގައި ނުވިއްކުމުގެ މައްސަލަކަމަށެވެ. އެގޮތުން މިމައްސަލަ ހައްލުކުރުމަށްޓަކައި މިސަރުކާރުން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިމައްސަލަ ހައްލުކުރުމަށް 2020ވަނަ އަހަރު ސަރުކާރުންވަނީ ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއްކަމަށްވާ އެގްރޯނެޓް އުފައްދާފަ. މިކުންފުނިން މިހާރުދަނީ ރާއްޖޭގެ ދަނޑުވެރިންނާއެކު ކޮންޓްރެކްޓް ހަދައި އެފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމުގެ މަސައްކަތް ފަށާފައި" މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށަކީ އޭގެ ޒާތުގައި ފެންފަށަލަ ލޮނުވެފައިވާ ރަށްރަށްކަމާއި މިފަދަ ބިމެއްގައި ދަނޑުވެރިކަންކުރުމަކީ އޭގެ ޒާތުގައިވެސް ދަނޑުވެރިކަމަށް އޮންނަ ބޮޑު ގޮންޖެހުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ދަނޑުވެރިކަން އިތުރަށް ފުޅާކުރުމަށް ބޭނުންވާ އިންވެސްޓްމަންޓް ޤާއިމްކުރުމަށް ބޭނުންވާވަރަށް ފައިސާވެސް ލިބޭކަށްނެތް. ފައިސާ ލިބުނު ނަމަވެސް ބިމުގެ ދަތިކަންވެސް ދިމާވޭ" މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ދަނޑުވެރިކަމުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތަކަށްވަނީ ޚާއްސަ ހަނދާނީ ފިލައާއި އެވޯޑް އަރުވާފައެވެ. އެގޮތުން 9 ފަރާތަކަށްވަނީ 13 އެވޯޑް އަރުވާފައެވެ. މި އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއެވެ.

ރަސްމިއްޔާތު ނިންމާލާފައިވަނީ ކާށިދޫގެ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ޖާފަތަކުންނެވެ.