ޚަބަރު

މޭރީގެ މަރު: އަޑުއެހުންތައް ސިއްރުނުކޮށް ހެކިބަސް ނަގަން ނިންމައިފި


އައިޖީއެމްއެޗުގެ ނަރުސް، މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ ފިރިމީހާ މާވިން އެސްވައި އާއި ފިރިމީހާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރުނުކޮށް މި މަހުގެ 31ވަނަ ދުވަހު އެ މަރުހަލާ ފެށުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހު މަރާލި މޭރީގެ މަރުގެ މައްސަލަ ފުލުހުން ތަޙުގީގުކުރަން ފެށީ، އެޙާދިސާއާ ގުޅިގެން އާދަޔާ ޚިލާފައި ކަންތައްތަކެއް ފާހަގަކުރެވިގެންނެވެ. އޭނާ މަރުވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާގެ ފިރިމީހާއެވެ. އޭރު އޭނާ ބުނީ މޭރީ ދަންޖެހިގެން އަމިއްލައަށް މަރުވީކަމަށެވެ. މޭރީގެ މަރުގެ މައްސަލާގައި ހެދި ޕޯސްޓްމޯޓަމް ރިޕޯޓްގައި ވާގޮތުން މޭރީ މަރާލާފައިވަނީ ނޭވާ ހާސްކޮށްލައިގެންނެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިންއާއި އޭނާ ލޯބިވެރިޔާ ޅ.ހިންނަވަރު މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހުމާންގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

މި މައްސަލާގައި މާވިންއާއި ލަމްހާގެ މައްޗަށް އުފުލާފައިވާ ދައުވާގައި މިއަދު ހަމަޖެހިފައި އޮތީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގަންފެށުމަށެވެ. އަޑުއެހުން ފެށުމުން ލަމްހާގެ ވަކީލް ވަނީ އަޑުއެހުން ސިއްރުކޮށްދޭން އެދިފައެވެ. އަޑުއެހުން ހާމަކޮށް ކުރިއަށް ގެންގޮސްފިނަމަ އަދުލުވެރިކަމަށް އަސަރުކޮށްފާނެކަމަށް ދިފާއީ ވަކީލް ވިދާޅުވިއެވެ. ނަމަވެސް މައްސަލަ ބައްލަވާ ޤާޟީ ނިންމެވީ ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރު ނުކުރުމަށެވެ.

މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އަދި ލަމްހާގެ މައްޗަށް އިތުރު 3 ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.

މާވިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ އިންކާރުކުރެއެވެ. ނަމަވެސް ދައުލަތުން ވަނީ އޭނާއާއި ދެކޮޅަށް 110 ހެއްކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި 74 ޝަފަހީ ހެކިންނާއި 36 ކިތާބީ ހެކި ހުށަހަޅާފައިވެއެވެ.

މޭރީ މަރާލިކަމުގެ ކުށް މާވިންއަށް ސާބިތުވެއްޖެނަމަ، އެ ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ. އަދި ލަމްހާގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާއެއް ސާބިތުވެއްޖެނަމަ ލަމްހާގެ މައްޗަށް 6އަހަރާއި 4މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.