ޚަބަރު

ޗައިނާގެ ކޮމިއުނިސްޓު ޕާޓީގެ ކޮންގްރެސްގައި ޝީއަށް 3ވަނަ ރިޔާސީ ދައުރެއް ކަށަވަރުވާނެތަ؟


ޗައިނާގައި ވެރިކަން ކުރާ ކޮމިޔުނިސްޓު ޕާޓީގެ 20ވަނަ ކޮންގްރެސް ވެރިރަށް ބެއިޖިންގގައި ފަށައިފިއެވެ. ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވާ މި ބައްދަލުވުމުގައި ޗައިނާގެ ހުރިހާ ޕުރޮވިންސަކުން 2,300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ. ކޮންގްރެސް ކުރިއަށް ދަނީ ބެއިޖިންގގައި ހުންނަ "ގްރެއިޓް ހޯލް އޮފް ދަ ޕީޕަލް"ގައެވެ.

މި އޮކްޓޫބަރު މަހުގެ 22ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ކޮންގްރެސްގައި ރައީސް ޝީ ޖިންގްޕިން ތިންވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ނިންމާނެ ކަމަށް ބެލެވެއެވެ. މިއީ އުމުރުން 69 އަހަރުފުޅުގެ ޝީގެ ސިޔާސީ ހަޔާތުގައި ތާރީޚީ ނިންމުމަކަށް ވާނެއެވެ. ކޮންގްރެސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޝީ ވަނީ ޗައިނާގެ ހާލަތާ ގުޅޭ ގޮތުން ދިގު ބަޔާނެއް އިއްވަވާފައެވެ.

ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ޝީ ވަނީ އޭނާގެ ރިޔާސަތުގައި ހޭދަވި 10 އަހަރުގެ ތެރޭގައި ޗައިނާއިން ބައިނަލްއަޤުވާމީ މަސްރަޙުގައި ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވައިލައްވާފައެވެ. އަދި، ޗައިނާއަކީ މިހާރު ދުނިޔޭގެ މައި އެއް ބާރު ކަން ފާހަގަކުރައްވައި، އޭނާ ވަނީ އޭނާގެ ސަރުކާރަށް އެއްބާރުލުން ދިނުމަށް ޗައިނާގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ރައްޔިތުންނަށް ގޮވައިލައްވާފައެވެ.

ޗައިނާ ސަރުކާރުގެ ބައެއް ސިޔާސަތުތައް ދިފާޢު ކުރައްވާ ވެސް ޝީ ވާހަކަފުޅު ދެއްކެވިއެވެ. މީގެ ތެރެއިން އެއް ކަމަކީ "ޒީރޯ-ކޮވިޑް" ސިޔާސަތެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ގެންގުޅޭ އެ ސިޔާސަތުގެ ދަށުން، ބަލި ޖެހިފައިވާ މީހަކު ފެންނަ ކޮންމެ އަވަށެއް އަދި ރަށެއް މުޅިން ފުރަބަންދު ކުރެއެވެ. އަދި، އެ ތަނެއްގެ ހުރިހާ ރައްޔިތުން ޓެސްޓު ހަދަން މަޖުބޫރު ކުރުވައެވެ.

މީގެ އިތުރުން ކޮރަޕްޝަން ނައްތައިލަން ޝީގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ވެސް އޭނާ ވަނީ ދިފާޢު ކުރައްވާފައެވެ. އަދި، ޗައިނާއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ދެ މައްސަލަ ކަމުގައިވާ، ހޮންގްކޮންގްގެ މައްސަލައާއި ތައިވާނުގެ މައްސަލައަށް އޭނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އެ ދެ ސަރަޙައްދުގެ ރައްޔިތުން މަސައްކަތް ކުރަމުން ދަނީ ޗައިނާގެ އަތްދަށުން މިނިވަން ކަން ހޯދާށެވެ. ނަމަވެސް، ޝީގެ "ވަން ޗައިނާ" ސިޔާސަތުގެ ދަށުން އެ ދެ ސަރަޙައްދަކީ ވެސް ޗައިނާގެ ބައެއްގެ ގޮތުގައި އެ ޤައުމުން ބަލައެވެ.

މި އަހަރުގެ ކޮންގްރެސްގައި ކޮމިޔުނިސްޓު ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ޝީއަށް އިތުރު ދައުރަކަށް ކާމިޔާބު ކުރެވޭނެ ކަމަށް ބެލެވެއެވެ. ކޮންގްރެސްގައި ޕާޓީގެ ސެންޓްރަލް ކޮމިޓީއަށް 200 މެންބަރުން ޢައްޔަން ކުރެވޭނެއެވެ. އަދި، ޕާޓީގެ އެންމެ ބާރުގަދަ ގުނަވަން ކަމުގައިވާ ސްޓޭންޑިންގ ކޮމިޓީއަށް ހަތް މެންބަރުން ޢައްޔަން ކުރެވޭނެއެވެ.

ޗައިނާގެ ކޮމިޔުނިސްޓު ޕާޓީގެ ކޮންގްރެސް އެންމެ ފަހުން ބާއްވާފައި ވަނީ 2017ވަނަ އަހަރުއެވެ. އެ ކޮންގްރެސްއާ އަޅައިބަލާއިރު، މި އަހަރު ކޮންގްރެސްގައި ބައިވެރިވި އަންހެނުންގެ އަދަދު 24 އިންސައްތައިން 27 އިންސައްތައަށް އުފުލިފައިވާ ކަމުގައި ޕާޓީން ބުނެއެވެ. މި އަހަރުގެ ކޮންގްރެސް ކުރިއަށް ދަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަކާ އެކުގައެވެ.