ޚަބަރު

ކޮލަމްބިޔާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 20 މީހުން މަރުވެއްޖެ


ކޮލަމްބިޔާގެ ހުޅަނގު ދެކުނުގައިވާ ހައިވޭއެއްގައި ދުއްވާފައި ދިޔަ ބަހެއް ފުރޮޅައިލުމުގެ ސަބަބުން ހިނގި އެކްސިޑެންޓެއްގައި 20 މީހުން މަރުވެއްޖެއެވެ. ޕޭން-އެމެރިކަން ހައިވޭގައި ހިނގި މި ހާދިސާގައި އިތުރު 15 މީހަކު ޒަޚަމުވިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ކޮލަމްބިޔާގެ ހުޅަނގުދެކުނުގައިވާ ޓުމާކޯއިން ފުރައިގެން އެ ޤައުމުގެ އިރުއުތުރުގައިވާ ކާލީއަށް ދަތުރު ކުރަމުންދިޔަ މަގުމަތީގައެވެ. މި ހާދިސާގައި ޒަޚަމުވި މީހުންގެ ތެރޭގައި އުމުރުން ތިން އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނޭ ކަމުގައި އޮފިޝަލުން ބުނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ، ބަހުގެ މެކޭނިކަލް ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން އުޅަނދުގެ ބުރެކި ފޭލުވެގެން ކަމަށް ބެލެވޭ ކަމުގައި ކޮލަމްބިޔާގެ އެއްގަމު ދަތުރުފަތުރާ ބެހޭ އިދާރާއިން ބުނެއެވެ. މި ހާދިސާގައި ބަހުގެ ތެރޭގައި ތާށިވި މީހުން ސަލާމަތް ކުރުމަށް ނުވަ ގަޑިއިރު މަސައްކަތް ކުރަން ޖެހުނު ކަމުގައި ވެސް އޮފިޝަލުން ބުނެއެވެ.