ޚަބަރު

ތުރުކީ ވިލާތުގެ ބޯޓުދެލި ނަގާ މައިނުގައި ހިނގި ޙާދިސާގައި މަރުވި މީހުންގެ ޢަދަދު 41އަށް


ތުރުކީ ވިލާތުގެ އުތުރުގައިވާ ބަރްޓިން ޕުރޮވިންސުގެ ބޯޓުދެލި މަގާ މައިނެއްގެ ތެރޭގައި ބާރުގަދަ އެއްޗެއް ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 41އަށް އަރައިފިއެވެ. ބާރުގަދަ ގޮވުމެއް ގޮވާފައި ވަނީ މައިންގެ 300 މީޓަރު އަޑީގައެވެ. މި ހާދިސާގައި މައިންގެ ތެރޭގައި 50 އަށްވުރެ ގިނަ މީހުން ތާށިވި ކަމަށް ބެލެވޭއިރު، އެ އެންމެން ވެސް މިހާރު ވަނީ ސަލާމަތް ކޮށްފައެވެ.

ބްލެކް ސީގެ އައްސޭރިފަށުގައިވާ ތުރުކީ ވިލާތުގެ ރަށެއް ކަމުގައިވާ އަމާސްރާގައި ހިނގި މި ހާދިސާގައި މައިންގައި މަސައްކަތް ކުރަމުންދިޔަ 28 މީހަކަށް އަނިޔާވިއެވެ. މައިންގެ ތެރޭގައި ބާރުގަދަ އެއްޗެއް ގޮވާފައި ވަނީ އެ ތަނުގެ ތެރޭގައި 110އަށްވުރެ ގިނަ މީހުން މަސައްކަތް ކުރަމުން ދިޔަ ވަގުތެއްގައެވެ.

މި ހާދިސާ ހިނގި ސަރަޙައްދަށް ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވަނީ ޒިޔާރަތް ކުރައްވާފައެވެ. އަދި، މައިންގެ ތެރޭގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލައްވާފައެވެ. މައިންގެ ތެރޭގައި ތާށިވި މީހުންގެ ތެރެއިން އެންމެ ފަހު މީހާގެ ހަށިގަނޑު ނެގި އިރު އުރުދުޣާން އެ ތަނުގައި ހުންނެވިއެވެ. އަދި، މި ހާދިސާގައި މަރުވި ބައެއް މީހުންގެ ކަށުނަމާދުގައި ވެސް އޭނާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

"މައިންގެ ތެރޭގައި ތާށިވި މީހުންގެ ފުރާނަ ސަލާމަތް ކުރަން ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު. ނަމަވެސް، މި ހާދިސާގައި 41 މީހެއްގެ ފުރާނަ ވަނީ ގެއްލިފައި،" އުރުދުޣާން ވިދާޅުވިއެވެ. އޭނާ ވަނީ މި ހާދިސާގައި ސަލާމަތް ކުރެވުނު މީހުންނާ ވެސް ބައްދަލު ކުރައްވާފައެވެ. އަދި، މި ހާދިސާގެ ފުރިހަމަ ތަހުޤީޤެއް ހިންގާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

މައިންގެ ތެރޭގައި ތާށިވި މީހުންގެ ތެރެއިން 58 މީހުން ސަލާމަތް ކުރެވުނު ކަމަށާއި، 28 މީހަކަށް މިހާރު ވެސް ފަރުވާ ދެމުން ދާ ކަމުގައި ދާޚިލީ ވަޒީރު ސުލައިމާން ސޮއިލޫ ވިދާޅުވިއެވެ. ގިނަ މީހުން މަރުވީ ފިހިގެން ކަމުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވިއެވެ.

މި ހާދިސާ ތަހުޤީޤު ކުރަމުންދާ އިދާރާއިން ކުރިން ބުނެފައި ވަނީ މައިންގެ ތެރޭގައި ބާރުގަދަ ގޮވުމެއް ގޮވާފައި ވަނީ އެ ތަނުގައި ބޭނުން ކުރަމުން ދިޔަ ޓްރާންސްފޯމަރަކަށް ކުރިމަތިވި މައްސަލައަކާ ގުޅިގެން ކަމުގައެވެ. ނަމަވެސް، އެ އިދާރާއިން ފަހުން ބުނީ، އެ ތަނުގައި ގޮވުމެއް ގޮވާފައި ވަނީ ނުރައްކާތެރި ގޭހެއް ކަމުގައިވާ މީތޭން ގޭސް އުފެދުމުގެ ސަބަބުން ކަމުގައެވެ.

2014ވަނަ އަހަރު ތުރުކީ ވިލާތުގެ ސޮމާގެ މައިންއެއްގައި ވެސް މި ފަދަ ނުރައްކާތެރި ހާދިސާއެއް ހިނގިއެވެ. އެ ހާދިސާގައި މައިންގެ ތެރޭގައި ބާރުގަދަ އެއްޗެއް ގޮވުމާ ގުޅިގެން 301 މީހުން މަރުވިއެވެ. އެ ހާދިސާގައި މައިންގެ ތެރޭގައި އެއްޗެއް ގޮވާފައި ވަނީ ފަރުވާ ކުޑަވުމުގެ ސަބަބުން ކަމަށް ތަހުޤީޤަށް ވަނީ ހާމަވެފައެވެ. އަދި، އެ ކަމާ ގުޅިގެން މައިންގައި މެނޭޖަރުންގެ ގޮތުގައި މަސައްކަތް ކުރި ފަސް މީހެއްގެ މައްޗަށް ދަޢުވާކޮށް، 22 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.