ޚަބަރު

އަރުޝަދުގެ މައްސަލަ ސުޕްރީމް ކޯޓަށް!


އަރުޝަދު ޚާލިދު- އަލޯރާގެ، ގދ. ހޯނޑެއްދޫގެ ނަމާއި އެކު ނުސްތަކުގެ ހެޑްލައިނަށް އަރައިފިނަމަ، އެނަމާ ވިދިގެން ދެން ކިޔާ ޢަދަދު ކުޑައެއް ނުވާނެއެވެ. އަރުޝަދުގެ ވާހަކަ އެންމެ ފުރަތަަ މިޑިއާތަކަށް ތިލަވީ 2020 ވަނަ އަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލެތެރެއިން އަތުލައިގަތް 9 ކިލޯ މަސްތުވާތަކެތީގެ ޚަބަރުންނެވެ. އެ މައްސަލާގައި 10 ގެއެއް ބަލާ ފާސްކޮށް 9 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަތް އިރު، ނުވަ ކިލޯ އަށް ވުރެ ގިނަ ޑަޔަމޯފިން އާއި ހަތަރު ގްރާމަށް ވުރެ ގިނަ ކޮކެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ އިތުރުން އެ މައްސަލާގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ކަމަށް ތުހުމަތު ކުރެވޭ 3.7 މިލިއަން ރުފިޔާ ވެސް އަތުލައިގަނެފައިވެއެވެ. އޭގެ ތެރެއިން ބައެއް ފައިސާ އަކީ ސީދާ އަރުޝަދު އަތުންނާއި އޭނާގެ އެކައުންޓުގެ އިތުރަށް އޭނާއާ ގުޅުން ހުރި ގެއެއްގައި ހުރި ތިޖޫރީއަކުން އަތުލައިގަތް ފައިސާކަން އޭރު މައްސަލާގެ ތަފްސީލްތަކުން ހާމަވެއެވެ.

މި މައްސަލާގައި ޑައިމޯފިން ޓްރެފިކްކުރިކަމުގެ ދައުވާ އަރުޝަދުގެ މައްޗަށް އުފުލި ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކަކާއި އެކު އަރުޝަދު ދޫކޮށްލާފައެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން އަމުރު ނެރުނު ނަމަވެސް މައްސަލާގައި އަރުޝަދު ސަލާމަތްވީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވެ މައްސަލަ ނިމުމުންނެވެ.

ސަބަބެއްގެ ގޮތުން ކްރިމިނަލް ކޯޓުން އޭރު ބުނީ ފެނުނު ތަކެއްޗާ އެ މީހުންނާ ގުޅޭނެ އެކަށީގެންވާ ހެކިތަކެއް ނެތް ކަމަށާއި، ފުލުހުން ގެއެއް ބަލައި ފާސް ކުރި ގޮތްވެސް ގޯސް ކަމަށެވެ. ހައްޔަރުކުރި 9 މީހުންގެ ތެރެއިން ކުށް ސާބިތުވީ އެންމެ 2 މީހުންގެ މައްޗަށެވެ.


މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، އޭނާ މިނިވަންވިތާ 3 މަސް ދުވަސް ތެރޭގައި އަނެއްކާވެސް އަރުޝަދުގެ ނަން އެރީ 119 ކިލޯގެ މަސްތުވާތަކެއްޗާ އެކުއެވެ. ފުލުހުން މާލެ ތެރޭގައި ހިންގި 48 ގަޑި އިރުގެ ދިގު އޮޕަރޭޝަނެއްގައި މާލެ ތެރެއިން އަތުލައިގަތީ ޑިސެމްބަރު 12 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި "ބަންގާ' ނަމަކަށް ކިޔާ ލޯންޗަކުން މާލެއަށް ގެނައި މަސްތުވާތަކެއްޗެވެ. އެ މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޓެކްސީއެއްގެ އިތުރުން، އަމިއްލަ ކާރަކުންނާއި ސައިކަލަކުން ޖުމްލަ 91 ޕެކެޓުގެ ޑްރަގް ހޯދައި 119 ކިލޯގެ ޑްރަގް އަތުލައިގަތެވެ.

ފުލުހުން ބުނިގޮތުގައި އެ ޑްރަގަކީ މީގެ ކުރިން ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި ދައުވާ ކުރި ގދ. ހޯނޑެއްދޫ، އަލޯރާ އަރުޝަދު ޚާލިދު އިސްވެ ހިންގާ ޑްރަގް ނެޓްވޯކުން އެތެރެ ކުރި ތަކެއްޗެވެ. މި މައްސަލާގައި ޖުމްލަ 5 މީގެއްގެ މައްޗަށް ތުހުމަތުކުރި އިރު ފުލުހުންނަށް އަތުލައިގަނެވުނީ އޭގެ ތެރެއިން 3 މީހުންނެވެ. އެއީ: އަހްމަދު މުޖާހިދު (29އ) - ގދ. ހޯޑެއްދޫ/އަލޯރާ، އަލީ ޒުބައިރު (52އ) - ގދ. ހޯޑެއްދޫ/ގުލޭނޫރަންމާގެ، އަހްމަދު ސުނައިނު (25އ) - ގދ. ހޯޑެއްދޫ/އިރުމަތީގެއެވެ. މިކަމުން ވެސް އަރުޝަދު ސަލާމަތްވީ އެ މަސްތުވާތަކެތި އަތުލައިގަތް ރޭ އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައިވާތީއެވެ.

މަސްތުވާތަކެތީގެ މިފަދަ ބޮޑެތި ތުހުމަތުތަކެއް އަރުޝަދުގެ މައްޗަށް ކުރެވި ނަމަވެސް، ރާއްޖެއިން ބޭރުގައި މިނިވަނެއްގެ ގޮތުގައި އުޅެމުން އަންނަނިކޮށް އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރަން ހައިކޯޓުން އަމުރުކުރީ، އެންމެ ފުރަތަމަ ފެންމަތިވި 9 ކިލޯ މަސްތުވާތަކެތީގެ މައްސަލާގެ އިސްތިއުނާފަށެވެ.

ހައިކޯޓުން އަރުޝަދު ހައްޔަރުކޮށްގެން ޝަރީޢަތަށް ޙާޟިރުކުރުމަށް އަމުރުކުރީ 7 ޖޫން 2022 ގައެވެ. އޭނާ ހައްޔަރުކުރެވުނީ ލަންކާގައި ހުރެފައި ދުބާއީއަށް ދިއުމުން އެތަނުން އޭނާ ޑީޕޯޓުކޮށްލުމާއި އެކު އެ ލަންކާއަށް އައުމަށްފަހު، އަނބުރާ ރާއްޖެއަށް އައުމުން ފުލުހުންވަނީ، މި މަހުގެ 10 ވަނަ ދުވަހުއެވެ. އެނާ ކޯޓަށް ހާޒިރު ކުރީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ 7:45 އަށެވެ. އެކަމަކު އެ ރޭ 7:08 ގައި ފުލުހުންވަނީ އަރުޝަދު ބަންދުން ދޫކޮށްލާފައެވެ. އޭނާ ބަންދުން ދޫކޮށްފައިވާކަން އެނގުނީ އަރުޝަދުގެ ފަރާތުން އޭނާ ބަންދުން ދޫކުރި ލިޔުން ހައިކޯޓާ ހިއްސާކުރުމުންނެވެ.

އެކަމުގައި ހައިކޯޓުގެ މައްސަލަ ބެއްލެވި ފަނޑިޔާރުން ވެސް ނުރުހުން ފާޅުކުރެއްވިއެވެ. އެގޮތުން ކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ބަންދުން ދޫކޮށްލި ގޮތެއް ބަލަންޖެހޭނެ ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރެއްގެ ގޮތުގައި އިންނެވި ފަނޑިޔާރު މުޙައްމަދު ނިޔާޒު ވިދާޅުވިއެވެ. އެކަމަކު ހައިކޯޓުން ވެސް އަރުޝަދު އިތުރަށް ބަންދުކޮށްފައެއް ނުވެއެވެ. އެ ކޯޓުން ވަނީ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު އޭނާ ދޫކޮށްލާފައެވެ.

މިކަމުގެ ދިފާއުގައި ފުލުހުން ބުނީ އަރުޝަދު ވެސް ދޫކޮށްލީ އެފަދަ އެހެން މައްސަލަތަކުގައި އަމަލުކުރާ އުސޫލުން ކަމަށާއި، މި ފަހަރު ވެސް ތަފާތު ގޮތަކަށް އަމަލު ނުކުރާ ކަމަށެވެ. އެކަމަކު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައި ބަޔާންކުރާގޮތުން ނަމަ ހައިކޯޓުގެ އެ އަމުރަކީ ފުލުހުންގެ އެއްވެސް ގަވާއިދަކަށް އޯވަރރޫލް ކުރެވޭނެ އަމުރެއް ނޫނެވެ. އެހެންވެ ފުލުހުން ކޯޓު އަމުރާ ހިލާފުވެފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލަން އިންޓެގްރިޓީ ކޮމިޝަނަށް ވެސް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ފޮނުވާފައިވާއިރު، އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް މިހާރު ވަނީ ހުށަހަޅާފައެވެ.

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ހިންގާ ކަމަށް އަރުޝަދުގެ މައްޗަށް ތުހުމަތުކޮށް، ގްރައުންޑް ލެވަލްގައި އޭނާ އެ މަސައްކަތްކުރާ ގޮތުގެ ބޮޑު ރިޕޯޓެއްވެސް ތަފްސީލާއި އެކު ފުލުހުން މީޑިއާތަކަށް ތިލަކޮށް، 119 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް، އެ މައްސަލަ އޭނާގެ މައްޗަށް އޮތް އިރުވެސް އޭނާ އަކީ އަދިވެސް މިނިވަނެކެވެ.