ޚަބަރު

އޮގަސްޓުމަހު ގްރީން ފަންޑުން 50 މަޝްރޫއަކަށް 107 މިލިއަން ރުފިޔާ


އޮގަސްޓުމަހު ގްރީން ފަންޑުން 50 މަޝްރޫއަކަށް 107 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އޮގަސްޓުމަހު ޚަރަދުކޮށްފައިވާ މިންވަރަކީ މިދިޔަ ޖުލައިމަހު ގްރީން ފަންޑުން ކުރި ޚަރަދާ އަޅާބަލާއިރު، %347 އިތުރު އަދަދެކެވެ.

ޖުލައިމަހު ގްރީން ފަންޑުން ޙަރަދުކޮށްފައިވަނީ، 38 މަޝްރޫޢަކަށް، 23.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ގްރީން ފަންޑު ރިޕޯޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޮގަސްޓުމަހު 50 މަޝްރޫޢަކަށް ޚަރަދުކޮށްފައިވާއިރު، އޭގެތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.

ގްރީން ފަންޑުން އޮގަސްޓުމަހު އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ:

- ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު – 19.5 މިލިއަން ރުފިޔާ
- ރ. އިނގުރައިދޫ ފެނާއި ނަރުދަމާގެ މަޝްރޫޢު – 11.7 މިލިއަން ރުފިޔާ
- ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު – 8.4 މިލިއަން ރުފިޔާ
- ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު- 7.1 މިލިއަން ރުފިޔާ

އޮގަސްޓުމަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ޖުމްލަ އަދަދު ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާއިރު، އޮގަސްޓުމަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއާއި، އެ ފައިސާ ޚަރަދު ކުރެވުނު ގޮތުގެ ތަފްސީލްވެސް ވަނީ ހާމަކޮށްފައެވެ.

މިއަހަރުގެ ފުރަތަމަ 8 މަސް ދުވަސްތެރޭ 681 މިލިއަން ރުފިޔާ ގްރީން ފަންޑަށް ލިބިފައިވާއިރު، އޭގެ ތެރެއިން 539 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި އޮގަސްޓުމަހުގެ ނިޔަލަށް ގްރީން ފަންޑުގައި ހުރީ 849 މިލިއަން ރުފިޔާއެވެ.

ގްރީން ފަންޑަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި ސިޓީ ހޮޓާތަކާއި ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.

ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކަށް އަންނަ ފަތުރުވެރިން، އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ދައްކަން ޖެހެއެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން، އެ ތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 3 ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސް ދައްކަންޖެހެއެެވެ.