ކުޅިވަރު

ބީއެމްއެލްއަށް އަމިއްލަ ބާރު ގެއްލުނުއިރު، އެފްއެސްއެމް އާއި ކަސްޓަމްސް އަދި ސްޓެލްކޯއަށް މޮޅެއް


ކުލަބު މޯލްޑިވްސް ކަޕް 2022 ގައި ކުލަބު އެއާޕޯޓްސްއާ އެއްވަރުވެ ޔުނައިޓެޑް ބީއެމްއެލްއަށް އަމިއްލަ ބާރު ގެއްލުނުއިރު، އެފްއެސްއެމް އާއި ކަސްޓަމްސް ރެކްރިއޭޝަން ކުލަބު އަދި ސްޓެލްކޯ ރެކްރިއޭޝަން ކުލަބުން ފުރަތަމަ މޮޅު ހޯދައިފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ހަތަރު މެޗު ކުޅުނުއިރު، ގްރޫޕް ޑީގައި ބީއެމްއެލް އާއި ކުލަބް އެއާޕޯޓްސް ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ބީއެމްއެލްއިން ނިންމާލީ ލީޑުގައި އޮވެގެންނެވެ. ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް މި ލަނޑު ބީއެމްއެލްއަށް ކާމިޔާބު ކޮށްދިނީ އިސްމައިލް އަލީފް އަޙްމަދެވެ. އެކަމަކު ދެވަނަ ހާފުގައި އެއާޕޯޓްސްއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 27 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ހުސައިންއެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި ބީއެމްއެލް އިން ވަނީ އަލުން ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހީމް ހަމްދާންއެވެ. އެކަމަކު އޭގެ އެއް މިނެޓު ފަހުން އެއާޕޯޓްސްއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަބޫބަކުރު ސިއްދީގެވެ.

ގްރޫޕް އީގައި ރާއްޖެ އޮންލައިން ކުލަބްގެ މައްޗަށް އެފްއެސްއެމް އިން ކުރިހޯދީ 5-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ހަތްވަނަ މިނެޓުގައި އެފްއެސްއެމް އިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުޙައްމަދު ޖުމާންއެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ރާއްޖެ އޮންލައިން އިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ މުއާޒްއެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެފްއެސްއެމް އިން ވަނީ ކައިރި ކައިރީގައި ދެ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑުތައް އެފްއެސްއެމްއަށް ޖަހާ ދިނީ މުޙައްމަދު ތޯހިރާއި އަބްދުﷲ ޒިޔާންއެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން މުހައްމަދު ތޯހިރު ވަނީ އިތުރު ލަނޑެއް ޖަހާ އެފްއެސްއަށް ލީޑު ނަގައިދީފައެވެ. އެކަމަކު މެޗުގެ 30 ވަނަ މިނެޓުގައި ރާއްޖެ އޮންލައިންގެ ނާސިފް ހުސެއިން ވަނީ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. އެކަމަކު މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އެފްއެސްއެމްގެ އަޙްމަދު ވިޖުދާން ވަނީ އެ ޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ.

މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް އީގައި ސްޓެލްކޯ އާއި ހޯމް އެފެއާޒް ރެކްރިއޭޝަން ކުލަބް ބައްދަލުކުރި މެޗު ސްޓެލްކޯއިން ކާމިޔާބުކުރީ 15-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ސްޓެލްކޯގެ އިބްރާހީމް ރިމާހް ހަތަރު ލަނޑު ޖެހިއިރު، ޝުއައިދު ސައީދާއި، ގައިސާން އަބޫބަކުރު މާހިރު ވަނީ ދެ ލަނޑު ޖަހައިފައެވެ. ސްޓެލްކޯއިން ދެން މި މެޗުގައި ކާމިޔާބުކުރި ލަނޑުތައް ޖެހީ ޖުމައިލް ޖަމީލް އާއި އަލީ މާއިސް، މުއާޒް އަލީ، ޔާސިރު ރަގީބް އަދި ހުސެއިން ސިފާއު ޔޫސުފް (ކުރޯ)އެވެ.

ހޮނިހިރު ދުވަހު ކުޅުނު ފަހު މެޗުގައި އާސަންްދައިގެ މައްޗަށް ކަސްޓަމްސްއިން ކުރި ހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އާސަންދައިންނެވެ. މެޗުގެ ދެވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ހަމްދާންއެވެ. އެކަމަކު ދެވަނަ ހާފުގެ ކުރީ ކޮޅު ކަސްޓަމްސްއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 26 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަޙްމަދު ޝަމާލްއެވެ. އެކަމަކު މެޗުގެ 31 ވަނަ މިނެޓުގައި އަލީ ހަމްދާން ވަނީ އިތުރު ލަނޑެއް ޖަހާ އާސަންދައަށް އަލުން ލީޑު ނަގައިދީފައެވެ.

މި މެޗު ކަސްޓަމްސް ކޮޅަށް އެޓީމުން އަނބުރާލީ މެޗުގެ އިތުރު ވަގުތުގައެވެ. މި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ ޝަމާލްއެވެ.