ޚަބަރު

ކެންސަރަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކަށް ބީއެމްލްގެ އެހީ


ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް)އިން އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުންގެންދާ 'ޕިންކް ރިބަން ރަން-ވޯކް' އަށް ބޭންކް އޮފް މޯލްޑިވްސް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

'ޕިންކް ރިބަން ރަން-ވޯކް' އިއްޔެ ހުޅުމާލޭގެ އިތުރުން 33 ރަށެއްގައި ބާއްވާފައިވެއެވެ.

ސީއެސްއެމްއިން ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށްކުރާ މަސައްކަތަށާއި ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފޯރުކޮށްދެމުންދާ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލުން ވަނީ އެ ޖަމިއްޔާއަށް 150000 ރުފިޔާ ހަދިޔާކޮށްފައެވެ.

މީގެއިތުރުން ބީއެމްއެލުން ވަނީ އެ ޖަމިއްޔާއިން ފާފު އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްކްރީނިންގ ޕްރޮގްރާމަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ޕާރޓްނާޝިޕްގެ ދަށުން ސީއެސްއެމްއިން ވަނީ ބީއެމްއެލްގެ މުވައްޒަފުންނަށް ހިލޭ ކެންސަރ ސްކްރީން ޕްރޮގްރާމެއް ބާއްވާފައެވެ. 2016 ވަނަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ސީއެސްއެމް އަދި ޕިންކް ރިބަން ރަން-ވޯކްއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.