ޚަބަރު

ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކާށިދޫގައި ޚާއްސަ މައުރަޒެއް


2022 ވަނަ އަހަރުގެ ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ދަނޑުވެރިންގެ ޚާއްސަ މައުރަޒެއް ބާއްވައިފިއެވެ.

މި މައުރަޒު ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސެއިން ރަޝީދު ހަސަންއެވެ.

ދަނޑުވެރިންގެ މައުރަޒު ރަސްމީކޮށް ހުޅުވައިދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ދަނޑުވެރިކަން ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ރާއްޖެއިން ލިބެންހުރުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. ޚާއްސަގޮތެއްގައި އެއްތަނަކުން އެތަކެތި ލިބެން ހުރުމުން ދަނޑުވެރިންނަށްވެސް އޭގެން ފަސޭހަތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޚާއްސަކޮށް ޒަމާނީ ދަނޑުވެރިކަމަށް ބޭނުންވާ ޓެކްނޮލޮޖީ ރާއްޖެއަށް ލިބޭނެގޮތް މެދުވެރިކުރުން އެއީ ވަރަށް މުހިންމުކަމެއް. ސަރުކާރުން މިކަމަށް ކުރާ އިންވެސްޓްމަންޓުގަ އެންމެ މުހިންމު ކަމަކަށް މިއޮތީ ރާއްޖޭގެ ދަނޑުވެރިކަމުގަ ދިމާވެފަ އޮންނަ އެންމެ ބޮޑު މައްސަލައަކީ ދަނޑުވެރިން އުފައްދާތަކެތި ރަނގަޅު އަގެއްގަ މާކެޓަށް ފޯރުކޮށްނުދެވުން" މިނިސްޓަރ ވިދާޅުވިއެވެ.

މި މައުރަޒުގައި 19 ފަރާތަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ)، އެގްރޯނެޓް، ޕެސްޓް އެކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ޕްރައިމް މޯލްޑިވްސް އަދި ހެބިޓަސް މޯލްޑިވްސްގެ އިތުރުން ކާށިދޫގެ ދަނޑުވެރިންވަނީ ބައިވެރިވެފައެވެ. މީގެ ތެރެއިން ކާށިދޫގެ 8 ފަރާތަކުންވަނީ ބައިވެރިވެފައެވެ.

މައުރަޒުގެ ތެރެއިން ތަފާތު އެކި ސްޓޯލްތައް ކުރިއަށް ގެންގޮސްފައިވާއިރު ދަނޑުވެރިންގެ އަމިއްލަ އުފެއްދުންތަކާއި ދަނޑުވެރިކަމުގައި ބޭނުންކުރާ ގަސްކާނާއާއި ބޭހުގެ އިތުރުންވެސް އެހެނިހެން އާލާތްތައް ދައްކާލުން ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ދަނޑުވެރިކަމާ ގުޅުންހުރި މައުލޫމާތު ދިނުންވެސް މިސްޓޯލްތަކުން ވަނީ ކުރިއަށްގެންގޮސްފައެވެ.

މައުރަޒުގެ އިތުރުން ކާށިދޫ ސްކޫލްގައި "ސްކޫލް ގާރޑަން ޕްރޮގްރާމް"ގެ ނަމުގައި ޑްރެގަން ފްރުޓް އިންދުމުގެ ހަރަކާތެއްވަނީ އިފްތިތާޙްކޮށްފައެވެ. ޑްރެގަން ފްރުޓް އިންދުމުގެ ހަރަކާތުގައި ސްކޫލްގެ ދަރިވަރުންވެސް ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމްގެ އެންމެ ބޮޑު އަމާޒަކީ ޒުވާން ޖީލުތަކަށް ދަނޑުވެރިކަން ފުޅާކުރުމެވެ.

މި ޕްރޮގްރާމަށްފަހު ކާށިދޫގައި ލުނބޯ އާލާކުރުމުގެ ޕްރޮގްރާމެއްވެސްވަނީ ކުރިއަށްގެންގޮސްފައެވެ. ހޯޓި ފާމްގެ ފަރާތުން ހަދިޔާކޮށްފައިވާ 300 ލުނބޯ ގަސް ފިޝަރީޒް މިނިސްޓްރީން ވަނީ ކާށިދޫގެ ގެތަކަށް ހަދިޔާކޮށްފައެވެ. މިނިސްޓްރީން ވިދާޅުވީ މި ޕްރޮގްރާމަކީ ރާއްޖޭގައި ލުނބޯ އާލާކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ.

މީގެ އިތުރުން އެގްރޯނެޓުން ކާށިދޫގައި ކޮމިއުނިޓީ ގާޑަން ޕްރޮގްރާމެއްވެސް ވަނީ އިފްތިތާޙްކޮށްފައެވެ.