ޚަބަރު

އެހެން ހަރުފަތަކަށް ގެންދަން، ދަނޑުވެރިކަން ޒަމާނީކުރަން ޖެހޭ: މިނިސްޓަރ


ދަނޑުވެރިކަން ކުރިއަރުވައި ދެން އޮތް ހަރުފަތަށް، މި ސިނާޢަތު ގެންދިޔުމަށްޓަކައި ޒަމާނާ އެއްގޮތަށް ދަނޑުވެރިކަން ބައްޓަން ކުރަންޖެހޭކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ 2022ވަނަ އަހަރުގެ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ.ކާށިދޫގެ ދަނޑުވެރިންނަށް ޚާއްސަކޮށް ކުރިއަށް ގެންގޮސްފައިވާ ދަނޑުވެރިން ހޭލުންތެރިކުރުމުގެ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ޙުސައިން ރަޝީދު ހަސަން ވިދާޅުވީ ދަނޑުވެރިން ދަނޑުވެރިކަން ކުރާގޮތަށް މިހާރު ބަދަލުތަކެއް ގެންނަން ޖެހިފައި ވާކަމަށެވެ. އެގޮތުން ދަނޑުވެރިކަން ދެން އޮތް މަރުޙަލާއަށް ކުރިއަށްގެންދިއުމަށްޓަކައި ޒަމާނާ އެއްގޮތަށް ފަހުގެ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ބައްޓަންކުރުމަށް މިނިސްޓަރ ގޮވާލެއްވިއެވެ. އަދި ދަނޑުވެރިކަން ކުރަން ލިބޭ ބިންކޮޅުން ރަނގަޅު ނަފާއެއް ހޯދޭނެ ގޮތަކަށް ދަނޑުވެރިކަން ކުރުމަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކަށް ވާންވާނީ ބޮޑު އަގުގަ ތަކެތި ވިއްކޭނެ ގޮތަކަށް ދަނޑުވެރިކަމުގެ ވިޔަފާރިވެސް ފުޅާކުރުމަށް. އެހެން ނޫނީ ދަނޑުވެރިކަން ދެން އޮންނަ ސްޓޭޖަކަށް ކުރިއަކަށް ނުގެންދެވޭނެ" މިނިސްޓަރ ވިދާޅުވިއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގެ ތެރެއިން ދަނޑުވެރިންނަށް ވަނީ، މައުލޫމާތު ދިނުމުގެ ތަފާތު ސެޝަންތައް ކުރިއަށްގެންގޮސްފައެވެ. އޭގެ ތެރޭގައި ދަނޑުވެރިކަން ތަރައްޤީކުރުމަށްޓަކައި މިނިސްޓްރީން ކުރިއަށްގެންދާ ތަފާތު ޕްރޮގްރާމްތަކާއި މަޝްރޫޢުތަކާއި ދަނޑުވެރިކަން ޕްލޭންކުރާނެގޮތުގެ އިތުރުން "ދަނޑުވެރި ނަފާ" ލޯނާ ގުޅޭގޮތުންވަނީ މައުލޫމާތު ދީފައެވެ. މި ވޯކްޝޮޕްގެ ތެރެއިން ކާށިދޫގެ ދަނޑުތަކަށް ޒިޔާރާތްކޮށް ގަސްތަކަށް ދިމާވާ ބަލިތައް ދެނެގަތުމާއި ދަނޑުވެރިކަން ކުރިއެރުވުމަށް ބޭނުންވާނެ އެންމެ މުހިންމު މައުލޫމާތުތައްވަނީ ހިއްސާކޮށްފައެވެ.

މި ވޯކްޝޮޕްގެ ތެރެއިން ކ.އަތޮޅު ސްކޫލްގެ ދަރިވަރުންނަށް މައިކްރޮ ގްރީންސް ހައްދަން ދަސްކޮށްދިނުމާއި ކެއުމުގައި މައިކްރޮ ގްރީންސް ބޭނުންކުރުމަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއްވަނީ ކުރިއަށް ގެންގޮސްފައެވެ.

ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވޯކްޝޮޕްގައި ބައިވެރިވި 28 ދަނޑުވެރިން ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ. މި ދަނޑުވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސައިން ރަޝީދު ހަސަންއެވެ.

ވޯކްޝޮޕް ނިންމާލަމުން ވޯކްޝޮޕްގައި ބައިވެރިވި ދަނޑުވެރިންވަނީ ވޯކްޝޮޕްގައި އެމީހުންގެ ތަޖުރިބާ ހިއްސާކޮށްފައެވެ.

"މި ވޯކްޝޮޕްގެ ސަބަބުން އަޅުގަނޑުމެންނަށް ނޭނގޭ އެތަށްކަމެއް ދަސްވެގެން ގޮސްފި. އަދި ހަނދާން ނެތިފަ ހުރި ވަރަށް ބައިވަރު ކަންތައްތަކެއް ހަނދާންވެސްވެއްޖެ. އަޅުގަނޑުމެން އެދެނީ ކުރިއަށް އޮތް ތަނުގަވެސް ދަނޑުވެރިނަން ހުރި ގޮންޖެހުންތައް ނައްތާލުމަށް ސަރުކާރުން އެހީތެރިވުމަށް" ވޯކްޝޮޕްގައި ބައިވެރިވި ދަނޑުވެރިއަކު ބުންޏެވެ.

ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސް ބޭފުޅުންނާއި ކާށިދޫގެ ކައުންސިލުގެ އިސް ބޭފުޅުންނާއި ދަނޑުވެރިން ވަނީ ބައިވެރިވެފައެވެ.