ޓްރެކް ސައިކަލިންގެ ފިރިހެނުންގެ އިންޑިވިޖުއަލް ޕާސުއިޓް ބައިގެ ދުނިޔޭގެ ރިކޯޑު އިޓަލީގެ ފިލީޕޯ ގާނާ މުގުރާލައިފިއެވެ.
އޭނާ މި ރިކޯޑް މުގުރާލާފައިވަނީ ފަރަންސޭސިވިލަތުގައި މިހާރު ކުރިއަށްދާ ޓްރެކް ސައިކަލިންގ ވާރލްޑް ޗެމްޕިއަންޝިޕްގައެވެ.
ހަތަރު ހާސް މީޓަރުގެ މިއިވެންޓް ގާނާ ނިންމާ ރަންމެޑަލް ހާސިލްކޮށްފައިވަނީ ތިން މިނެޓް ފަންސާސްނުވައެއް ޕޮއިންޓް ހައެއް ތިނެއް ހައެއް ސިކުންތުންނެވެ. މިއީ ސީ ލެވެލްގައި ދުއްވުންތެރިޔަކު މި އިވެންޓް ހަތަރު މިނެޓަށް ވުރެ ކުޑަ ވަގުތެއްގައި ނިންމި ފުރަތަމަ ފަހަރެވެ. އޭނާ މި އިވެންޓް ކާމިޔާބުކޮށްފައިވަނީ އިޓަލީވިލާތުގެ ޖޮނަތަން މިލާން އާއި ވާދަކޮށެވެ.
މިލާންއަށް މި އިވެންޓް ނިންމާލެވުނީ ހަތަރު މިނެޓް ތިނެއް ޕޮއިންޓް ހަތެއް ނުވައެއް ސިކުންތުންނެވެ. މިބައިން ތިންވަނައަށް ޕޯޗުގަލްގެ އީވޯ މެނުއަލް އަލްވޭސް އޮލިވޭރާ ދިޔައިރު ހަތަރުވަނަ ލިބުނީ އިނގިރޭސިވިލާތުގެ ޑެނިއެލް ބިގާމްއަށެވެ.
ގާނާ ވަނީ ކައިކަލިންގ ހަވަރ ދުނިޔޭގެ ރިކޯޑްވެސް މިދިޔަ ހަފްތާގައި މުގުރާލާފައެވެ. ސްވިޓްޒަލަންޑްގައި ކުރިއަށް ދިޔަ އެއިވެންޓްގައި އޭނާ ވަނީ ފަސް ދޮޅަސް މިނެޓްގެ ތެރޭގައި ފަންސާސް ހައެއް ޕޮއިންޓް ހަތެއް ނުވައެއް ދޭއް ކިލޯމީޓާރު ދުއްވަފައެވެ.
ގާނާ ހާމަކުރިގޮތުގައި މިއީ އޭނާއަށް ވަރަށް ހާއްސަ ހަފްތާއެއް ކަމަށެވެ. އޭނާ މަސައްކަތް ކުރީ ހާއްސަ ކަމެއް ކޮށްލެވޭތޯ ކަމަށާއި މިހާރު އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވެއްޖެ ކަމަށެވެ. އަދި މިހާރު މިއޮތީ މިކަން ފާހަގަ ކޮށް އަރާމް ކޮށްލަންވީ ވަގުތު ކަމަށެވެ.
މިމުބާރާތުގައި އަންހެނުންގެ ސްޕްރިންޓް ބައިން ފަރަންސޭސިވިލާތުގެ މަޓިލްޑާ ގްރޮސް ވަނީ ރަން މެޑަލް ހާސިލްކޮށްފައެވެ. އޭނާ ރަން މެޑަލް ހާސިލްކުރީ ޖަރުމަނުވިލާތުގ ލިއާ ފްރީޑްރިޗް އާއި ވާދަކޮށެވެ. މިބައިންގ ތިންވަނައަށް ދިޔައީ ނެދަލަންޑްސްގެ ލައުރީން ވެން ރީސެންއެވެ.