ގެއްލިގެން ހޯދަމުންނިކޮށް މިމަހުގެ 2ވަނަ ދުވަހު މަރުވެފައި އޮއްވައި ފެނުނު ހ.ބޮނޑިކަނދޮޅުގެ، ޢުމުރުން 27 އަހަރުގެ މުޙައްމަދު އަޛުހާންގެ ހަށިގަނޑު އޮތީ ކުނިވެގެން ކަށްޓަށްވެފައި ކަމަށާ، އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިދޔަ މަހުގެ 18ވަނަ ދުވަހު ގެއްލިގެން ހޯދަން އިއުލާންކުރި އަޒްހާން ފެނުނީ އޭނާ ގެއްލުނުތާ ދދެ ހަފްތާ ފަހުން މި މަހުގެ 2ވަނަ ދުވަހުއެވެ. އޭނާ ފެނުނީ ވެސް އޭނާގެ އެންމެފަހުން ފެނުނުކަމަށް ފުލުހުން ޢާންމުކޮށްފައިވާ ހުޅުމާލެ ރެޑްބުލް ޕާކާ ދިމާއިން ކުރިމަތީގައި އޮންނަ ބޯ ގަސްގަނޑެއްގެ ތެރޭގައި އޮއްވައެވެ.
މި މައްސަލައިގެ ތަފްސީލް ހާމަކުރުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އަޛްހާން ފެނުނުއިރު އެއީ ކާކުކަންވެސް ނޭނގޭވަރަށް ސިފަ ގެއްލި ކުނިވެފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ހަޑިގަނޑުގެ ބޮޑަށް ފެންނަން އޮތީ ކަށިތައްކަމަށާ، ޕޯސްޓްމޯޓަމަށް ފޮނުވީ ވެސް އެގޮތަށްކަމަށް ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ އަޒްހާންގެ ހަށިގަނޑު ކުނިވެފައިވާވަރުން ހަދަންޖެހޭ ކެމިކަލް ޓެސްޓުތަކެއް ހުންނަ ކަމަށާ، އޭގެ ސަބަބުން ޕޯސްޓްމޯޓަމްގެ ނަތީޖާ ދެމަސް ދުވަހަށް ދިގުލައިގެން ދާނެ ކަމަށެވެ.
"އަޛްހާންގެ ހަށިގަނޑު އޮތީ ހަގީގަތުވެސް ވަރަށް ބޮޑަށް ޑީކޮމްޕޯޒްވެފައި. އަޅުގަނޑުމެންނަށް ދަންނަވަން އެނގޭ ހަމަ ކަށި އޮތީ ފެންނަން އެ ސަރަހައްދުގައި. އަނެއްހެން ބޮޑީ ހަމަ ކާކުކަން އައިޑެންޓިފައި ނުވާވަރަށް އޮތީ ޑީކޮމްޕޯޒްވެފައި." ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވިއެވެ.
އަޛްހާންގެ މަރާ ގުޅިގެން އުފެދެނު ސުވާލުތަކުގެ ތެރޭގައި އޭނާ މަރުވި ދުވަހަކާއި މަރުވި ގޮތް އަދި ސާފުވެފައި ނުވެއެވެ. ފުލުހުން ވިދާޅުވިގޮތުގައި އެ ސަރަހައްދުން ކުނި ވަހެއް ދުވައިގެން ނުވަތަ އެކަހަލަ އެއްވެސް ހިލަމެއް ވެގެން ޢާންމުންގެ އެއްވެސް ރިޕޯޓެއް އަދި ޝަކުވާއެއްވެސް ލިބިފައެއް ނުވެއެވެ. އެހެންވެ މަރުވެ ކުނިވުމަށްފަހު އޭނާގެ ހަށިގަނޑު އެތަނުގައި ބޭއްވީތޯ ނުވަތަ އެތަނުގައި މަރުވީތޯ އުފެދޭ ސުވާލަށް އެއްވެސް ޖަވާބެއް އަދި ލިބިފައެއް ނުވެއެވެ.
އަޛްހާންގެ ޕޯސްޓްމޯޓަމް ނުވަތަ، އޮޓޮޕްސީއަށްފަހު އޭނާގެ ހަށިގަނޑު މާލެގެނެސް ހުކުރު ދުވަހުވަނީ ވަޅުލާފައެވެ. މިހާރު އޭނާގެ އޮޓޯޕްސީގެ ވަގުތީ ނަތީޖާވަނީ ލިބިފައެވެ. ފުލުހުން ވިދާޅުވީ އެ ނަތީޖާއިން އެނގޭ ގޮތުގައި ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ލިބިފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ އަޛްހާންގެ މަރުގެ މައްސަލައާ އިތުރު މީހަކާ ގުޅުމެއް އޮތްކަމަށް މިހާތަނަށް ހިންގި ތަހުގީގަށް ފާހަގަނުކުރެވޭ ކަމަށެވެ. އަދި އެފަދަ އެއްވެސް ހެއްކެއްވެސް ލިބިފައި ނުވާކަމަށް ވިދާޅުވިއެވެ.
އަޛްހާން އެންމެފަހުން ފެނުނު ތަން ކަމަށް ފުލުހުން ވިދާޅުވާ ސަރަހައްދާ އެހާ ގާތުން އޭނާގެ ހަށިގަނޑު ފެނުނުއިރު އޭނާ ހޯދަން ގިނަ ދުވަސްތަކެއް ހިނގާފައިވާތީ ކުރެވޭ ސުވާލުތަކަށް ޖަވާބުދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ސަޢީދު ވިދާޅުވީ އޭނާ އެންމެފަހުން ފެނުނު ސަރަހައްދުކަމަށް ފުލުހުން ކުރިން ބުނި ރެޑްބުލް ޕާކުން އޭނާ ފެނުމަށްފަހު ދެން އޭނާ އިތުރުތަނަކުން ނުފެނި ގެއްލުނީ ކަމަށެވެ.
އެހިސާބުން އޭނާ ހޯދަން ހުޅުމާލެއާއި މާލެ ބަލަމުންދިޔަކަމަށާ، މާލެއަވެސް އޭނާ އަތުވެދާނެކަމަށް ބެލެވިގެން ހުރިހާ ރޫޓަކާއި ކެމެރާތަކާއި އެވަގުތު ހުޅުމާލެ އާއި މާލެއާ ދެމެދު ދުއްވާ ވެހިކަލްތަކުގެ އަދަދު ބަލައި އެމިންވަރަށް ތަހުގީގު ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި މާލެއިން ބޭރަށް ފުރައިގެން ދިޔަތޯވެސް ބެލިކަމަށް ފުލުހުން ވިދާޅުވިއެވެ. ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ސަޢީދު ވިދާޅުވިގޮތުގައި އަޛްހާންގެ ހަށިގަނޑު ފެނުނު ދިމާއިން އޭނާ ހިނގާފައިދާ މަންޒަރު ފެންނަ ފޫޓޭޖް ފެނުނީ އޭނާގެ ހަށިގަނޑު ފެނުމުގެ އެއް ދުވަސް ކުރިންނެވެ.