ކުޅިވަރު

ރިސޯޓް ލީގު: މިލައިދޫ، ސޮނޭވާ ފުށި އަދި ލަނޑާ ގިރާވަރު ސެމީއަށް


ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2022 ގެ ބ. އަތޮޅު މުބާރާތުގެ ސެމީ ފައިނަލަށް މިލައިދޫ އާއި އެންމެ ފަހުގެ ޗެމްޕިއަން ސޮނޭވާ ފުށީގެ އިތުރުން މުބާރާތް ބާއްވާ ފޯ ސީޒަންސް ލަނޑާ ގިރާވަރު ދަތުރުކޮށްފިއެވެ.

މުބާރާތުގެ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ މަޤާމު ހޯދައިގެން ސެމީފައިނަލަށް ދަތުރުކުރީ މިލައިދޫ އެވެ. އަދި ދެވަނަ ޓީމުގެ ގޮތުގައި ސޮނޭވާފުށި ދަތުރުކުރީ ތިން ޓީމު ހިމެނޭ ގްރޫޕުގެ ނޮކައުޓް މެޗުގައި ވައްކަރު 4-3 އިން ބަލިކޮށްގެންނެވެ.

އަނެއްކޮޅުން ގްރޫޕް އޭ އިން ބާކީ އެއް މެޗު އޮއްވާ ލަނޑާ ގިރާވަރުން ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ކުޅުނު ދެވަނަ މެޗުގައި އަނަންތަރަ ކިހަވަށް ވިލާސް 3-0 އިން ބަލިކޮށްގެންނެވެ. މި ނަތީޖާއާއެކު ގްރޫޕް އޭ ގެ އެއްވަނައިގައި ލަނޑާ ގިރާވަރު އޮތީ ޖުމްލަ ހަ ޕޮއިންޓާއެކު އެވެ.

މި ގްރޫޕުން ދެން ސެމީފައިނަލަށް ދާނެ ޓީމެއް ޔަގީންވާނީ ގްރޫޕުގެ ފަހު މެޗުތަކަށްފަހު އެވެ. މުބާރާތުގެ ސެމީފައިނަލް މެޗުތައް ކުޅުމަށް ތާވަލުކޮށްފައި ވަނީ އާދީއްތަ ދުވަހުގައެވެ. އަދި ފައިނަލް މެޗު ކުޅުމަށް މިހާރު ތާވަލުކޮށްފައި ވަނީ އަންނަ ބުދަ ދުވަހުގައެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ބ. އަތޮޅުގައި މި މުބާރާތް ކުރިޔަށްދަނީ ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭ ގައި ހިމެނޭ ޓީމުތަކަކީ ފޯ ސީޒަންސް، ރީތި ބީޗް، އަނަންތަރަ ކަހާވަށް ވިލާސް، ނޮޓިލަސް އެވެ. ގްރޫޕް ބީގަ ހިމެނެނީ ސޮނޭވާފުށި، މިލައިދޫ އަދި ވައްކަރެވެ.

މި ޒޯނުގައި މިހާތަަނަށް ތިން ފަހަރެއްގެ މަތިން ރިސޯޓް ލީގު ވަނީ ބާއްވާފައެވެ. އެއީ 2014، 2016 އަދި 2019 ގައެވެ. އެ ތިން ފަހަރުވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސޮނޭވާ ފުއްޓެވެ.