ޚަބަރު

ޝާހިލްގެ ނަފްސާނީ މައްސަލައެއް ހުރިކަމަށް ނުބެލެވޭ - ފުލުހުން


މާލޭގައި ރަޙުމުކުޑަ ގޮތަކަށް މަރާލާފައިވާ ޝިޢާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ޢަލީ ޝާހިލްގެ އެއްވެސް ނަފްސާނީ މައްސަލައެއް ހުރިކަން ފުލުހުންގެ ތަޙުގީގަށް މިހާތަނަށް ފާހަގަވެފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އޭނާގެ ނަފްސާނީ މައްސަލަތަކެއް ހުރިތޯ ޔަޤީންކުރުމަށް އެސެސްމަންޓުތަކެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އޭނާގެ ފަރާތުން ނަފްސާނީ މައްސަލައެއް ހުރިކަމަށް ފާހަގަނުކުރެވޭކަމަށެވެ.

ޝިއާޢު މަރާލުމަށްފަހުވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް ފޮރެންސިކް ތަހުލީލުތަކުން އެނގިފައިވާ ފުލުހުން ވިދާޅުވެއެވެ. މިމައްސަލައާއި ގުޅިގެން ފުލުހުންވަނީ މިހާތަނަށް 45 މީހަކާއި ސުވާލުކޮށްފައެވެ. ފުލުހުންގެ ތަޙުގީގު ޓީމަށް މިހާތަނަށް ބެލިބެލުމުން މުޅި ތަޙުގީގު ޓީމަށްވެސް ޤަބޫލުކުރެވެނީ ޝިއާޢުގެ މަރަކީ، ކުއްލިއަކަށް ދިމާވި ކަމެއްކަމަށެވެ. އަދި ދުރާލާ ރާވާއިގެން ހިންގާފައިވާ ކަމެއްކަމަށް މިހާތަނަށް ތަޙުގީގަށް ފާހަގަނުކުރެވޭކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލައިގައި ޝާހިލްގެ ފަރާތުން ތަޙުގީގަށް އެއްބާރުލުން މިހުރިހާ ދުވަސްވެގެން ދިޔައިރު ލިބިފައިނުވާކަމަށެވެ. އަދި އެކި ގޮތްގޮތުން ކުރި މަސައްކަތުން އޭނާގެ ފޯނު އަންލޮކް ކުރުމަށް ޕާސްވޯޑު ދިނުމަށްވެސް ދެކޮޅު ހަދާފައިވާކަން ފުލުހުންވަނީ ފާހަގަކޮށްފައެވެ. އަދި ކޯޓު އަމުރެއްގެ ދަށުންވެސް އެކަމުގައި އެއްބާރުލުން ދިނުމަށް އޭނާ ދެކޮޅު ހަދާތީ ފުލުހުންވަނީ އޭނާގެ އެހީއާއި ނުލައި ފޯނު ހުޅުވުމުގެ މަސައްކަތް ފަށާފައެވެ.

މިމަސައްކަތް ފެށިފަހުން ޝާހިލް ޕާސްވޯޑު ފުލުހުންނާއި ހިއްސާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާގެ ފަރާތުން ތަޙުގީގަށް އެއްބާރުލުން ކިރިޔާވެސް ދޭންފަށާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.