ކުލަބު މޯލްޑިވްސް ކަޕް 2022 ގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުތަކުން އެމްޕީއެލް އާއި ޓީމު ފެނަކަ ޖެހިޖެހިގެން ދެވަނަ މޮޅު ހޯދިއިރު، ޓީމު ޑީޖޭއޭ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ފެނަކަ ކުޅުނު މެޗު ކާމިޔާބުކުރީ ސިވިލް ކޯޓު ފަސޭހަކަމާއެކު 8-2 އިން ބަލިކޮށްގެންނެވެ. އެމްޕީއެލް މެޗު ކާމިޔާބުކުރީ ކުލަބް އެމްވައިއެސް 4-0 އިން ބަލިކޮށްގެންނެވެ. އަދި ޑީޖޭއޭ މޮޅުވީ ޓްރޭޑް ކުލަބު އަތުން 5- 1 އިންނެވެ. މީގެއިތުރުން ރޭ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އާއި އެމްއޭސީއެލް މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ފެނަކަ މޮޅުވި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މިއީ ފެނަކައިގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) ކާމިޔާބުކުރި ހިތްގައިމު ލަނޑުތަކެކެވެ. ފުރަތަމަ ހާފު ތިން ލަނޑުގެ ލީޑެއް އޮތް ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ސިވިލް ކޯޓުގެ އަންސަރު އިބްރާހިމް (އަންކޮ) ލަނޑެއް ޖެހިއެވެ. ނަމަވެސް މި ލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވަނީސް އިބްރާހިމް މުބީން (މުއްކި) ދިން ބޯޅައަކުން އޮންލީ އަނެއްކާވެސް ލަނޑެއް ޖެހިއެވެ.
ފެނަކައިގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަޔާޒް އަހުމަދު (އަޔާ) އެވެ. މިއީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އަދި އެ ޓީމުގެ ހަވަނަ ލަނޑާއި ހަތްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހާޒިމް ފައުޒީ އެވެ. މެޗު ނިމެން ދަނިކޮށް އަންކޮ ވަނީ ސިވިލް ކޯޓުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެފަހުން އޮންލީ ވަނީ އޭނާ މި މެޗުގައި ކާމިޔާބުކުރި ހަ ވަނަ ލަނޑާއެކު ދެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
ކުލަބް އެމްވައިއެސް ބަލިކުރި އެމްޕީއެލް އަށް މި މެޗުގައި ލަނޑުތަށް ކާމިޔާބުކޮށްދިނީ އަހުމަދު ހުސެއިން (އައްމަޑޭ)، ސާޖިދު ރަޝީދު، މުހައްމަދު ޔަފާއު އަދި އަލީ ހައިޝަމް (ޗުމްޕު) އެވެ.
ޑީޖޭއޭ ފުރަތަމަ މޮޅު ހޯދި މެޗުގައި އެ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު އަޖުވަދު ސޮލާހު ދެ ގޯލާއި ސައުދުﷲ އަހުމަދު، ހަސަން އިހުސާން އަދި އަބްދުﷲ ފާރިޝް އެވެ. މީގެތެރެއިން އަޖުވަދު ވަނީ ދެ ލަނޑު ޖަހާފައެވެ. ޓްރޭޑް ކްލަބްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ އިރުފާން އެވެ.
އޭވިއޭޝަން ސެކިއުރިޓީ އާއި އެމްއޭސީއެލް އެއްވަރުވި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެނެއް ނުދެއެވެ. މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އެމްއޭސީއެލް ގެ އަޒްޔާން އިބްރާހީމް އެ ޓީމަށް ލަނޑު ކާމިޔާބުކޮށްދިން އިރު މި ލަނޑު ޖެހިތާ ދެ މިނެޓު ފަހުން އޭވިއޭޝަން ގެ ތައުމީން ނޫހް ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ.