ޚަބަރު

ޔަހޫދީންގެ ހަމަލާތަކެއްގައި ފަލަސްޠީނުގެ ޑޮކްޓަރަކާއި އިތުރު މީހަކު ޝަހީދުކޮށްލައިފި


ޔަހޫދީން އަޅުވެތި ކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ޖަނީންގައި އިސްރާޢީލުގެ ސިފައިން ހިންގި އުދުވާންތަކެއްގައި ފަލަސްޠީނުގެ ދެ މީހުން ޝަހީދު ކޮށްލައިފިއެވެ. މީގެ ތެރެއިން ޑރ ޢަބްދުالله އަލް-އަޙްމަދު ޝަހީދު ކޮށްލާފައި ވަނީ އޭނާގެ ބޮލަށް ބަޑި ޖަހައިގެންނެވެ.

ޔަހޫދީންގެ އިސްތިއުމާރީ ސިފައިން ޝަހީދު ކޮށްލާފައި ވަނީ މަޠީން ޑެބަޔާ ކިޔާ މީހެކެވެ. މި ދެ މީހުން ޝަހީދު ކޮށްލުމަށް ޖަނީންގެ ރެފިޔުޖީ ކޭމްޕެއްގައި ޔަހޫދީންގެ ސިފައިން ހިންގި އޮޕަރޭޝަންގައި ފަލަސްޠީނުގެ އިތުރު ފަސް މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ.

ޑރ އަޙްމަދު ޝަހީދު ކޮށްލާފައި ވަނީ އޭނާ މަސައްކަތް ކުރާ ހޮސްޕިޓަލުގެ ކުރިމަތީގައި ކަމަށާއި، ވަގުތުން ފަރުވާ ދީގެން އޭނާގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރި ނަމަވެސް، އެ ކަން ކާމިޔާބުވެފައި ނުވާ ކަމުގައި ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ.

ޔަހޫދީންގެ އުދުވާންތަކުގައި ޝިކާރައަކަށް ވާ މީހުންގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރާ އިސް ޑޮކްޓަރެއް ޝަހީދު ކޮށްލުމާ ގުޅިގެން ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު ޝްތައްޔާ ވަނީ ހިތާމަ ފާޅު ކުރައްވާފައެވެ. އަދި، ޔަހޫދީންގެ އުދުވާންތަކުގައި ޝަހީދުކޮށް ޒަޚަމުކޮށްލާ މީހުންގެ އަދަދު އިތުރު ކުރަން އިސްރާޢީލުގެ ސިފައިން މަސައްކަތް ކުރާ ކަމުގައި އޭނާ ތުހުމަތު ކުރެއްވިއެވެ.

އުދުވާންތަކާ ގުޅޭ ގޮތުން ޔަހޫދީންގެ އަސްކަރިއްޔާއިން ބުނީ ހަތިޔާރު އެޅި ޖަމާޢަތްތަކުން އެ މީހުންނަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމުގައެވެ. އަދި، ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ހަމާސް ޖަމާޢަތަށް ނިސްބަތްވާ ހަނގުރާމަވެރިއެއް ހިމެނޭ ކަމުގައި ވެސް އިސްރާޢީލުން ބުނެއެވެ.

ހަމާސްއަކީ ޣައްޒާގައި ވެރިކަން ކުރާ ޖަމާޢަތެކެވެ. އުދުވާންތަކާ ގުޅިގެން ހަމާސްއިން ވަނީ، ޔަހޫދީންގެ އަޅުވެތިކަމާ ދެކޮޅަށް ކުރަމުންދާ ޖިހާދު އިތުރަށް ވަރުގަދަ ކުރާނެ ކަމުގައި ބުނެފައެވެ. ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީ ސިފައިން ހިންގާ އުދުވާންތައް މި އަހަރުގެ ތެރޭގައި ވަނީ އިތުރު ކޮށްފައެވެ.

އޮކްޓޫބަރު 8ވަނަ ދުވަހު ހިންގި އުދުވާންތަކެއްގައި ފަލަސްޠީނުގެ ދެ ޒުވާނަކު ވަނީ ޝަހީދު ކޮށްލާފައެވެ. އަދި، ދެ ދުވަސް ފަހުން ދިން ހަމަލާތަކެއްގައި ފަލަސްޠީނުގެ 12 އަހަރުގެ ކުއްޖަކު ވެސް ޝަހީދު ކޮށްލިއެވެ. ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށް އަރައި މުސްލިމުން އަޅުވެތި ކޮށްފައި ވަނީ 1978 ވަނަ އަހަރުގެ ހަ ދުވަހުގެ ހަނގުރާމައިގައެވެ.