ޚަބަރު

ތުރުކީވިލާތުގެ ބޯޓުދެލި މައިނެއްގައި އެއްޗެއް ގޮވައި 28 މީހުން މަރުވެއްޖެ


ތުރުކީ ވިލާތުގެ އުތުރުގައިވާ ބަރްޓިން ޕުރޮވިންސުގެ ބޯޓުދެލި ނަގާ މައިނެއްގައި ބާރުގަދަ އެއްޗެއް ގޮވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 28އަށް އަރައިފިއެވެ. މި ހާދިސާ ހިނގި ވަގުތު މައިންގެ ތެރޭގައި 110 މީހުން މަސައްކަތް ކުރަމުން ދިޔައެވެ. މި ހާދިސާގައި މީގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ މައިންގެ ތެރޭގައި ތާށިވެފައެވެ.

މައިންގެ ތެރޭގައި ތާށިވެފައިވާ މީހުންގެ ސަލާމަތް ކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ތެރެއިން 17 މީހަކު ސަލާމަތްކޮށް، މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމުގައި އެ ޤައުމުގެ ޞިއްޙީ ވަޒީރު ފަހްރެއްތިން ކޯޗާ ވިދާޅުވިއެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ބާރުގަދަ އެއްޗެއް ގޮވާފައި ވަނީ މައިންގެ 300 މީޓަރު އަޑީގައި ކަމަށް ތުރުކީ ވިލާތުގެ ދާޚިލީ ވަޒީރު ސުލައިމާން ސޮއިލޫ ވިދާޅުވިއެވެ. އަދި، މައިންގެ 300އާއި 350 މީޓަރު އަޑީގައި ގާތްގަނޑަކަށް 50އަށް ވުރެ ގިނަ މީހުން ތާށިވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
މައިންގެ ތެރޭގައި އެއްޗެއް ގޮވަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ.

ނަމަވެސް، އެ ކަން ތަހުޤީޤު ކުރަން ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ފަށާފައެވެ. ތުރުކީ ވިލާތުގެ ހަކަތައާ ބެހޭ ވަޒީރު ވިދާޅުވީ ގޮވުމެއް ގޮވާފައި ވަނީ މައިންގެ ތެރޭގައި މީތޭން ގޭސް އުފެދުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމުގައެވެ.

މި ހާދިސާގައި މައިންގެ ބޮޑު ބަޔަކަށް ވަނީ ގެއްލުން ލިބިފައެވެ. މައިންގެ ތެރޭގައި ބަންދުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތައް ބައްލަވައިލެއްވުމަށް ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އެ ސަރަޙައްދަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހާދިސާ ހިނގާފައިވާ މައިނަކީ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމުގައިވާ ޓަރކިޝް ހާޑް ކޯލް އެންޓަރޕްރައިސަސްއިން ހިންގާ މައިނެކެވެ.