ކުލަބު މޯލްޑިވްސްގެ އަންހެން ޑިވިޝަން މުބާރާތް ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި ދިވެހި ސިފައިންގެ ކުލަބުން ޔޫތު މިނިސްޓްރީ ކޮޅަށް 26 ލަނޑު ޖެހިއިރު، ޓީމު ފެނަކައިން ކުލަބު ވެމްކޯ ބަލިކޮށްފިއެވެ.
ހުކުރު ދުވަހު ހަވީރު ރެހެންދި ފުޓްސަލް އެއް ނަންބަރު ދަނޑުގައި ކުޅުނު މެޗު ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކުރީ 26-0 ގެ ނަތީޖާއަކުންނެވެ.
ޔޫތު މިނިސްޓްރީ ޓީމު ކުޅުނު ފުރަތަމަ މެޗުންވެސް ވަނީ ބަލިވެފައެވެ. އެ މެޗުގައި އެ ޓީމުން ވާދަކުރީ ވެމްކޯއާ ދެކޮޅަށެވެ. ވެމްކޯ އެ މެޗު ކާމިޔާބުކުރީ 23-0 ގެ ނަތީޖާއަކުންނެވެ.
މީގެ އިތުރުން މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް ބަލިކުރި، ފެނަކަ ޓީމުން ވަނީ ރަނަރަޕް ވެމްކޯ ވެސް ބަލިކޮށްފައެވެ.
ހުކުރު ދުވަހު ހަވީރު ކުޅުނު މެޗު ފެނަކައިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެމްކޯއިންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި ވެމްކޯއަށް ލީޑު ނަގައިދިނީ ކެޕްޓަން ޑަރިކާ ޕީންޕައިލުންއެވެ. އެކަމަކު ފެނަކައިން ވަނީ ކުޅުން ރަނގަޅުކޮށް ދެވަނަ ހާފުގައި އެ ޓީމު ކޮޅަށް ނަތީޖާ އަބުރާލައިފައެވެ.
ފެނަކައިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ރާނީ މުލްޔާ ސާރީއެވެ. އަދި އޭގެ ދެ މިނެޓު ފަހުން ފެނަކައަށް ލީޑު ނަގައިދިނީ އައިޝަތު ސަމާއެވެ.
18/30 ފުޓްސެލް ފިއެސްޓާގެ މެޗެއް ދެން ކުޅޭނީ ހޯމަ ދުވަހުއެވެ. އެ ދުވަހު ހަވީރު ފެނަކައިން ނުކުންނާނީ ޔޫތު މިނިސްޓްރީއާ ދެކޮޅަށެވެ. އަދި އެ ދުވަހު ހަވީރު ދިވެހި ސިފައިންގެ ކުލަބުން ނުކުންނާނީ އެމްޕީއެލްއާ ދެކޮޅަށެވެ.