ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީގެ ސަރުކާރުން އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަކީ ރާއްޖެއާ ނުގުޅޭ ގޮތަކަށް، މާ އަގު ބޮޑުކޮށް ހިންގާފައިވާ މަޝްރޫޢެއްކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާއެއްކަމަށްވާ، ވޯލްޑް ބެންކުން ހާމަކޮށްފިއެވެ.
ވޯލްޑް ބެންކުން މިކަން ހާމަކޮށްފައިވަނީ މިމަހު ނެރެފައިވާ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައެވެ.
ވޯލްޑް ބެންކުން ނެރުނު "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި ބުނީ ހިޔާ މަޝްރޫއަކީ އޭގެ އަގު ވަރަށް ބޮޑު އަދި އެ މަޝްރޫއަށް ނެގި ދަރަނީގެ ބުރަވެސް ބޮޑު މަޝްރޫއެއްކަމަށެވެ. އެގޮތުން ހިޔާ މަޝްރޫއު ހިންގަން ޖުމްލަ 10.5 ބިލިއަން ރުފިޔާ ހަރަދުވެފައިވާކަން ވޯލްޑް ބެންކުން ފާހަގަކުރެއެވެ. ވޯލްޑް ބެންކުން ބުނީ 10 ބިލިއަން ރުފިޔާއަކީ ހިޔާ މަޝްރޫއާ އަޅާބަލާއިރު ބޮޑު އަގެއްކަމަށާއި، މިކަމުގެ ސަބަބުން ކޮންމެ ފްލެޓަކަށް ސަބްސިޑީގެ ގޮތުގައި ސަރުކާރުން 490356 ރުފިޔާ ހަރަދުކުރަންޖެހޭކަމަށެވެ.
ވޯލްޑް ބެންކުގެ ރިޕޯޓުގައިވާ ގޮތުން ހިޔާ ފްލެޓްތައް އިމާރާތްކުރުމަށް ނަގާފައިވާ ލޯނުތަކަކީ ކުރު މުއްދަތެއްގައި ދައްކަން ޖެހޭ ގޮތަށް ބޮޑު އިންޓަރެސްޓް ރޭޓްގައި ނަގާފައިވާ ލޯނުތަކެއްކަމަށެވެ. އަދި އެކަމުގެ ބުރަ ބޮޑުވެ، 2019 ވަނަ އަހަރުވެސް އެޗްޑީސީން 40 މިލިއަން ޑޮލަރު ނުވަތަ 616 މިލިއަން ރުފިޔާގެ ލޯނެއް ނަގަން ޖެހުނުކަން ވޯލްޑް ބެންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ އެހެން ކަންކަމުގެ ތެރޭގައި ހިޔާ ފްލެޓް މަޝްރޫއުގެ ޑިޒައިން އާއި ހިންގަން ރާވާފައިވާ ގޮތަކީ ރާއްޖޭގައި މީހުން ދިރިއުޅެމުން އަންނަ ވައްޓަފާޅިއާ ނުގުޅޭ ގޮތްތަކެއްކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އެތަންތަން ނުނިންމާ ދިނުމުގެ ސަބަބުން އެތަންތަނަށް ވަންނަން ޖެހުނު ރައްޔިތުންނަށްވެސް ބުރަ ބޮޑުވެފައިވާކަމަށެވެ.
ވޯލްޑް ބެންކުގެ ރިޕޯޓުގައި ވަނީ ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ގިނަ ފްލެޓްތަކުން ކުލި ނުދައްކާކަންވެސް ފާހަގަކޮށްފައެވެ. އެގޮތުން ހިޔާގެ 6338 ފްލެޓެއްގެ ތެރެއިން 2345 ފްލެޓް ނުވަތަ 37 އިންސައްތަ ފްލެޓުން ކުލި ނުދައްކާކަމަށް މި ރިޕޯޓުގައިވެއެވެ. މީގެއިތުރުން ފުރަތަމަ ފިޔަވަހިން ދޫކޮށްފައިވާ 800 އެއްހާ ފްލެޓަށްވެސް ފައިސާ ނުދައްކާކަމަށް ވޯލްޑް ބެންކުން ބުނެއެވެ.
ވޯލްޑް ބެންކުން ބުނީ ކުލި ނުދައްކާ ފަރާތްތަކަށް ކުލި ބަހާލައިގެން ދެއްކުމަށް ފުރުސަތު ދިންނަމަވެސް އެކަމަށް މާބޮޑު ކުރިއެރުމެއް ނުލިބޭކަމަށެވެ. އަދި ފްލެޓްތަކަށް ކުލި ނުދައްކާ ނަމަ ތަން އަތުލުމުގެ ބާރު އެޗްޑީސީއަށް އޮތަސް، އެޗްޑީސީން އެކަން ތަންފީޒުނުކުރާކަމަށްވެސް ވޯލްޑް ބެންކުގެ ރިޕޯޓުގައިވެއެވެ.