ޚަބަރު

އިރާޤުގެ ރައީސްގެ މަޤާމަށް ޢަބްދުއްލަޠީފް ރާޝިދު އިންތިޚާބުކޮށްފި


އަހަރަކަށް ވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ ކޯޅުންތަކަށް ފަހު އިރާޤުގެ ރައީސް ކަމުގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކޮށްފިއެވެ. އެ މަޤާމާ ހަވާލުވެ ވަޑައިގަންނަވާފައި ވަނީ 78 އަހަރުގެ ޢަބްދުއްލަޠީފް ރާޝިދެވެ. ކުރުދީ ދަރިކޮޅަށް ނިސްބާތްވާ ރާޝިދު ރައީސް ކަމުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގަތީ، އެ މަޤާމަށް ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ ބަރްޙާމް ޞާލިޙާ ވާދަ ކުރައްވައެވެ.

ރައީސް ކަމުގެ މަޤާމަށް ރާޝިދު އިންތިޚާބު ކުރުމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ވޯޓު ނަގާފައި ވަނީ ނުރައްކާތެރި ހަމަލާތަކެއްގެ މެދުތެރެއިންނެވެ. ވޯޓު ނެގުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، ޤާނޫނު ހަދާ މަޖިލީސް ހުންނަ ގްރީން ޒޯންއަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފައިވެއެވެ. މި ހަމަލާތަކުގައި 10 މީހުން މަރުވިއެވެ. މީގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ ސިފައިން ވެސް ހިމެނެއެވެ.

ރައީސް ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ރާޝިދު އެންމެ ފުރަތަމަ ވެސް ކުރެއްވި ކަމަކީ، އިރާޤުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ބޭފުޅެއްގެ ނަން ހުށަހެޅުއްވުމެވެ. އެ މަޤާމުގެ މަސްއޫލިއްޔަތުތައް އޭނާ ހަވާލު ކުރައްވާފައި ވަނީ ޝީޢީ ދަރިކޮޅަށް ނިސްބަތްވާ ޝިޔާ އަލް-ސުދާނީއާއެވެ. ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި 52 އަހަރުގެ ސުދާނީއަށް އިރާޤުގެ އައު ސަރުކާރެއް އެކުލަވައިލައްވަން ޖެހިވަޑައިގަންނަވާނެއެވެ.

ބޮޑުވަޒީރު ކަމުގެ މަޤާމަށް ސުދާނީގެ ނަން ޖުލައި މަހުގެ ތެރޭގައި ވެސް ހުށަހަޅާފައިވެއެވެ. ނަމަވެސް، އެ ހުށަހެޅުމާ އެކު އިރާޤުގެ ދާޚިލީ މަސްރަޙު ހޫނުވިއެވެ. އަދި، ޝީޢީންގެ އިސް ލީޑަރުގައިވާ މުޤްތަދާ ޞަދުރަށް ވަފާތެރި މީހުން ވަނީ ބޮޑެތި މުޒާހަރާތަކެއް ކޮށް، ހަމަނުޖެހުން ހިންގާފައެވެ.

އެމެރިކާއިން 2003 ވަނަ އަހަރު އިރާޤަށް އަރައި، އެ ޤައުމުގެ ޤާނޫނީ ވެރިކަން ވައްޓައިލި ފަހުން، އެ ޤައުމުގެ ދާޚިލީ މަސްރަޙު އޮތީ ހަމަނުޖެހުންގަނޑެއްގެ ތެރޭގައެވެ. މިނިވަން މުވައްސަސާތަކުގެ ބާރު އޮތީ ކެނޑިފައެވެ. ވަޒީފާތަކެއް ނެތެވެ. ޢުމްރާނީ ވަސީލަތްތައް ދަނީ ވީރާނާވަމުންނެވެ. އަދި ކޮރަޕްޝަން ވަނީ ޢާންމުވެފައެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން އިރާޤުގައި ބޭއްވި ޢާންމު އިންތިޚާބަށް ފަހު އެ ޤައުމުގައި އައު ސަރުކާރެއް އެކުލަވައިލަން ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބުވެފައެވެ. މީގެ ކުރިން ތިން ފަހަރެއްގެ މަތިން އައު ރައީސަކު އިންތިޚާބު ކުރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް، ޤާނޫނު ހަދާ މަޖިލީހުގެ ކޯރަމް ހަމަނުވެ، އެ މަސައްކަތް ވަނީ ފޭލުވެފައެވެ.

އިރާޤުގެ ކުރީގެ ރައީސް ސައްދާމް ޙުސައިނުގެ ވެރިކަން ވައްޓައިލުމަށް ފަހު، އިރާޤުގެ ދަޢުލަތުގެ ބާރުތައް އޮތީ އެކި ދަރިކޮޅުތަކުގެ މެދުގައި ބަހާފައެވެ. ރައީސަކަށް އިންތިޚާބު ކުރެވޭނީ ކުރުދީ ދަރިކޮޅުގެ މީހެކެވެ. ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަން ކުރެވޭނީ ޝީޢީއެކެވެ. އަދި، ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމުގެ މަޤާމު ލިބޭނީ ސުންނީ މަޒުހަބުގެ މީހަކަށެވެ.