ޚަބަރު

އަސީރުން ބަދަލުކުރުމަށް ހޫޘީންނާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު މަޝްވަރާ ފަށައިފި


ސަޢޫދީ ޢަރަބިއްޔާއާއި ޔަމަނުގެ ހަނގުރާމަވެރި ޖަމާޢަތެއް ކަމުގައިވާ ހޫޘީންނާ ދެމެދު އަސީރުން ބަދަލުކުރުމާ މެދު މަޝްވަރާތައް ފަށައިފިއެވެ. މި މަޝްވަރާތަކުގައި ބައިވެރިވުމަށް ސަޢޫދީ ޢަރަބިއްޔާގެ ވަފުދެއް ވަނީ ހޫޘީންގެ އަތްދަށުގައި އޮތް ޔަމަނުގެ ވެރިރަށް ސަނާއަށް ދަތުރު ކޮށްފައެވެ. އަދި، ހޫޘީންގެ ވަފުދެއް ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ގޮސްފައެވެ.

ހޫޘީންނާ ދެކޮޅަށް ސަޢޫދީ ޢަރަބިއްޔާއިން އިސްވެ އޮވެ 2015 ވަނަ އަހަރު ފެށި ހަނގުރާމައަށް ފަހު ސަޢޫދީ ވަފުދެއް ޔަމަނަށް ދަތުރު ކޮށްފައި ވަނީ މަދު ފަހަރަކުއެވެ. ހޫޘީންނާ ދެކޮޅަށް ސަޢުދީ ޢަރަބިއްޔާއިން އެކުލަވައިލި އަސްކަރީ ފައުޖުން ހަމަލާދޭން ފަށާފައި ވަނީ، ސަނާ ހިފައި، ޔަމަނުގެ އިންތިޚާބީ ސަރުކާރުން ވައްޓައިލަން ހޫޘީން ހަނގުރާމަ ފެށުމުންނެވެ. ހޫޘީންނަކީ އީރާނުން ވާގިވެރިވާ ޖަމާޢަތެކެވެ.

ސަޢޫދީ ވަފުދުން ސަނާއަށް ކުރާ ދަތުރުގައި، ހޫޘީން ހައްޔަރު ކޮށްފައިވާ އަސީރުންނާ ބައްދަލު ކުރާނެއެވެ. މި ދަތުރަކީ، ދެ ފަރާތުގެ ދެމެދުގައި ހަމަލާ ބަދަލު ކުރުން ހުއްޓައިލުމަށް ވެފައިވާ އެއްބަސްވުމަށް ބާރު ދިނުމުގެ ގޮތުން ކުރަމުންދާ ދަތުރެކެވެ. ހޫޘީންގެ ވަފުދުން ވެސް ސަޢޫދީ ޢަރަބިއްޔާގެ ޖަލަކަށް ޒިޔާރަތްކޮށް، އަސީރުންނާ ބައްދަލު ކުރާނެއެވެ.

ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ހޫޘީންނާ ދެމެދު ހަދާފައިވާ ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމުގެ މުއްދަތު މި އޮކްޓޫބަރު މަހު ވަނީ ހަމަވެފައެވެ. ޔަމަނުގެ ދާޚިލީ މައްސަލަ ހައްލު ކުރުމުގެ ކަންކަން ވިލަރެސް ކުރުމަށް އ.ދ.އިން ކަނޑައަޅާފައި ހުންނަވާ ސަފީރު ހާންސް ގްރަންޑްބަރގް ވަނީ، އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، އެއްބަސްވުން އައު ކުރަން ދެ ފަރާތަށް ވެސް ގޮވައިލައްވާފައެވެ.