ޚަބަރު

ޖެނުއަރީ 6ގެ ހަމަނުޖެހުންތަކާ ގުޅިގެން ޓްރަމްޕަށް ޗިޓު ފޮނުވައިފި


2021ވަނަ އަހަރުގެ ޖަނަވަރީ 6ވަނަ ދުވަހު އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ޢިމާރާތުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ ޤައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ޗިޓު ފޮނުވައިފިއެވެ. އޭނާއަށް ޗިޓު ފޮނުވާފައި ވަނީ ޤާނޫނު ހަދާ މަޖިލީހުގައި އެ ހަމަނުޖެހުންތަކުގެ މައްސަލަ ބަލަމުންދާ ކޮމިޓީއިންނެވެ. ކޮމިޓީގެ ކުރިމައްޗަށް ހާޒިރުވެ، ބަޔާން ދިނުމަށް ޓްރަމްޕްއަށް އަންގާފައި މި ވަނީ ތަހުޤީޤުގެ ފަހު މަރުހަލާގެ ތެރެއިންނެވެ.

މައްސަލަ ބަލާ ކޮމިޓީގައި ހިމެނެނީ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ހަތް މެންބަރުންނާއި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ދެ މެންބަރުންނެވެ. ޓްރަމްޕް ކޮމިޓީގެ ކުރިމައްޗަށް ހާޒިރުކޮށް ސުވާލު ކުރަން ފާސްކޮށްފައި ވަނީ ކޮމިޓީގެ ހުރިހާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

"އަޅުގަނޑުމެން އިންސާފުވެރި ވާން ޖެހޭ. އެ ދުވަހުގެ ހާދިސާތަކުގެ ފުރިހަމަ މަންޒަރު ބަލައި ހޯދަން ޖެހޭ. ޓްރަމްޕްގެ ބަޔާން އެ ކަމަށް ބޭނުންވޭ. މިއީ، އެމެރިކާގެ ރައްޔިތުންނަށް ޖަވާބުދާރީވުމާ ގުޅޭ ސުވާލެއް. އޭނާގެ އަމަލުތަކަށް އޭނާ ޖަވާބުދާރީ ވާން ޖެހޭނެ،" ކޮމިޓީގެ މުގައްރަރު ބެނީ ތޮމްސަން ވިދާޅުވިއެވެ.

ކޮމިޓީގެ ކުރިމައްޗަށް ހާޒިރުވާން ޓްރަމްޕްއަށް ޗިޓު ފޮނުވާފައި ވީ ނަމަވެސް، އެ ކޮމިޓީގެ މި ފަދަ އަމުރުތައް ތަންފީޒު ކުރުމުގައި ހުރަސްތަކެއް ހުރެއެވެ. މީގެ ކުރިން ކޮމިޓީއިން މި ފަދައިން ޗިޓު ފޮނުވާފައިވާ މީހުންގެ ތެރެއިން ޗިޓަށް އަމަލު ނުކުރުމުގެ ސަބަބުން ޤާނޫނު ހަދާ މަޖިލީހުގެ ހުރުމަތް ކެނޑުމުގެ ކުށް ސާބިތުވެފައި ވަނީ އެންމެ މީހެއްގެ މައްޗަށެވެ.

އެއީ، ޓްރަމްޕްގެ ރިޔާސީ ދައުރުގައި ވައިޓް ހައުސްގެ އިސް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރި ސްޓީވް ބެނަންއެވެ. ޗިޓު ފޮނުވި ނަމަވެސް، ޓްރަމްޕް އެ އެންގުމަށް އިހުތިރާމު ކުރާނެ ކަމަކަށް ނުބެލެވެއެވެ. މީގެ ކުރިން ވެސް އޭނާ ވަނީ ކޮމިޓީގެ ތަހުޤީޤަށް ހުރަސްއަޅަން މަސައްކަތް ކުރައްވާފައެވެ.

"ކީއްވެތަ ކޮމިޓީން މީގެ މަހެއް ކުރިން އަޅުގަނޑަށް ޗިޓު ނުފޮނުވީ؟ ކީއްވެތަ އެންމެ ފަހު ވަގުތާ ޖެހެންދެން މަޑު ކުރީ؟ އެންމެ ފަހު ބައްދަލުވުމުގެ އެންމެ ފަހު ވަގުތާ ޖެހެންދެން މަޑު ކުރީ؟" ޓްރަމްޕް ސުވާލު އުފެއްދެވިއެވެ. އަދި، ކޮމިޓީގެ މަސައްކަތްތައް ފޭލުވެފައިވާ ކަމަށާއި، އެ މަސައްކަތުގެ ނަތީޖާއަކީ ޤައުމު ބައިބައިވުން ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ކޮމިޓީގެ ދައުރު އަންނަ އަހަރުގެ ޖަނަވަރީ މަހު ހަމަވުމާ އެކު، ޓްރަމްޕްއަށް ފޮނުވާފައިވާ ޗިޓު ވެސް ބާތިލުވާނެއެވެ. ނޮވެންބަރު މަހުގެ ޢާންމު އިންތިޚާބުގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން ކުރި ހޯދާނެ ކަމަށް ބެލެވެއެވެ. އަދި، އެ ޕާޓީން ވަނީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެޖޯރިޓީ ލިބުމާ އެކު ޖަނަވަރީ 6ގެ ހާދިސާއާ ގުޅޭ ތަހުޤީޤު ވަގުތުން ހުއްޓައިލާނެ ކަމަށް ބުނެފައެވެ.

2020 ނޮވެންބަރުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް، އިންތިޚާބު ކާމިޔާބުވި ކަމަށް ނިންމައި، އެ ކަން އިޢުލާނު ކުރަން ޓްރަމްޕް ރާއްވަވާފައިވާ ކަން ކޮމިޓީގެ ތަހުޤީޤަށް ވަނީ ހާމަވެފައެވެ. އަދި، އިންތިޚާބުގެ ނަތީޖާ އޮޅުވައިލަން އޭނާ މަސައްކަތް ކުރައްވާފައި ކަމަށް ކޮމިޓީއިން ތުހުމަތު ކުރެއެވެ. ޖަނަވަރީ 6ގައި ޤާނޫނު ހަދާ މަޖިލީހުގައި ހިންގި ހަމަނުޖެހުންތައް ރާވާ ހިންގަވާފައި ވަނީ ޓްރަމްޕް ކަމުގައި ވެސް ތުހުމަތު ކުރެވެއެވެ.