ސިނަމާލެ ބްރިޖުގައި ދަތުރުކުރާ މީހުން ސަމާލުވުމަށް ފުލުހުންގެ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ މިކަމަށް އިލްތިމާސްކޮށްފައި މިވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ގަދަ ވަޔާއެކު ވިއްސާރަ ކުރަމުންދާތީ ބްރިޖު ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.
ބްރިޖުން ދަތުރުކުރާ މީހުން ސަމާލުވުމުގެ ގޮތުން އިސްކަންދޭން ޖެހޭ ބައެއް ކަންކަން ހިއްސާ ކުރައްވާ ފުލުހުން ވަނީ ބުރުގާ އަޅާ މީހުން ވަޔާ އެކު ބުރުގާ މޫނު މައްޗަށް ނުދާނެހެން ބެހެއްޓުމާއި، ވިއްސާރަ ކޯޓު ބޭނުންކުރާ މީހުން ވަޔާ އެކު ހަލާކުވެގެން ގޮސް އެހެން މީހުންގެ މޫނު މަތީގައި ނޭޅޭފަދަ ރަނގަޅު ފެންވަރުގެ ކޯޓެއް ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ވައިގަދަވާ ގަޑިތަކުގައި އުޅަނދުތަކުގެ ސްޕީޑް ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި ހިފެހެއްޓުމަށް ވެސް އެދިފައިވެއެވެ.
މެޓް އޮފީހުން މިއަދު ނެރެފައިވާ އެންމެ ފަހުގެ އެލާޓްގައި ވަނީ މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކޮށްފައެވެ. މިގޮތުން. ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކުރާއިރު މޫސުން އެންމެ ގޯސްވާ ވަގުތު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ސިފައިންގެއިން ވެސް އިލްތިމާސްކޮށްފައިވެއެވެ.