މާލޭގެ މަގުތަކުގެ ފެންހިންދާ ނިޒާމް އަޕްގްރޭޑް ކުރުމާގުޅޭ ސަރވޭތައް ކުރުމަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީއާއެކު ޕްލޭނިން މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީން ސޮއިކުރެއްވީ ޕާމަނަންޓް ސެކެރަޓެރީގެ ޒިންމާތަކާ ހަވާލުވެހުންނެވި ޑިރެކްޓަރ ޖެނަރަލް އަޙްމަދު ޠަލްހަތެވެ. އަދި ޖަޕާނު އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީން ސޮއިކުރެއްވީ ޕްރިޕަރޭޓަރީ ސާވޭ ޓީމުގެ ލީޑަރ ހިޑެއަކީ މަޓްސުމޯޓޯއެވެ.
މި އެއްބަސްވުމުގެ ދަށުން ޖައިކާގެ ހިލޭ އެހީގެ ދަށުން، މާލޭ އެއްގަމު ތޮށި އަޕްގްރޭޑް ކުރުމާއި މާލޭގެ ފެންހިންދާ ނިޒާމް އަޕްގްރޭޑް ކުރުމާ ގުޅޭ ސަރވޭތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މިނިސްޓްރީ އާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފި. pic.twitter.com/bFfOuxR36I
— Min.of National Planning, Housing & Infrastructure (@MoNPHImv) October 13, 2022
ވިއްސާރަވުމާ ގުޅިގެން މާލޭގެ ގިނަ ސަރަޙައްދުތަކުގެ މަގުތަކުގައި ފެންބޮޑުވެ ފެންގަނޑު ނުހިނދި އެތައް ގަޑިއިތުތަކެއްވަންދެން އޮވެއެވެ. މިއާއެކު މަގުތަކުގައި ބަހައްޓާފައި ހުންނަ އުޅަނދުތަކާއި، އަދި ގޭގެއަށް ފެންވަދެ މީހުން މުދަލަށްވެސް ބޮޑެތި ގެއްލުންތައް ކުރިމަތިވެއެވެ. ގިނަފަހަރަށް މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ އެމްއެންޑީއެފްގެ އެހީގައި ޕަމްޕު ބަހައްޓައިގެންނެވެ. މިކަން ހައްލުކުރުމަށް އެކި ސަރުކާރުތަކުން މަސައްކަތް ކުރިނަމަވެސް އަދިވެސް މިކަމަށް ދާއިމާ ހައްލެއް ލިބިފައެއް ނުވެއެވެ.