އިޓަލީގައި ދިވެހިރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމުގެ މަޤުސަދުގައި އެ ޤައުމުގައި ކުރިއަށްދާ ފަތުރުވެރިކަމުގެ އެންމެބޮޑު އެއް ފެއަރ، ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސްގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ)އިން ބައިވެރިވެއްޖެއެވެ.
މިމަހުގެ 12ވަނަ ދުވަހުން ފެށިގެން 14ވަނަ ދުވަހަށް ކުރިއަށްގެންދާ މި ފެއަރއަކީ ދިވެހިރާއްޖެއަށް އިޓަލީގެ މާކެޓުގައި އޮތް މަގުބޫލުކަން ދަމަހައްޓާ، ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ފެއަރއެއްކަމަށް އެމްއެމްޕީއާރުސީން ވިދާޅުވިއެވެ.
ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސްއަކީ އިޓަލީގެ އެގްޒިބިޝަން ގްރޫޕް، އައިއީޖީއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މިފެއަރއަކީ، އިޓަލީގެ އެންމެ މަގުބޫލު ޓްރެވަލް އެޖެންސީތަކާއި، ޓުއަރ އޮޕަރޭޓަރުންގެ އިތުރުން ޓޫރިޒަމްގެ ޕްރޮފެޝަނަލުންނާ ގުޅިގެން، މަޝްވަރާކޮށް، ނެޓްވޯކް ކުުރުމަށް އެންމެބޮޑު ޕްލެޓްފޯމެވެ.
އެމްއެމްޕީއާރުސީން ހާމަކުރާ ގޮތުގައި މިފެއަރގައި ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކޮށް، ރާއްޖޭގެ ރަށްތައް ގުދުރަތީގޮތުން އުފެދިފައި ވަނީ ވަކިވަކިން ކަމުން، ފަތުރުވެރިންނަށް ލިބިދޭ ރައްކާތެރިކަމާއި އެކަހެރިކަން ޕްރޮމޯޓުކުރުމުގެ މަސްއަކަތް ކުރިއަށްދާނެއެވެ.
މީގެއިތުރުން ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓްތައް ކަމަށްވާ ރިސޯޓްތަކާއި ހޮޓެލްތަކާއި ގެސްޓްހައުސްތަކާއި ލިވަބޯޑުތަކުގެ މަޢުލޫމާތުތަކުގެ އިތުރުން ރާއްޖެއިން ފަތުރުވެރިންނަށް ލިބެންހުރި ތަފާތު ތަޖުރިބާތައްވެސް މާކެޓް ކުރެވިގެންދާނެކަމަށް އެމްއެމްޕީއާރުސީން މަޢުލޫމާތުދެއެވެ.
ކޯވިޑް-19ގެ ޙާލަތަށްފަހު، އިޓަލީ މާކެޓުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ ޢަދަދު މިހާރުވަނީ އިތުރުވެފައެވެ. މި އަހަރުގެ 17 އޮގަސްޓްގެ ނިޔަލަށް 70,943 ފަތުރުވެރިންވަނީ އިޓާލީން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި އިޓާލީ އަކީ މިހާރު ރާއްޖެއަށް 5ވަނައަށް އެންމެބޮޑު މާކެޓެވެ. މި އަހަރު ޖުމްލަ 1,237,664 ފަތުރުވެރިންވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކާއި، އެތަކެއް މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ.