ވިޔަފާރި

ކީކިމިނިން މަސް ގަންނަން ފަށައިފި


ށ.އަތޮޅު ކީކިމިނީގައި ގާއިމްކޮށްފައިވާ ކީކިމިނި ފިޝަރީޒް ކޮމްޕްލެކްސްއިން މަސް ގަންނަން ފަށައިފިއެވެ.

އައިލެންޑް އެންޓަޕްރައިސަސްއިން ހިންގާ ކީކިމިނި ފިޝަރީޒް ކޮމްޕްލެކްސްއަކީ 1900 ޓަނުގެ ކޯލްޑް ސްޓޯރެޖެއް ހުންނަ ފެކްޓަރީއެކެވެ.

ކީކިމިނި ހިންގާ އައިލެންޑް އެންޓަޕްރައިސަސްއިން ބުނީ ކީކިމިނި ފިޝަރީޒް ކޮމްޕްލެކްސް އޮޕަރޭޝަނަށް ގެނެސް، މަސް ކިރުމުގެ މަސައްކަތް އެރަށުގައި މިހާރު ފަށާފައިވާކަމަށެވެ.

މަސް ނުކިރާތާ ގިނަ ދުވަސްތަކަކަަށްފަހު ކީކިމިނީގައި މަސް ކިރަން ފަށާފައިވާއިރު މަސް ކިރުވަން ބޭނުންވާ މަސް ދޯނިތަކުން ގުޅައިގެން މަސް ކިރުވުމުގެ އިންތިޒާ ވަނީ ހަމަޖައްސާފައެވެ.

ކީކިމިނީ އަށް މިވަގުތު ގަންނަނީ ހަމައެކަނި ކަޅުބިލަ މަހާއި ކަންނެލިކަމަށާއި މަސް ގަންނަނީ 1.5 ކިލޯ އިން މަތިނަމަ 13 ރުފިޔާއަށް އަދި 1.5 ކިލޯއަށް ވުރެ ދަށްނަމަ 5.5 ރުފިޔާއަށްކަމަށް އެ ކުންފުނިން ބުނެއެވެ.

ކީކިމިނި އޮޕަރޭޝަނަށް ގެނެސްފައިވާއިރު މިއީ މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބިގެންދިޔަ ކުރިއެރުމެކެވެ.

ސަރުކާރުން ދަނީ ރާއްޖޭގައި މަސް ކިރުމުގެ މަސައްކަތްކުރާ އަމިއްލަ ކުންފުނިތަކާއިވެސް މަޝްވަރާކޮށް، އެ ފަރާތްތަކަށް ދިމާވާ ދަތިތައް ދަނެގަނެ ޙައްލު ހޯދުމަށް މަސައްކަތްކުރަމުންނެވެ.

ކީކިމިނީގެ އިތުރުން ތ.ފުނައްޑޫ އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ..