ޚަބަރު

ސްކޫލް ބަހެއްގެ ޑްރައިވަރު މަރާލުމުން ޕާކިސްތާނުގައި ބޮޑެތި މުޒާހަރާތަކެއް


ޕާކިސްތާނުގެ ސްވޮޓް ވާދީގައި ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ގޮވައިގެން ދަތުރު ކުރަމުންދިޔަ ބަހަކަށް ހަމަލާދީ ބަސް ދުއްވަން އިން ޑްރައިވަރު މަރައިލައިފިއެވެ. މި ހާދިސާގައި ދަރިވަރަކު ވެސް ވަނީ ޒަޚަމުވެފައެވެ. މި ހަމަލާއާ ގުޅިގެން ސްވޮޓް ވާދީގެ ސްކޫލްތަކުގެ ދަރިވަރުން ވަނީ މަގުތަކަށް ނިކުމެ، މުޒާހަރާ ކުރަން ފަށާފައެވެ.

މުޒާހަރާތަކުގައި 2,000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ. އެ ކުދިން މުޒާހަރާ ކުރަން ނުކުމެފައި ވަނީ، ބަހަށް ދިން ހަމަލާގެ ޚަބަރު ލިބުމާ އެކު، ކްލާސްތައް ހުއްޓައިލުމަށް ފަހުއެވެ. މި ހާދިސާއާ ގުޅިގެން މީގެ 10 އަހަރު ކުރިން ހިނގި މި ފަދަ ހާދިސާއެއްގެ ހަނދާންތައް ވަނީ އައުވެފައެވެ.

މީގެ 10 އަހަރު ކުރިން ސްވޮޓް ވާދީގައި ދިން ހަމަލާގެ ޝިކާރައަކަށް ވީ މަލާލާ ޔޫސުފްޒާދީއެވެ. އޭނާއަށް ހަމަލާ ދީފައި ވަނީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނުންނެވެ. އޭރު ސްކޫލުގައި ތަޢުލީމު ހާސިލު ކުރަމުން ދިޔަ ދަރިވަރެކެވެ. ތާލިބާނުންނަކީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ ޖަމާޢަތެކެވެ. އެ ޖަމާޢަތުގެ ގޮތްޕެއް ކަމުގައިވާ ތަހްރީކް ތާލިބާނަކީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ޖަމާޢަތެކެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން އަފްޣާނިސްތާނުގެ ވެރިކަމާ ތާލިބާނުން ހަވާލުވުމާ އެކު، އެ ޖަމާޢަތަށް ނިސްބަތްވާ ހަނގުރާމަވެރިން ޕާކިސްތާނުގައި ހިންގާ ހަރަކާތްތައް ވަނީ އިތުރު ކޮށްފައެވެ. އޮކްޓޫބަރު 10ގައި ސްކޫލް ބަހަށް އަމާޒުކޮށް ހަމަލާ ދިނުމުގެ ފަހަތުގައި ވަނީ ވެސް އެ ޖަމާޢަތުން ކަމުގައި ތުހުމަތު ކުރެވެއެވެ. ނަމަވެސް، އެ ޖަމާޢަތުން ވަނީ އެ ކަން ދޮގު ކޮށްފައެވެ.

މި ހަމަލާގައި ޒަޚަމުވެފައި ވަނީ އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށާއި، ހަމަލާ ދިނުމަށް ފަހު ފިލާފައިވާ މީހާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ޕާކިސްތާނުގެ ފުލުހުން ބުނެއެވެ. 2007އާއި 2009ވަނަ އަހަރުގެ ތެރޭގައި ތަހްރީކް ތާލިބާން ޖަމާޢަތުން ވަނީ ސްވޮޓް ވާދީގެ ބޮޑު ސަރަޙައްދެއް ކޮންޓްރޯލް ކޮށްފައެވެ.

މީގެ 10 އަހަރު ކުރިން ދިން ހަމަލާއިން ސަލާމަތްވި މަލާލާ ޔޫސުފްޒާދީއަކީ މިހާރު އަންހެން ކުދިންނަށް ތަޢުލީމުގެ ފުރުޞަތު ހޯދައިދިނުމަށް ވަކާލާތު ކުރަމުންދާ މީހެކެވެ. އެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އޭނާއަށް ވަނީ ނޮބެލް ޞުލްޙައިގެ އިނާމު ވެސް އަރުވާފައެވެ.

މި ހަމަލާ ދީފައި މި ވަނީ މަލާލާ ޕާކިސްތާނަށް ޒިޔާރަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިއީ، އޭނާގެ ފުރާނަ ނަގައިލަން ދިން ހަމަލާއަށް ފަހު އޭނާ އަމިއްލަ ޤައުމަށް ޒިޔާރަތް ކުރާ ފުރަތަމަ ފަހަރެވެ. ކަރާޗީއާއި ސިންދު ޕުރޮވިންސަށް މަލާލާ ކުރި ޒިޔާރަތުގައި އޭނާ ވަނީ ޕާކިސްތާނަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާތަކުގައި ހާލުގައި ޖެހިފައިވާ އަންހެނުންނާ ބައްދަލު ކޮށްފައެވެ.

ބަހަށް އަމާޒުކޮށް ދިން ހަމަލާގެ ފަހުން ސްވޮޓް ވާދީގެ މިންގޯރާގައި ހިނގި މި ފަދަ އެހެން ހާދިސާއެއްގައި ވެސް ތިން ދަރިވަރުން ވަނީ ޒަޚަމުވެފައެވެ. ޕާކިސްތާނުގެ ސަރުކާރާއި ތަހްރީކް ތާލިބާން ޖަމާޢަތާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން، ހަމަލާ ބަދަލު ކުރުންތައް ވަނީ މެދުކަނޑައިލާފައެވެ. ނަމަވެސް، އެ ޖަމާޢަތަށް ނިސްބަތްވާ ހަނގުރާމަވެރިން ދޭތެރެދޭތެރެއިން ދަނީ ހަމަލާ ދެމުންނެވެ.