ޚަބަރު

ދަނޑުވެރިކަން ފުޅާކުރުމަށް، ތަމްރީން ލިބިފައިވާ ޤާބިލު މީހުން ބިނާކުރަންޖެހޭ : ނާޞިރު


ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ މިހާރަށްވުރެ ފުޅާކޮށް، މި ދާއިރާ ކުރިއެރުވޭނީ އެކަމަށް ބޭނުންވާ އިލްމާއި ހުނަރު ލިބިފައިވާ ޤާބިލު މީހުން ބިނާކޮށްގެންކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު ނާޞިރު ވިދާޅުވެއްޖެއެވެ.

ޑެޕިއުޓީ މިނިސްޓަރ މިހެން ވިދާޅުވީ، ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ދަނޑުވެރިކަމުގެ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދަކައްވަމުންނެވެ.

ކާށިދޫގައި ކުރިއަށްގެންދާ މި ވޯކްޝޮޕަކީ 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. ވޯކްޝޮޕް ފަށްޓަވައިދެއްވުމަށްފަހު، ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު ނާޞިރު ވިދާޅުވީ، ދަނޑުވެރިކަން މިހާރަށްވުރެ ފުޅާކުރުމަށް އެކަމަށް ބޭނުންވާ ފަންނީ މަޢުލޫމާތާއި ހުނަރު ހޯދައި އެކަމަށް އަހުލުވެރިވުމަކީ އެންމެ މުހިންމު ކަންތައްކަމަށެވެ. އަދި މިފަދަ ތަމްރީންތަކުގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާއަށް ކުރާ ނަފާ ބޮޑުވާނެކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

"ދަނޑުވެރިންނަށް މިފަދަ މަޢުލޫމާތުތައް ލިބިމުން ދަނޑުތަކަށް ދިވާމާ ކޮންމެ ހާލަތެއް ނުވަތަ ކާރިސާއެއްގަ އަމަލުކުރަންވީ ގޮތް އެނގިގެންދާނެ. ބަޔަކު މީހުން އަންނަންދެން މަޑުކުރުމުގެ ބަދަލުގައި އަމިއްލައަށް އެބައެއްގެ ތެރެއިން ދަނޑުތައް ސަލާމަތްކުރެވިގެންދާނެ" ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ދަނޑުވެރިންގެ ދުވަސް ކޮންމެ އޮކްޓޫބަރު މަހެއްގެ 15 ވަނަ ދުވަހު އަންނަނީ ފާހަގަކުރަމުންނެވެ. މިދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްސަދަކީ ރާއްޖޭގައި ދަނޑުވެރިކަމަށް ޚާއްޞަ އަޙައްމިއްޔަތުކަމެއް ދީ ދަނޑުވެރިން ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނާއި ދަނޑުވެރިކަމަށް ޢާންމުންގެ ޝަޢުގުވެރިކަން އިތުރުކުރުމެވެ.

2022 ވަނަ އަހަރުގެ ދަނޑުވެރިންގެ ދުވަސް ކ. ކާށިދޫގައި ފާހަގަކުރަމުން އަންނައިރު ކާށިދޫއަކީ ދަނޑުވެރިކަމުގައި ފާހަގަކޮށްލެވޭ ރަށެކެވެ. ރަށުގެ މީހުން އާމްދަނީ ހޯދުމުގެ ގޮތުން ކުރާ މައިގަނޑު އެއް މަސައްކަތަކީ ދަނޑުވެރިކަމެވެ.

މި ވޯކްޝޮޕްގެ ތެރެއިން ކާށިދޫގެ ދަނޑުވެރިން ވަނީ ދަނޑުވެރިކަމުގައި ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ ހިއްސާކޮށްފައެވެ.

"ދަނޑުވެރިކަން ކުރާއިރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ގަސްތަކަށް ބޭނުންވާ ކާނާ ލިބުމުގެ ދަތިކަމާއި ގަސްތަކަށް ޖެހޭ ބަލިތަކަށް ދޭނެ ފަރުވާއެއް ނެތުން" ރަށުގައި ދަނޑުވެރިކަން ކުރާ ފަރާތެއް ބުންޏެވެ.

ދަނޑުވެރިކަމަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބުމަކީ ދަނޑުވެރިން ކުރަމުން އަންނަ ފޮނި އުންމީދެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު އުންމީދަކީ ދަނޑުވެރިކަމަށް މި ބޭނުންކުރާ ތަކެތި ފަސޭހަކަމާއިއެކު އަތްފޯރާ އަގެއްގައި ލިބިގެންދިޔުން" ރަށުގައި ދަނޑުވެރިކަން ކުރާ ފަރާތެއް ބުންޏެވެ.


މޫސިމީ ބަދަލުތަކާއިއެކު ދިމާވާ ބައެއް ކާރިސާތަކުގައި ދަނޑުތައް ހަލާކުވުމަކީ ދަނޑުވެރިން އެންމެ ކަންބޮޑުވުން ފާޅުކުރާ އެއްކަމެވެ. މިކަމުގެ ސަބަބުން ދަނޑުތައް އަލުން ހެދި އޭގެން މަންފާއެއް ލިބުމަށް އެތައް ދުވަހެއް ނަގާކަމަށް ދަނޑުވެރިން ފާހަގަކުރިއެވެ.

"ކޮންމެ އަހަރަކުވެސް މޫސުމީ ބަދަލުތަކާއި ގުޅިގެން ދަނޑުތަކަށް އެކި ވަރުގެ ގެއްލުން ލިބޭ. އޭގެން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ޤާނޫނެއްގެ ދަށުން ވިޔަސް އަޅުގަނޑުމެންނަށް ސަބްސިޑީއެއް ލިބޭނެގޮތް ހަމަޖެހިއްޖެނަމަ މިހަރަށްވުރެ ފަސޭހަވެގެންދާނެ" ކާށިދޫގައި ދަނޑުވެރިކަން ކުރާ ފަރާތެއް ބުންޏެވެ.

މި ވޯކްޝޮޕްގެ ތެރެއިން ދަނޑުވެރިންނަށް ވަނީ ތަފާތު މައުލޫމާތުދިނުމުގެ ސެޝަންތައް ކުރިއަށްގެންގޮސްފައެވެ. އޭގެތެރޭގައި ދަނޑުވެރިކަން ތަރައްޤީކުރުމަށް މިނިސްޓްރީން ކުރިއަށްގެންދާ ތަފާތު ޕްރޮގްރާމްތަކާއި، މަޝްރޫޢުތަކުގެ މަޢުލޫމާތާއި ދަނޑުވެރިކަން ޕްލޭންކުރާނެގޮތާއި ދަޢުލަތުން ދަނޑުވެރިންނަށް ފަހިކޮށްދޭ "ދަނޑުވެރިނަފާ" ލޯނާއި ގުޅޭގޮތުން ވަނީ މައުލޫމާތުދިނުން ކުރިއަށްގެންގޮސްފައެވެ.

މީގެ އިތުރުން ދަނޑުވެރިކަމުގައި ދިމާވާ މުހިންމު ބަލިތަކާއި މޫސުމީކަންތައްތައް ދެނެގަތުމާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މެދުވެރިކޮށް ހުރި ފުރުސަތުތައްވެސް ވަނީ ހިއްސާކޮށްފައެވެ.