ޔަހޫދީ އިސްރާޢީލުގެ ސިފައިން އަޅުވެތިކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ދިން ހަމަލާއެއްގައި ޔަހޫދީ ސިފައިންގެ މީހަކު މަރައިލައިފިއެވެ. އެ މީހާ މަރައިލާފައި ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިވެފައިވާ ސަރަޙައްދެއް ކަމުގައިވާ ޝަވެއި ޝޮމްރޯންގައެވެ. މިއީ، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީ ސިފައިންނަށް އަމާޒުކޮށް ބަޑި ޖަހައިގެން ދީފައިވާ ދެ ވަނަ ހަމަލާއެވެ.
ފަލަސްޠީނުގެ އެތަކެއް ޖީލުތަކެއް ދިރިއުޅެމުން ދަނީ ޔަހޫދީ އިސްރާޢީލުގެ އަޅުވެތިކަމުގެ ދަށުގައެވެ. ޔަހޫދީ އިސްރާޢީލުގެ އިސްތިއުމާރީ ބާރުން ވަނީ ފަލަސްޠީނުގެ ބިންތައް ހިފާފައެވެ. މުސްލިމުންގެ ބިންތަކަށް ވެރިވެގަނެފައެވެ. ޔަހޫދީން އަތްގަދަ ކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި މުސްލިމުން ދިރިއުޅެމުން ދަނީ ބިކަ ހާލުގައެވެ.
ފަލަސްޠީނުގެ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ "ދަ ލަޔަންސް ޑެން"އިން ވަނީ ޔަހޫދީ ސިފައިންގެ މީހާ މަރައިލުމުގެ ޒިންމާ އުފުލާފައެވެ. އެއީ މި އަހަރުގެ ކުރީކޮޅު ހަރަކާތްތެރިވާން ފަށާފައިވާ އައު ޖަމާޢަތެކެވެ. ޔަހޫދީންގެ ސިފައިންގެ މީހާއަށް ހަމަލާ ދިނުމުގައި ދެ މީހަކު ބައިވެރިވެފައިވާ ކަމުގައި އިސްރާޢީލުން ބުނެއެވެ. އެ މީހުން ހޯދުމަށް ޔަހޫދީންގެ ސިފައިން ވަނީ ހުޅަނގު އައްސޭރިއަށް އަރާފައެވެ.
ޔަހޫދީންގެ ދިފާޢީ ވަޒީރު ބެނީ ގެންޓްޒް ވަނީ، ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި، ހަމަލާ ރޭވުމުގައި ހަރަކާތްތެރިވި މީހުން ހޯދައި ހައްޔަރު ކުރާނެ ކަމުގައެވެ. ހަމަލާގައި މަރުވީ އިސްރާޢީލުގެ ސިފައިންގެ އުމުރުން 21 އަހަރުގެ މީހެކެވެ.
މީގެ ތިން ދުވަސް ކުރިން ވެސް ދަ ލަޔަންސް ޑެން ޖަމާޢަތުން ވަނީ ޔަހޫދީ ސިފައިންގެ މީހަކަށް ބަޑިން ހަމަލާދީ އޭނާ މަރައިލާފައެވެ. މި ހަމަލާ ދީފައި ވަނީ ފަލަސްޠީނުގެ ރެފިޔުޖީ ކޭމްޕެއް ކަމުގައިވާ ޝައުފަތުގައި ހުރި ޗެކްޕޮއިންޓެއް ކައިރީގައެވެ. ހަމަލާގައި ދިނީ 22 އަހަރުގެ ޒުވާނެއް ކަމަށާއި، އޭނާ ހޯދައި، ހައްޔަރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ޔަހޫދީންގެ ދަޢުލަތުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ޔަހޫދީންގެ ސިފައިން ވަނީ ރެފިޔުޖީ ކޭމްޕަށް ވަދެނިކުމެ ވާން އޮތް ހުރިހާ މަގެއް ބަންދުކޮށްފައެވެ. އަދި، އެ ތަނުގެ ސްކޫލްތައް ވެސް ބަންދުކޮށްފައެވެ. މިއާ އެކު، މިހާރު ވެސް ހާލުގައި އުޅެމުންދާ އެ ތަނުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންގެ ދިރިއުޅުން ވަނީ އިތުރަށް ބިކަ ވެފައެވެ.
މި ހަމަލާތަކުގެ ރައްދު ދިނުމުގެ ގޮތުން ޔަހޫދީންގެ ސިފައިން ދަނީ ހުޅަނގު އައްސޭރީގައި ވަރުގަދަ އުދުވާންތަކެއް ހިންގަމުންނެވެ. އަދި، މިހާތަނަށް ފަލަސްޠީނުގެ ހަތަރު ޒުވާނަކު ވަނީ ޝަހީދު ކޮށްލާފައެވެ. ހުސްވި ސެޕްޓެންބަރު މަހު ޔަހޫދީ ސިފައިން ދިން ހަމަލާއެއްގައި 12 އަހަރުގެ ކުއްޖަކު ވެސް ވަނީ ޒަޚަމު ކޮށްލާފައެވެ.