ޚަބަރު

ކަނޑުގެ ސަރަޙައްދީ އިމުގެ މައްސަލާގައި ލުބުނާނަށް ކުރިއެރުން


ލުބުނާނާއި ޔަހޫދީ އިސްރާޢީލާ ދެމެދު ޚިޔާލު ތަފާތުވުން ބޮޑުވެފައިވާ ކަނޑުގެ ސަރަޙައްދީ އިމުގެ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަޝްވަރާތަކުގައި ލުބުނާނަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމުގައި އެ ޤައުމުން ބުނެފިއެވެ. މި މައްސަލަ ހައްލު ކުރުމާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެމެދުގައި ކުރަމުންދާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުން ދަނީ އެމެރިކާއިންނެވެ.

މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ލުބުނާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް އިލިޔާސް ބޫ ސާބް ވިދާޅުވީ، އެއްބަސްވުމުގެ އެންމެ ފަހުގެ ދެލިކޮޕީގައި ލުބުނާނުން ހުށަހަޅާފައިވާ ޝަރުޠުތަކާއި ބޭނުންވާ ކަންކަން ހިމަނާފައިވާ ކަމުގައެވެ. އަދި، އެ ކަމާ މެދު ހިތްހަމަޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ ދެލިކޮޕީ ލުބުނާނުގެ ރައީސް މިޝެލް ޢާއޫންގެ އަތްޕުޅަށް އަރުވާފައެވެ. ޔަހޫދީންގެ ދަޢުލަތް ކަމުގައިވާ އިސްރާޢީލުން ވެސް ވަނީ މި ދެލިކޮޕީއާ މެދު ހިތްހަމަޖެހޭ ކަން ފާޅުކޮށް، އެ ޤައުމުން ވެސް ބޭނުންވާ ކަންކަން ދެލިކޮޕީގައި ހިމަނާފައިވާ ކަމުގައި ބުނެފައެވެ.

ރައީސް ޢާއޫންގެ ރިޔާސީ ދައުރު މި އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ނިމުމުގެ ކުރިން ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއި ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ބޫ ސާބް ވިދާޅުވިއެވެ. ކަނޑުގެ ސަރަޙައްދީ އިމާ މެދު އޮތް ޚިޔާލު ތަފާތުވުންތައް ހައްލު ކުރުމަށް ދެ ޤައުމުގެ މެދުގައި މަޝްވަރާތައް ފަށާފައި ވަނީ 2020 ވަނަ އަހަރުއެވެ.

މިހާރު އޮތް ގޮތަށް ދެ ޤައުމުގެ މެދުގައި އެއްބަސްވުން އެކުލަވައިލެވިއްޖެ ނަމަ، ކަނޑުގެ ސަރަޙައްދުގައިވާ ޤަނާގެ ނަން ދީފައިވާ ޤުދުރަތީ ގޭސް ވަޅުތަކުން ގޭސް ނެގުމުގެ މަސައްކަތް ލުބުނާނަށް ފެށޭނެއެވެ. ނަމަވެސް، އެ ތަނުން ގޭސް ވިއްކައިގެން ލިބޭ އާމްދަނީގެ ބައެއް އިސްރާޢީލާ ހިއްސާ ކުރަން ޖެހޭނެއެވެ. އަދި، ކަރިޝްގެ ނަން ދީފައިވާ ގޭސް ވަޅުތަކުގެ މިލްކިއްޔާތު ލިބޭނީ ޔަހޫދީންނަށެވެ.

ލުބުނާނާއި ޔަހޫދީންގެ އިސްރާޢީލު މި ވަގުތު އޮތީ ހަނގުރާމައިގެ ހާލަތެއްގައެވެ. ނަމަވެސް، އ.ދ.ގެ ބާރުއެޅުމުގެ ދަށުން ހަމަލާ ބަދަލު ކުރުންތައް އޮތީ ހުއްޓައިލާފައެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި އޮތް ސަރަޙައްދީ ރޮނގު ބަލަހައްޓަމުން ދަނީ އ.ދ.ގެ ޞުލްޙަ ބަލަހައްޓާ ފައުޖުތަކުންނެވެ.