ޚަބަރު

ގަސްދެއްއޮވެ ޢާންމުންނަށް ހަމަލާ ދިނުމަކީ ކުށެއްކަން ރަޝިޔާއަށް ހަނދާންކޮށްދީފި


ގަސްދެއް އޮވެ ޔޫކްރެއިނުގެ ޢާންމު ރައްޔިތުން ދިރިއުޅޭ ޢިމާރާތްތަކާއި ޢުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމަކީ ހަނގުރާމައިގެ ކުށެއް ކަން ހަނދާންކޮށްދީ، އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާއިން ރަޝިޔާއަށް އިންޒާރު ދީފިއެވެ. އޮކްޓޫބަރު 10ވަނަ ދުވަހުން ފެށިގެން ރަޝިޔާއިން ވަނީ ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމަ އިތުރަށް ފުޅާ ކޮށްފައެވެ. އަދި، ޔޫކްރެއިނުގެ ވެރިރަށް ކީވްގެ އިތުރުން އެހެން މައި ރަށްތަކަށް ވެސް ބޮން އަޅަން ފަށާފައެވެ.

އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާއިން ވަނީ ރަޝިޔާގެ އެންމެ ފަހުގެ ހަމަލާތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ޔޫކްރެއިނުން ބުނަނީ، ރަޝިޔާގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ޢާންމުން ދިރިއުޅޭ ޢިމާރާތްތަކާއި، ޢާންމުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުން ކުރާ ޢުމްރާނީ ވަސީލަތްތަކަށް ކަމުގައެވެ. އަދި، ޔޫކްރެއިނުގެ އަމާޒުތަކަށް 80 އަށްވުރެ ގިނަ ކްރޫޒް މިސައިލް ހަމަލާ ދީފައިވާ ކަމަށާއި، ހަމަލާތައް ދީފައި ވަނީ މަގުތަކާއި ޢިމާރާތްތަކުގައި އެންމެ ކާރުބާރު ބޮޑު ވަގުތުގައި ކަމަށް ވެސް ކީވްއިން ބުނެއެވެ.

"ބައިނަލްއަޤުވާމީ އިންސާނީ ހައްޤުތަކާ ބެހޭ ޤާނޫނުތަކާ ރަޝިޔާއިން ޚިލާފުވެފައިވާ ކަމަށް ބެލުމުގެ ފުރުޞަތު އެބައޮތް. ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް، ނުވަތަ ޢާންމުން ބޭނުން ކުރާ އެއްޗަކަށް، ނުވަތަ ތަނަކަށް ގަސްދުގައި ހަމަލާ ދިނުމަކީ ހަނގުރާމައިގެ ކުށެއް. އެއީ ޖަރީމާއެއް،" އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާގެ ތަރުޖަމާނު ރަވީނާ ޝަމްދަސާނީ ވިދާޅުވިއެވެ.

ރަޝިޔާއިން ދިން ހަމަލާތަކުގައި މަރުވެފައިވާ މީހުންގެ އަދަދު 19 އަށް އަރާފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. އަދި، އިތުރު 105 މީހަކު ޒަޚަމުވި ކަމުގައި ވެސް އެ ޤައުމުން ބުނެއެވެ. ނަމަވެސް، އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާއިން ބުނީ ހަމަލާތަކުގައި މަރުވެފައި ވަނީ 12 މީހުން ކަމުގައެވެ.

"ރަޝިޔާއިން ހަމަލާ ދީފައި ވަނީ ޢާންމުން އޮފީސްތަކަށް ދިޔަ ވަގުތު. ދަރިވަރުން ސްކޫލުތަކަށް ދިޔަ ވަގުތު. އެ ކަމާ ނުހަނު ކަންބޮޑުވޭ. ހަމަލާތައް ޢާންމުންގެ ޢިމާރާތްތަކަށް އަމާޒުކޮށްފައިވާ ކަމަށް ބެލެވޭ. ޢާންމުން ދިރިއުޅޭ ޢިމާރާތްތަކަށާއި، ޢާންމުންނަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށް ހަމަލާ ދީފައިވާ ކަމަށް ޤަބޫލު ކުރެވޭ. މިއީ ހަނގުރާމައިގެ ކުށްތަކުގެ ގޮތުގައި ބެލެވޭ ކަންކަން،" ޝަމްދަސާނީ ވިދާޅުވިއެވެ.

ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް، ޔޫކްރެއިނުގެ މައި ރަށްތަކުގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ވަސީލަތްތަކަށް ރަޝިޔާއިން ގަސްދުގައި ހަމަލާދީ، ގެއްލުން ދިނުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަދި، މި ފަދަ އަމަލުތަކުގެ އިތުރުން ޢާންމުންގެ އަމާޒުތަކަށް ހަމަލާ ދިނުން ހުއްޓައިލުމަށް އޭނާ ވަނީ ރަޝިޔާއަށް ގޮވައިލައްވާފައެވެ.

ރަޝިޔާއިން ޔޫކްރެއިނުގެ ވެރިރަށް ކީވްއާއި ބޮޑެތި އެހެން ރަށްތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައި ވަނީ، ޔޫކްރެއިނުގެ ދެކުނުގައިވާ ކްރައިމިޔާއާއި ރަޝިޔާ ގުޅައިދޭ މައި ބުރިޖަށް ދިން ހަމަލާއެއްގައި އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ސަބަބުން ބަދަލު ހިފުމުގެ ގޮތުން ކަމުގައި ރަޝިޔާއިން ބުނެއެވެ. އަދި، އެއީ ޓެރެރިޒަމުގެ އަމަލެއް ކަމުގައި ދެކޭ ކަމަށާއި، އެ ހަމަލާގެ ފަހަތުގައިވާ ޓެރެރިސްޓުން ނައްތައިލާނެ ކަމުގައި ރަޝިޔާއިން ވަނީ ބުނެފައެވެ.