ޚަބަރު

ޒާތީ މަޢުލޫމާތު ލީކުވާ އެތައް ގޮތްތަކެއް! އަވަހަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ!


މިއީ ސޯޝަލް މީޑިއާގައި، އެކައުންޓްތަކުން ފައިސާ ގެއްލުމާއި އޮޅުވާލައިގެން ފައިސާގެ މުޢާމަލާތް ހިންގާފައިވާކަމަށް ބުނެ ވާހަކަ ދެކެވެމުންދާ ދުވަސްވަރެކެވެ. މިކަން ހިނގަނީ ބައެއް މީހުންނަށް އެއްގޮތަކަށްވެސް މިވަނީ ކީއްކަންވެސް ނޭނގިއެވެ. އަނެއް ބަޔަކު ބުނާގޮތުން މިއީ ބޭންކުން ކުރާކަމެކެވެ. ކޮންމެއަކަސް ޒާތީ މައުލޫމާތު ހާމަވާ ގޮތްތައް ދެނެގަނެ މައުލޫމާތު ރައްކާތެރިކޮށް ބަލަހައްޓަން އެބަޖެހެއެވެ.

"ނޭޝަނަލް ސައިބަ ސެކިއުރިޓީ އެވެއާނަސް މަންތް" ނުވަތަ ސައިބަރ ސެކިއުރިޓީއާމެދު ހޭލުންތެރިކުރުވުމަށް ޤައުމީ ފެންވަރުގައި ފާހަގަކުރާ މަސް، ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެފައިވަނީ ސައިބަ ސެކިއުރިޓީއަކީ ކޮންމެ ފަރުދަކުވެސް ސަމަލުވާންޖެހޭ މުހިންމު ކަމެއްކަމަށެވެ. ސައިބަ ސެކިއުރިޓީ ނެތުމުގެ މައްސަލަތަކުގެ ސަބަބުން، ވަކިވަކި ފަރުދުންނަށާއި އަސަރުކުރަށް އެތަކެއް ގެއްލުންތަކާއި ހިތާމަވެރި އެތައް ހާދިސާތައް ހިނގަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެން މިހީ މިހާރުން މިހާރަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހިފައިވާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ޒަމާނުގައި ބޭންކުތަކުގެ ކަސްޓަމަރުންގެ މައުލޫމާތު ހޯދިދާނެ ގިނަ ގޮތްތަކެއް އެބަހުރި. ކޮންމެހެން ފޯނުން ގުޅައިގެން މައުލޫމާތު ހޯދާކަށްވެސް ނުޖެހޭ. ދިވެހިން އާންމުކޮށް ބޭނުންކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ބަލާއިރުވެސް މިވޭތުވެ ދިޔަ ދެ އަހަރުދުވަހުގެތެރޭގައި އެތައް ސަތޭކަ މިލިއަން ޔޫޒަރސްގެ ޑޭޓާ ބްރީޗްވެފައި ހުރިކަމަށް މިވަނީ ރިޕޯޓްތަކުން ހާމަވެފައި. ޑޭޓާ ބްރީޗްވެގެން އީމެއިލް، ޕާސްވޯޑް، ދިރިއުޅޭ ގައުމު، އުފަން ތާރީޚުފަދަ ޒާތީ މައުލޫމާތު އެހެން ފަރާތްތަކަށް ލިބިގެންދޭ. އަދި އީމެއިލް އަށް އެކްސެސް ލިބުމުން އީމެއިލްގައި ސޭވްކޮށްފަ ހުންނަ ޑޭޓާވެސް އެބަ ލިބޭ. އެހެންކަމުން ކަސްޓަމަރުންގެ މައުލޫމާތުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް މިފަދަ ހިދުމަތްދޭ ޕްލެޓްފޯމްތަކުންވެސް އަންނަނީ ހޭލުންތެރިކުރުވަމުން." ޓެކްނޯލޮޖީގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅަކު ވިދާޅުވިއެވެ.

ފޯނު ކްލޯންކޮށްގެން ކަސްޓަމަރުގެ ޑޭޓާއަށް އެކްސެސްވެ، އެކިކަހަލަ ނާޖާއިޒު މުއާމަލާތްތައް ހިންގާފައިވާ ޙާދިސާތައް ފެންމަތިވެފައިވެއެވެ. މާނައަކީ ފިޒިކަލް ފޯނު ކަސްޓަމަރުގެ އަތުގައި އޮންނަ ވަގުތުވެސް އޭގައި ހިމެނޭ ޑޭޓާ ބޭނުންކޮށްގެން އެހެން ފަރާތަކުން މުއާމަލާތްކޮށްފައިވުމެވެ. އީމެއިލާއި އީމެއިލް ޕާސްވޯޑް ލިބި، ބްރައުޒަރގައި އިންޓަރނެޓް ބޭންކިންގ ޔޫސަރނޭމް އަދި ޕާސްވޯޑް ސޭވްކޮށްފައި ހުންނަ ހުރުމުގައި އެކައުންޓުން އެހެން މީހުން ނާޖާއިޒު މުއާމަލާތްތައް ކޮށްފައި އެބަހުއްތެވެ. މިއީ ރާއްޖޭން ބޭރުގެ ބައެއް ގައުމުތަކުގައިވެސް ހިނގަމުން ކުށްކުށެވެ. އެހެންކަމުން އީމެއިލްގައިވެސް ސަލާމަތީގޮތުން ވަރުގަދަ ޕާސްވޯޑް ބޭނުންކުރުމާއި ބްރައުޒަރތަކުގައި އިންޓަރނެޓް ބޭންކިންގ ތަފްސީލާއި ކާޑުގެ މައުލޫމާތު ސޭވް ނުކުރުމަކީ ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ވަރަށްމުހިންމު ފިޔަވަޅެކެވެ.

ބޭންކްތަކާއި ފުލުހުންގެ އިތުރުން އެހެން އިދާރާތަކުން އާންމުން ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރަމުންދެއެވެ. އެހެންނަމަވެސް އަދިވެސް ބައެއް ކަސްޓަމަރުންނަށް އަންނަ ކޯލްތަކާއި އީމެއިލްތައް މެދުވެރިކޮށް ދޭން ނުޖެހޭ މުހިންމު މައުލޫމާތު ދެމުންދާކަން ފާހަގަކުރެވޭކަމަށް ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބަ ގުޅާ އެކައުންޓުން ފައިސާ ގެއްލިގެން. މިފަދަ މައްސަލަތަކަށް ބަލާއިރު މި އޮންނަނީ އީމެއިލް ކޮންމްޕޮރޮމައިޒްވެގެން ނުވަތަ ބްރައުޒަރގައި ނުވަތަ އީމެއިލްގައި ޕާސްވޯޑް ސޭވްކޮށްފައި އޮތުމުގެ ސަބަބުން އެހެން ފަރާތަކަށް އިންޓަރނެޓް ބޭންކިންގއަށް ވަދެ އޯޓީޕީ ބޭނުންކޮށްގެން މުއާމަލާތްކުރުމުގެ ފުރުސަތުދެވިފައި. މި ހާލަތްތަކުގައި ކަސްޓަމަރުން އެބަ އެދޭ ފައިސާ ލިބޭ ފަރާތުގެ މައުލޫމާތު ހާމަކުރުމަށް. މި މައުލޫމާތު އަލުގަނޑުމެންނަށް ދެވެން މި އޮންނަނީ ތަހުގީގީ އިދާރާތަކަށް، އެހެންކަމުން އަޅުގަނޑުމެން އެދެނީ ޕޮލިހަށް މައްސަލަ ހުށަހަޅަން. މިކަމުގެ ހިތްހަމަނުޖެހުން ކަސްޓަމަރުންގެ އެބަހުރި. އެހެން ނަމަވެސް މިކަމުގައި ބޭންކުން އަމަލުކުރަމުން މިދަނީ ގާނޫނާއި ގަވާޢިދާ އެއްގޮތަށް. ފުލުހުންގެ ފަރާތުން ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ބޭންކުން ދަނީ ފޯރުކޮށްދެމުން." ސަޢީދު ވިދާޅުވިއެވެ.

ކާޑުން ފައިސާ ކެނޑޭ މައްސަލަތަކާ ގުޅޭގޮތުން ސަޢީދު ވިދާޅުވީ ބީއެމްއެލްއާ ގުޅިފައިވާ ކާޑު ނެޓްވޯކްތަކަކީ މުޅިދުނިޔެއަށް ބަލާއިރުވެސް އެންމެމަގްބޫލު އަދި ރައްކާތެރި ކާޑު ނެޓްވޯކްތައްކަމަށެވެ. ބޭންކުތަކުން ކާޑުގެ މައުލޫމާތު ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ކަސްޓަމަރުންނަށް މާލީ ގެއްލުންނުވާނެހެން ގާއިމްކުރެވޭ ނިޒާމްތައް އަބަދުވެސް އެ ނެޓްވޯކްތަކުން މޮނިޓަރކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ހަމައެހެންމެ ކާޑުތަކުން ހިންގާ އެންމެހާ މުއާމަލާތްތައް ދެނެގަތުމަށް ހަރުދަނާ ގަވައިދުތަކާއި އުސޫލުތަކުގެ އިތުރުން ހަރުދަނާ އިންޓާނަލް ކޮންޓްރޯލްތައްވެސް ބީއެމްއެލްގައި ވަނީ ގާއިމްކޮށްފައިކަން ސަޢީދު ފާހަގަކުރެއްވިއެވެ.

ކަސްޓަމަރުގެ އީމެއިލަކީ އިންޓަނެޓް ބޭންކިންއާއި އަމިއްލަ އެކި ބޭނުންތަކުގައި ބޭނުންކުރާ ވަސީލަތަކަށް ވީހިނދު، ސެކިއުރިޓީ ގޮތުން ވަރުގަދަކުރުމާއި ފޯނަށް އަންނަ އެއްވެސް ކޯޑެއް އެއްވެސް ފަރާތަކާ ހިއްސާނުކުރުމަކީވެސް ރައްކާތެރިކަން ހޯދުމަށް ސަމާލުކަން ދޭންޖެހޭ މުހިންމު ކަމެކެވެ. އަދި ބްރައުޒަރތަކުގައި ތާޒީ މައުލޫމާތުތައް ސޭވްނުކުރުމަކީވެސް ބުއްދިވެރިކަމެކެވެ.