ކުޅިވަރު

ރިސޯޓް ލީގު: ޗެމްޕިއަން ސޮނޭވާ ފުށި ބަލިވިއިރު، ލަނޑާ ގިރާވަރަށް ރަނގަޅު ފެށުމެއް


ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2022 ގެ ބ. އަތޮޅުގެ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ސޮނޭވާ ފުށިން ކުޅުނު ފުރަތަމަ މެޗުން ބަލިވިއިރު، މުބާރާތް ބާއްވާ ފޯ ސީޒަންސް ލަނޑާ ގިރާވަރުން ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ފެށުން ރަނގަޅުކޮށްފިއެވެ.

ލަނޑާ ގިރާވަރު ގެ ފުރަތަމަ މެޗު ކާމިޔާބުކުރީ ރީތި ބީޗް އަތުން 5-0 ގެ ނަތީޖާއަކުންނެވެ. ރީތި ބީޗު ކޮޅަށް ލަނޑާ ގިރާވަރުން މި މެޗުގެ ފުރަތަމަ ހަ މިނެޓުގެ ތެރޭގައި ދެ ލަނޑުގެ ލީޑެއް ނެގިއެވެ. މި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އަޒީމެވެ. އެގޮތުން ފުރަތަމަ ލަނޑު މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި ފެނިގެންދިޔަ އިރު ދެވަނަ ލަނޑު އޭނާ ކާމިޔާބުކުރީ ހަ ވަނަ މިނެޓުގެ ތެރޭގައެވެ.

މެޗުގެ 13 ވަނަ މިނެޓުގައި ލަނޑާ ގިރާވަރުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ނާޖިހު ނަޖްމީ އެވެ. މި ލަނޑު ޖެހިތާ ތިން މިނެޓުފަހުން ހުސެއިން ޖަވާދު އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރި އިރު މެޗުގެ އެންމެ ފަހު މިނެޓުކޮޅު ތެރޭގައި ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު އަފްނާނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލަނޑާ ގިރާވަރުގެ އަހުމަދު އަފްނާނެވެ.

މި ޒޯނުގައި މިހާތަަނަށް ތިން ފަހަރެއްގެ މަތިން ރިސޯޓު ލީގު ވަނީ ބާއްވާފައެވެ. މުބާރާތް ބާ ޒޯނުގައި ބާއްވާފައިވަނީ 2014، 2016 އަދި 2019 ގައެވެ. އެ ތިން ފަހަރުވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސޮނޭވާފުއްޓެވެ.

ނަމަވެސް މިއަހަރުގެ މުބާރާތުގައި ސޮނޭވާފުށި ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ. ގްރޫޕް ބީ ގައި ކުޅުނު މި މެޗުން ސޮނޭވާފުށި ބަލިވީ މިލައިދޫ އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި މިލައިދޫ އިން ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައި ވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށްވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ނަސީރެވެ. ފުރަތަމަ ހާފު މި ނަތީޖާގައި އޮވެ ނިމުނުއިރު، މި މެޗުގެ ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައި މުހައްމަދު އަކުރަމް ވަނީ މިލައިދޫގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ކެޕްޓަން އަލީ ޒުބައިރެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ބ. އަތޮޅުގައި މި މުބާރާތް ކުރިޔަށްދަނީ ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭ ގައި ހިމެނޭ ޓީމުތަކަކީ ފޯ ސީޒަންސް، ރީތި ބީޗް، އަނަންތަރަ ކަހާވަށް ވިލާސް، ނޮޓިލަސް އެވެ. ގްރޫޕް ބީގަ ހިމެނެނީ ސޮނޭވާފުށި، މިލައިދޫ އަދި ވައްކަރެވެ.