ޚަބަރު

ރަޝިޔާއިން ޔޫކްރެއިނުގެ ވެރިރަށަށް ބޮންއަޅަނީ


ޔޫކްރެއިނުގެ ވެރިރަށް ކީވްގެ އިތުރުން ބޮޑެތި އެހެން ރަށްތަކަށް ރަޝިޔާއިން ބޮން އަޅަން ފަށައިފިއެވެ. ކީވްގެ އިތުރުން ރަޝިޔާގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ހުޅަނގުގައިވާ ލްވީވް، ޓެރްނޮޕިލް އަދި ޒޮޓްމީރާއި، މެދުތެރޭގައިވާ ޑްނީޕްރޯއާއި ކްރެމެންޗުކްގެ އިތުރުން ދެކުނުގައިވާ ޒަޕޮރީޜިޔާއާއި އިރުމަތީގައިވާ ޚާރްކިވްއަށެވެ.

މި ހަމަލާތަކުގައި ޢާންމުންގެ 10 މީހުން މަރުވެފައިވާ ކަމަށާއި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވި ކަމުގައި ޔޫކްރެއިނުގެ އޮފިޝަލުން ބުނެއެވެ. ރަޝިޔާއިން އެ ސަރަޙައްދުތަކަށް ހަމަލާދީފައި ވަނީ ކްރޫޒް މިސައިލް ބޭނުންކޮށްގެންނެވެ. މިސައިލު ހަމަލާތައް ދިނުމަށް އެއްގަމު އުޅަނދުފަހަރާއި، މަނަވަރުތަކާއި އަސްކަރީ މަތިންދާބޯޓުތައް ބޭނުންކޮށްފައިވާ ކަމުގައި ރަޝިޔާގެ އަސްކަރިއްޔާއިން ބުނެއެވެ.

މި ހަމަލާތައް އަމާޒުކޮށްފައިވާ ގިނަ ސަރަޙައްދުތަކުން ކަރަންޓާއި ފެނުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމުގައި ޔޫކްރެއިނުގެ އޮފިޝަލުން ބުނެއެވެ. މިއީ، ފެބުރުވަރީ 24 ހަނގުރާމަ ފެށި ފަހުން ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރެއިނުގެ އަމާޒުތަކަށް ދީފައިވާ އެންމެ ނުރައްކާތެރި ހަމަލާތަކެވެ.

ރަޝިޔާއިން ޔޫކްރެއިނުގެ އަމާޒުތަކަށް 81 ކްރޫޒް މިސައިލް ފޮނުވައިލި ކަމަށާއި، އޭގެ ތެރެއިން 43 މިސައިލް ވައިގެ ތެރޭގައި ގޮއްވައިލާފައިވާނެ ކަމުގައި ޔޫކްރެއިނުގެ އަސްކަރިއްޔާއިން ބުނެއެވެ. އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ، ރަޝިޔާގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ޢުމްރާނީ ވަސީލަތްތަކާއި، އިންޖީނުގެތަކާއި ޢާންމުންގެ ގެދޮރާއި ޕާކުތަކަށް ކަމުގައެވެ.

"ރަޝިޔާ ސިފައިން ހަމަލާތައް ދީފައި ވަނީ އެންމެ ކާރޫބާރޫ ބޮޑު ދަނޑިވަޅު ބަލާފައި. ބޭނުމަކީ ވީހާވެސް ބޮޑު ގެއްލުންތަކެއް ދީ، ވީހާވެސް ގިނަ އަދަދެއްގެ ބަޔެއްގެ ފުރާނަ ނަގައިލުން،" ޒެލެންސްކީ ވިދާޅުވިއެވެ. މި ހަމަލާތަކާ ގުޅިގެން ޕުޓިންއަކީ ޓެރެރިސްޓެއްގެ ގޮތުގައި ޔޫކްރެއިނުގެ ޚާރިޖީ ވަޒީރު ޑްމިޓްރޯ ކުލެބާ ވެސް ވަނީ ސިފަ ކުރައްވާފައެވެ.

ރަޝިޔާއިން ޔޫކްރެއިނުގެ މައި ރަށްތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައި މި ވަނީ، ރަޝިޔާއާއި ކްރައިމިޔާ ގުޅައިދޭ މައި ބުރިޖުގައި ދަތުރު ކުރަމުންދިޔަ އުޅަނދެއްގައި ބޮމެއް ގޮއްވައިލައިގެން ދިން ހަމަލާއެއްގައި ބޮޑެތި ގެއްލުންތަކެއް ލިބުމުން، އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވަނީ، އެ ހަމަލާގެ ފަހަތުގައި ވަނީ ޔޫކްރެއިނުގެ ޖާސޫސީ އިދާރާގެ ސިފައިން ކަމުގައި ތުހުމަތު ކުރައްވާފައެވެ.

"ބުރިޖަށް ދީފައި ވަނީ ޓެރެރިސްޓު ހަމަލާއެއް ކަން ކަށަވަރު. ކީވްގެ ސަރުކާރުން މިހާރު އެ ތިބީ ޓެރެރިސްޓުންނާ އެއް ސަފެއްގައި. އެއް ފަންތިއެއްގައި. އެ ހަމަލާގެ ބަދަލު ނުހިފާ ދޫކޮށްލެވޭކަށް ނެތް. އެ ހަމަލާގެ ފަހަތުގައި ވަނީ ޔޫކްރެއިނުގެ އަސްކަރިއްޔާގެ ޖާސޫސީ ސިފައިން،" ޕުޓިން ވިދާޅުވިއެވެ.

"ޓެރެރިސްޓުންނަށް އޮތް ހަމައެކަނި ގޮތަކީ މަރު. ހަމަލާތަކަށް ރައްދު ދެވޭނެ އޮތީ އެންމެ ގޮތެއް. އެއީ، ޓެރެރިސްޓުން މެރުން. މިއީ ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް އަމަލު ކުރަމުންދާ ގޮތް. ރަޝިޔާގެ ރައްޔިތުން ވެސް އެ ނޫން ގޮތެއް ބޭނުމެއް ނުވޭ،" ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ މުޤައްރަރުގެ ނައިބު ޑިމިޓްރީ މެޑްވެޑެފް ވިދާޅުވިއެވެ.

ބުރިޖުގައި ގޮއްވައިލާފައިވާ އުޅަނދުގައި ބޮން ހަރު ކުރުމުގައި ރަޝިޔާގެ ރައްޔިތުންގެ އިތުރުން އެހެން ޤައުމުތަކަކަށް ނިސްބަތްވާ ބަޔަކު ވެސް ބައިވެރިވެފައިވާ ކަމުގައި ރަޝިޔާގެ މައި ތަހުޤީޤީ އިދާރާއިން ބުނެއެވެ. އެ ބުރިޖަކީ ރަޝިޔާގެ ބަނދަރުމަތީ ރަށެއް ކަމުގައިވާ ސެވާސްތަޕޯލްއާއި ކްރައިމިޔާ ގުޅައިދޭ ބުރިޖެކެވެ. ޔޫކްރެއިނުގެ ދެކުނުގެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ރަޝިޔާގެ ސިފައިންނަށް މުދަލާއި ހަތިޔާރު ފޯރުކޮށްދިނުމަށް ބޭނުން ކުރާ މައި މަގަކީ އެ ބުރިޖެވެ.

ޔޫކްރެއިނުގެ މައި ރަށްތަކަށް ރަޝިޔާއިން ބޮންއަޅަން ފަށާފައިވާއިރު، ހަނގުރާމައިގެ ތެރެއަށް އެހެން ޤައުމުތަކުން ވަންނަން އުޅޭ ކަމުގެ ނިޝާންތައް ވަނީ ފެންނަން ފަށާފައެވެ. މި ހަނގުރާމައިގައި ރަޝިޔާއަށް ވަގިވެރިވެދޭ ޤައުމެއް ކަމުގައިވާ ބެލަރޫސްއިން ވަނީ، ރަޝިޔާ ސިފައިންނަށް އެހީތެރިވުމަށް އެ ޤައުމުގެ ސިފައިން ހަނގުރާމައިގެ މައިދާނަށް ފޮނުވަން ތައްޔާރުވަމުންދާ ކަމުގައެވެ.

ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވާން ނިންމާފައި ވަނީ ޔޫކްރެއިނުން ބެލަރޫސްގެ އަމާޒުތަކަށް ހަމަލާދޭން ރަވަމުންދާތީ ކަމުގައި އެ ޤައުމުގެ ރައީސް އެލެގްޒެންޑަރ ލުކަޝެންކޯ ވިދާޅުވިއެވެ.