ޚަބަރު

ޕާކިސްތާނަށް އެހީވުމަށް، އެމް.އެން.ޔޫއިން ޚާއްސަ ކޭމްޕެއް!


ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައިޖެހުނު އެޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީން "ހެލްޕް ޕާކިސްތާން"ގެ ނަމުގައި ޚާއްސަ ކޭމްޕެއް ފަށައިފިއެވެ.

މި ކޭމްޕަކީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ދަރިވަރުންގެ ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދާ ކޭމްޕެކެވެ.

"ހެލްޕް ޕާކިސްތާން" ނަމުގައި ކުރިއަށްގެންދާ މި ކޭމްޕް ފެށުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ހައިކޮމިޝަނަރުގެ ނައިބު ޒުލްޤަރްނައިން އަޙްމަދު ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ހައިކޮމިޝަނަރުގެ ނައިބު ޒުލްޤަރްނައިން އަޙްމަދު ވަނީ ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ރާއްޖޭގެ ފަރާތުން ދެމުން ގެންދާ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ބޮޑު ކާރިޘާއެއް ކުރިމަތިވީ މޫސުމީ ބަދަލުތަކާ ގުޅިގެންކަމަށާ މި ކާރިޘާގައި 33 މިލިއަން މީހުންނަށް އަސަރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިކާރިސާގައި އެތައް ހާސް ބަޔަކުވަނީ މަރުވެ ގޮސްފައި. 2 މިލިއަނެއްހައި ގެތައް ހަލާކުވެފައިވޭ. މިއީ އެތައް އާއިލާތަކަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ގެއްލުމެއް. އަދި ކުޑަކުދިންނަށް ވަނީ އެތައް ސްކޫލްތަކެއްވެސް ގެއްލިފައި." ޒުލްޢަރްނެއިން އަޙްމަދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ ޕާކިސްތާނަށް އެހީތެރިވުމުގެ ގޮތުން ފަންޑު ފޮއްޓެއްވެސް ރަސްމީކޮށް ބަހައްޓާފައެވެ. ފަންޑުފޮށި ރަސްމީކޮށް ހުޅުއްވައިދެއްވީ ޕާކިސްތާނުގެ ހައިކޮމިޝަނަރުގެ ނައިބު ޒުލްޤަރްނައިން އަޙްމަދެވެ.

ޕާކިސްތާނުގައި ޙާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައިކޮމިޝަނާއި، ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން އިސްނަގައިގެން، ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން ވަނީ ޚާއްސަ ޓެލެތޯނެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި ޓެލެތޯނަށް 2.8 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.