ޚަބަރު

ފުޓުބޯޅަ ފޯރީގައި އާޖެންޓީނާގައި ހަމަނުޖެހުންތަކެއް


ފުޓުބޯޅަ ފޯރީގައި އާޖެންޓީނާގެ ރަށެއް ކަމުގައިވާ ލަ ޕްލާތާގައި ހިނގި ހަމަނުޖެހުންތަކެއްގައި އެކަކު މަރުވެއްޖެއެވެ. މި ހަމަނުޖެހުންތައް ފެށުނީ ބޮކާ ޖޫނިއަރސްއާއި ހިމްނާސިޔާ އީ އެސްގްރިމާ ބައްދަލު ކުރި ފޯރިގަދަ ފުޓުބޯޅަ މެޗެއް ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު ދަނޑަށް ވަނުމަށް މަސައްކަތް ކުރުމުގެ ތެރޭގައެވެ.

މެޗު ބެލުމަށް ޖަމާވި ސަޕޯޓަރުން ވަދެ ލަ ޕްލާތާގެ ފުޓުބޯޅަ ދަނޑު ފުރުނު ފަހުން ވެސް، އިތުރު 10,000 އަށްވުރެ ގިނަ މީހުން ދަނޑަށް ވަންނަން މަސައްކަތް ކުރި ކަމަށާއި، ހަމަނުޖެހުންތައް ފެށުނީ ވެރިރަށް ބުއެނޮސް އައިރިސްގައި ކަމަށް އާޖެންޓީނާގެ ކުޅިވަރާ ބެހޭ އިދާރާއިން ބުނެއެވެ. އަދި، ހަމަނުޖެހުންތައް ލަ ޕްލާތާއަށާއި ދަނޑުގެ ތެރެއަށް ފެތުރި، ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑު މައްޗަށް އަރައި ވެސް ހަމަނުޖެހުން ހިންގާފައިވާ ކަމުގައި އެ އިދާރާއިން ބުނެއެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް އާޖެންޓީނާގެ ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ. އަދި، ރަބަރު ވަޒަނާއި ކަރުނަ ގޭސް ޖަހައި، ދަނޑަށް ޖަމާވެފައިވާ މީހުން އެ ތަނުން ބޭރު ކުރަން މަސައްކަތް ކޮށްފައެވެ. މި ހަމަނުޖެހުންތަކުގައި މަރުވީ 57 އަހަރުގެ މީހެކެވެ. އޭނާ މަރުވީ، ހަމަނުޖެހުން ހިނގަމުންދިޔަ ވަގުތު ހާޓް އެޓޭކެއް ޖެހިގެން ކަމުގައި އޮފިޝަލުން ބުނެއެވެ.

މި ހާދިސާގައި ވަޒަން އަރައިގެން ކެމެރާމަނަކު ޒަޚަމުވި އިރު، ކަރުނަ ގޭހުގެ އަސަރު ކޮށްގެން ގިނަ އަދަދެއްގެ ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ. އަދި، މެޗު ފެށިތާ ނުވަ މިނެޓަށް ފަހު، ރެފުރީ ވަނީ މެޗު ހުއްޓުވައިލާފައެވެ. މި ހާދިސާގައި އެއްވެސް ކުޅުންތެރިއަކަށް އަދި އޮފިޝަލަކަށް އަނިޔާއެއް ނުވެއެވެ.

ދެ ކުލަބުން ވެސް ވަނީ ހަމަނުޖެހުންތައް ކުށްވެރި ކޮށްފައެވެ. އާޖެންޓީނާއަކީ ފުޓުބޯޅަ ފޯރި ގަދަ ޤައުމެކެވެ. އެ ޤައުމުގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފަށާފައި ވަނީ 1930ގެ އަހަރުތަކުގެ ތެރޭގައެވެ. އޭގެ ފަހުން، ފުޓުބޯޅަ ފޯރީގައި ހިނގާފައިވާ ތަފާތު އެކި ހާދިސާތަކުގައި 300އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުން މަރުވެފައި ވަނީ 1990ގެ އަހަރުތަކުގެ ތެރޭގައި ހިނގާފައިވާ ހަމަނުޖެހުންތަކުގައެވެ.

ހުސްވި ހަފުތާގެ ތެރޭގައި އިންޑޮނީޝިޔާގައި ވެސް ފުޓުބޯޅަ މެޗެއްގެ ތެރެއިން ހަމަނުޖެހުންތަކެއް ހިނގައި 131 މީހުން ވަނީ މަރުވެފައެވެ. އެއީ، ފުޓުބޯޅައިގެ ތާރީޚުގައި ވެސް ހިނގާފައިވާ މި ފަދަ އެންމެ ހިތާމަވެރި ހާދިސާއެވެ. އެ ހާދިސާގައި ވެސް ހަމަނުޖެހުން ހިންގަމުންދިޔަ މީހުން ހުއްޓުވުމަށް ފުލުހުން ކަރުނަ ގޭސް ޖަހާފައިވެއެވެ.