ޚަބަރު

މާލޭގައި ކުންޏާ ގުޅޭ ރެޒިޑެންޓަލް މާރކެޓް ސާވޭއެއް ފަށައިފި


ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުން މާލޭގެ ކުނި ނެންގެވުމުގެ ޚިދުމަތް ތަރައްޤީކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ރެޒިޑެންޓަލް މާރކެޓް ސާވޭއެއް ފަށައިފިއެވެ.މިއަދު އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސާރވޭ އިފްތިތާޙްކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމެވެ. ރެސިޑެންޓަލް މާކެޓްސާވޭއަކީ މާލޭގެ ގޭގެއިން ކުނި ކަލެޓްކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުން ކުރާ ސާވޭއެކެވެ. ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ނުވަތަ ވެމްކޯއަކީ މާލޭ ސަރަޙައްދުގެ ވޭސްޓްމެނޭޖްމެންޓްގެ މަސައްކަތަށް ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏެކެވެ.ރެސިޑެންޓަލް މާރކެޓް ސާރވޭ އިފްތިތާޙްކުރުމުގެ ގޮތުން ސާވޭގެ ފުރަތަމަ ފޯމު ފުރުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ވިދާޅުވީ މާލޭގެ ކުނީގެ މައްސަލައަށް މިއަހަރު ނިމެންވާއިރަށް ޙައްލެއް ހޯއްދެވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިފެށުނު ސާރވޭއަކީވެސް މިމަސައްކަތް ފެށުމަށް ބޭނުންވާ ވަރަށް މުހިންމު މަޢުލޫމާތުތަކެއް އެއްކުރެވޭނެ ސާވޭއެއްކަމުން، މާލޭގެ ރައްޔިތުން މިސާވރޭއަށް ބޮޑަށް އެއްބާރުލުން ދިނުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. މިނިސްޓަރ ޠާރިޤް ވިދާޅުވީ މާލޭގައި ކުނިމެނޭޖްކުރެއްވުމުގެ މަސައްކަތް ފެއްޓެވުމުން މިހާރު މާލޭގައި ކުނި ކަލެކްޓްކުރާއިރު ކުނިއުފުލާ ވެހިކަލުން ނުބައިވަސް ދުވުންފަދަ މައްސަލަތަކަށްވެސް ޙައްލު ލިބިގެންދާނެކަމަށެވެ.މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން މާލޭގައި ކުނި ކަލެޓްކުރުމުގެ ޒަމާނީ ނިޒާމެއް ޤާއިމުކުރައްވާނެކަމަށެވެ.ވެމްކޯއިން މާލޭގައި ކުރިޔަށްގެންދަވާ މިސާވޭ ކުރިޔަށް ގެންދަވާނީ މާލެ އެކިބައިތަކަށް ބަހާލައިގެން، 4 ފިޔަވައްސަކަށް ބަހާލައްވައިގެންކަމަށް ވެމްކޯއިން މަޢުލޫމާތު ދެއްވައެވެ. މިސަރވޭގައި ގޭބިސީތަކުން އެއްކުރާ މަޢުލޫމާތުގެ އިތުރުން ޚިދުމަތްދޭ ފަރާތްތަކާއި އަދި ކަމާގުޅޭ މުއައްސސާތަކުންވެސް މަޢުލޫމާތު އެއްކުރެވޭނެކަމަށް ވެމްކޯއިން ބުނެއެވެ.