 
										
			ޔަމަނުގައި ސުލްހަ ދެމެހެއްޓުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް އެ ޤައުމުގެ ހޫތީ ހަނގުރާމަވެރިން ދެކޮޅު ހެދުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފިއެވެ. 
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ހާއްސަ މަންދޫބު ހާންސް ގްރަންޑްބާގް ހުށަހަޅުއްވާފައިވާ ސުލްހަ ދެމެހެއްޓުމުގެ ހުށަހެޅުމަށް  ހޫތީ ހަނގުރާމަވެރިން ދެކޮޅު ހެދުން ރާއްޖެއިން ކުށްވެރިކުރާކަމަށެވެ.  
ފޮރިން މިނިސްޓްރީގެ ބަޔާނުގައި އދ. އާއި ގަލްފުން ލަފާދީފައިވާ ފަދައިން ޔަމަނުގެ މައްސަލައަށް ސިޔާސީ ހައްލެއް ގެނައުމަށް ރާއްޖެއިން ތާއީދުކުރާ ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން ޔަމަނުގެ ސުލްހައާއި ހަމަޖެހުމަށް ސައުދީ އަރަބިއްޔާއިން ކުރަމުންދާ މަސައްކަތަށްވެސް ދިވެހި ސަރުކާރުން ތާއީދުކުރާކަންވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.