ޚަބަރު

ޖޭއެސްސީ އިސްލާހުކުރުމުގެ މަޝްވަރާއަށް މަދަނީ ޖަމްޢިއްޔާތަކަށް ދައުވަތު


ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމާއި ގުޅޭ މަޝްވަރާގައި ބައިވެރިވުމަށް މަދަނީ ޖަމްޢިއްޔާތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

ޖޭއެސްސީގެ އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދެކެވެ. އެ މަސައްކަތް މިމަހު ފަށާފައިވާއިރު އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ޖޭ.އެސް.ސީ އިޞްލާޙުކުރުމާއި ގުޅޭ މަޝްވަރާގައި ބައިވެރިވުމަށް ބޭނުންވާ މަދަނީ ޖަމިއްޔާތަކަށް އެ ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ޖޭއެސްސީން އާންމުކޮށްފައިވާ އޮންލައިން ފޯމެއް މެދުވެރިކޮށް މިހާރު ރަޖިސްޓްރީ ވެވޭނެކަމަށެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރުމުގެ މަސައްކަތް އަމަލީގޮތުން ފަށައި އެންމެ ފުރަތަމަ ފުރަތަމަ ބައްދަލުކުރީ ސުޕްރީމް ކޯޓުގައި ޖޭއެސްސީގެ މެމްބަރުންނާއެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތުން އެ ކޮމިޝަނުގައި 10 މެމްބަރުން ތިބެއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރު، ރައީސުލްޖުމްޙޫރިއްޔާގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު، އަދި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިޚާބުކުރި ޤާނޫނީ ވަކީލެވެ.

ޖޭއެސްސީ އެކުލެވިގެންވާގޮތް މުރާޖަޢާކޮށް، ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމަކީ، ޝަރުޢީދާއިރާ އިސްލާޙުކުރުމަށް މިސަރުކާރުން ވެފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ވައުދެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ ޖޭއެސްސީއަކީ އެއްވެސް ސިޔާސީ ނުފޫޒެއް ނެތް މިނިވަން ތަނަކަށް ހެދުމެވެ.

އޭޖީ އޮފީހުން ވިދާޅުވީ ޤާނޫނުއަސާސީގެ ބަޔާންކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ދެފުށް ފެންނަ ސިޔާސީ ނުފޫޒުން މިނިވަން ވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށްޓަކައި، ކަމާގުޅޭ ބައިނަލްއަޤުވާމީ ހަމަތަކާއި އުސޫލުތަކަށް ރިޢާޔަތްކޮށް ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާޙުތައް އޭޖީ އޮފީހުން އެކުލަވާލާ ބިލްގައި ހިމަނާނެ ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ ތެރޭގައި މިބިލް މަޖިލީހަށް ހުށަހެޅުމަށް ނިންމަވާފައިވާކަމަށްވެސް އޭޖީ އޮފީހުގެ ޑިރެކްޓަރ ކޮމިއުނިކޭޝަން ޙުސައިން ޙަސަން ވިދާޅުވިއެވެ.