ޚަބަރު

ބަހްރެއިނަށް ރައީސް ކުރައްވާ ދަތުރުފުޅުގައި 4 އެއްބަސްވުމެއް


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ބަހްރައިނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ހަތަރު އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް ރައީސސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާން މިޢުވާން މުހައްމަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބަހްރެއިންނަށް ކުރައްވާ ދަތުރުފުޅުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ހަތަރު އެއްބަސްވުމުގެ ތެރެއިން 3 އެއްބަސްވުމަކީ ޚާރިޖީ ދާއިރާގެ އެއްބަސްވުންތައްކަމަށެވެ. އަދި ހަތަރުވަނަ އެއްބަސްވުމަކީ ކުޅިވަރުގެ ދާއިރާއިން ވެވޭ އެއްބަސްވުމެއް ކަމަށް މިޢުވާން ވިދާޅުވިއެވެ.

ސޮއިކުރައްވާ އެއްބަސްވުންތައް:


1- ޕޮލިޓިކަލް ކޮންސަލްޓޭޝަން ކުރިއަށް ގެންދިއުމާ ގުޅޭ އެއްބަސްވުން
2- ފޮރިން ސާވިސް އިންސްޓިޓިއުޓް މޯލްޑިވްސް އާއި ބަހްރައިންގެ މުހައްމަދު ބިން މުބާރަކް އަލް ޚަލީފާ އެކަޑަމީ ފޯ ޑިޕްލޮމެޓިކް ސްޓަޑީޒްއާ ދެމެދު ސޮއިކުރާ އެއްބަސްވުން
3- މޫސުމީ ބަދަލުތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ގާއިމުކުރެވޭ އެއްބަސްވުން
4- ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ އިން ދެ ގައުމުގެ ދެމެދުގައި ގާއިމުކުރާ އެއްބަސްވުން

މި އެއްބަސްވުންތަކުގެ ތެރެއިން ހާރިޖީ ދާއިރާގެ ތިން އެއްބަސްވުމުގައި ސޮއިކުރައްވާނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އަދި ކުޅިވަރުގެ އެއްބަސްވުމުގައި ސޮއިކުރައްވާނީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އާއި ބަޙްރައިންގެ ރަސްގެފާނާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެއެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިޔާއާ އެމަނިކުފާނުގެ އަނބިކަނބަލުން، ބަޙްރައިން ސަރުކާރުގެ އެހެން ބައެއް ޢިއްޒަތްތެރިންނާވެސް ބައްދަލުކުރައްވާނެއެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމާއި، ދެޤައުމުގެ ދެމެދު ބައެއް އެއްބަސްވުންތައް ބަދަލުކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ބަޙްރައިންގެ ރަސްގެފާނު ބާއްވަވާ ރަސްމީ ޖާފަތެއްގައި ބައިވެރިވެވަޑައިގެންނެވުމާއި މަތީފަންތީގެ ބައްދަލުވުންތައް ބޭއްވެވުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި މި ދަތުރުފުޅުފައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދުގެ ބޭފުޅުން މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު 8 ވާ ހޮނިހިރު ދުވަހުގައެވެ.