ރާއްޖޭގެ ސްކޫލްތަކުގައި 8000 އަށްވުރެ ގިނަ މުދައްރިސުން ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި ރެއާ ދުވާލު މަސައްކަތް ކުރަމުން އަންނައިރު އެހެންކަންތައްތަކަށް ވަގުތު ދިނުމަކީ ވަރަށް ބޮޑު ދަތިކަމަކަށްވެއެވެ. އަހަރުގެ ދުވަސްތަކުގެ ތެރެއިން ގިނަ ދުވަސްތަކުގައި ދަރިވަރުންނަށް ކިޔަވައިދިނުމަށް ބުރަކޮށް މަސައްކަތް ކުރަމުން އައިސް ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހަކީ މުދައްރިސުންނަށް ، ދަރިވަރުންނާއި ބެލެނިވެރިންނާއި އެހެނިހެން ފާރާތްތަކުންވެސް އެބޭފުޅުންގެ މަސައްކަތްތައް ކުލަގަދަކޮށް ފާހަގަ ކުރާ ދުވަހެވެ.
ނަމަވެސް އެ އުފާވެރި ދުވަސް ފާހަގަކުރިނަމަވެސް ދުވަހުގެ ބޮޑުބައި ހޭދަކުރަނީ މުދައްރިސުންގެ މަސައްކަތުގައެވެ. އިއްޔެ މުދައްރިސުންގެ ދުވަސް ފާހަގަކުރިއިރު މުދައްރިސުންގެ ވަގުތުތަކުގެ ތެރެއިން އެއްބައި ޚާއްސަ ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީއާއެކުގައެވެ.
ގާތްގަނޑަކަށް 8000 އެއްހާ މުދައްރިސުން އެއް ވަގުތެއްގައި އިންޓަރނެޓްގެ ޒަރިއްޔާއިން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ހަރުދަނާ ޖީލެއް ބިނާކުރުމަށް މުދައްރިސުން ކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ. މި ބައްދަލުކުރުމުގެ މައިގަނޑު ބޭނުމަކީ މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް އަގުވަޒަންކޮށް މުދައްރިސުންގެ ހުރި ކަންބޮޑުވުންތައް އަޑު އެއްސެވުމެވެ.
އޮންލައިންކޮށް އެއްވަގުތެއްގައި މުދައްރިސުންނާ މިނިސްޓަރ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވަނީ މުޖުތަމަޢުގެ ހަމަހިމޭންކަމާއި އުފާވެރިކަން ބިނާވެފައި އޮންނާނީ ކުޑަކުދީންނާއި ޒުވާނުންގެ ތަރުބިއްޔަތުގެ މައްޗަށްކަން ފާހަގަކުރައްވާ ކުޑައިރުގެ ތަރުބިއްޔަތަކީ ވަރަށް މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވަފައެވެ. އަދި އެ ކަންކުރާ މުދައްރިސުންނަކީ ވަރަށް މުހިއްމު ބައެއްކަން މިނިސްޓަރ ފާހަގަކުރައްވާފައެވެ.
"މީހުންގެ ޅަފަތުގައި ނޫނީ އެމީހުން ތަރުބިއްޔަތު ކުރަން ފަސޭހައެއް ނުވާނެ. ގަހެއްގެ ގޮތްޕެއް ކުޑަ ނަމަ، ބޭނުން ގޮތަކަށް އެ ގޮފި ލަންބައި، ތެދުކޮށް ހެދޭނެ. ގޮފި ގިނަ ދުވަސްވެ ހަރުވުމުން، އެ ގޮފި ބޭނުންހާ ގޮތަކަށް ލެންބުމަކީ ވާނޭ ކަމެއް ނޫން. ކުޑަކުދީން ރަނގަޅު ސުލޫކުގައި، މަކާރިމުލްއަޚްލާޤްގެ ހަމަތަކާ އެއްގޮތަށް ތަރުބިއްޔަތު ނުކޮށްދެވޭ ނަމަ، އެ ކުދީން ބޮޑުމީހުންނަށް ވުމުން އެކުދީންގެ ފަރާތުން ފެނިގެންދާނީ އަޅުގަނޑުމެން އެދޭ އުޅުމެއް ނޫން. އެކުދީންގެ ފަރާތުން ގެއްލިގެންދާނީ މުޖުތަމަޢުގެ ހަމަހިމޭންކަމާއި އުފާވެރިކަން." މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު އަލީ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ މުޖުތަމަޢުގެ އަމަނާއި ޞުލްޙަ ބިނާވަނީ މުދައްރިސުންގެ މައްޗަށް ކަމުން އެކަން ތާޢަބަދު ހަނދާނުގައި ބެހެއްޓުމަށް އެދިވަޑައިގެންފައެވެ.
ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 8000 އަށްވުރެ ގިނަ މުދައްރިސުން މަސައްކަތް ކުރަމުން އަންނައިރު މިއން ބޮޑުބައެއް ހިއްސާ ވަނީ ދިވެހި މުދައްރިސުންނެވެ. 6000އަށް ވުރެ ގިނަ މުދައްރިސުންނަކި ދިވެހެިންނެވެ. މީގެ ތެރެއިންވެސް މިހާރު ގިނަ މުދައްރިސުންނަކީ ދާއިމީ މުދައްރިސުންނެވެ. ސަރުކާރުގެ އަމާޒަކީ މިހާރު ތިބި މުދައްރިސުންގެ ތަޢުލީމީ ފެންވަރު މަތިކޮށް ދިވެހި ބޭރު މުދައްރިސުން ތިބި މަޤާމުތަކަސް ދިވެހި މުދައްރިސުން ހަމަޖެއްސުމެވެ. މި އަމާޒަށް ވާޞިލްވުމަށްޓަކައި ސަރުކާރުން ވަނީ މުހިއްމު ފިޔަވަޅެއް އަޅާފައެވެ. އެއީ މުދައްރިސުންގެ މަސައްކަތުގެ އުޖޫރަ ބޮޑުކުރުމެވެ. މިއާއެކު ތަޢުލީމީ ދާއިރާއަށް ގުޅެން ބޭނުންވާ މީހުންގެ ޢަދަދު އިތުރުވެ ތަޢުލީމީ ދާއިރާ މިހާރަށްވުރެ އުޖާލާ ވާ މަންޒަރު ފެންނަން ފަށައިފިއެވެ.