ކުޅިވަރު

ކޯޕެންހޭގަން އަތުން ސިޓީއަށް ފަސޭހަ މޮޅެއް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީގައި އެފްސީ ކޯޕެންހޭގަންއާ ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ.

ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. މިމެޗްގައި ސިޓީގެ ފުރަތަމަ ލަނޑު މެޗްގެ 7 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަރލިންގ ހާލަންޑްއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ޖަހާދިނީވެސް ހާލަންޑެވެ.

މިމެޗްގައި ސިޓީއިން ކާމިޔާބުކުރި ތިންވަނަ ލަނޑަކީ ޑޭވިޑް ޙޮޗޮލާވާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗްގައި ސިޓީގެ ހަތަރުވަނަ ލަނޑު މެޗްގެ 55 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ރިޔާދު މަހްރެއިޒްއެވެ. އަދި ފަހު ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހޫލިއަން އަލްވަރޭޒްއެވެ. މިމެޗްގައި ސިޓީއިން ވަނީ ކޯޕެންހޭގަންގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މިހުރިހާ ހަމަލާއެއްވެސްވަނީ އެޓީމްގެ ކީޕަރ ކަމީލް ގްރަބާރާ ދިފާއުކޮށްފައެވެ.

މިކާމިޔާބީއާއެކު ސިޓީއިން މިވަނީ މިހާތަނަށް ކުޅުނު ތިންމެޗް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނައިގާ ފައި ހަރުކޮށްލާފައެވެ. އަދި ކޯޕެންހޭގަން އުޅެނީ އެއް ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ފުލުގައެވެ.